އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް، އާ ސިނާއަތުތަކެއް އީޖާދު ނުކޮށް، މިހެން ތިބެވެން އެބަ އޮތްތަ؟

އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް، އާ ސިނާއަތުތަކެއް އީޖާދު ނުކޮށް، މިހެން ތިބެވެން އެބަ އޮތްތަ؟

Author
ހުސެއިން
01 ޖޫން 2022 08:57
0

ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްޚީ އަދި ހަނގުރާމައިގެ ކާރިސާތަކުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެ މިއަދު މިސްރާބު ޖަހާފައިހުރީ އިގްތިސާދީ ފުން ވަޅުގަނޑަކާ ދިމާލަށެވެ.

2019ވަނަ އަހަރު ނިމި 2020ވަނަ އަހަރު ފެށިގެން ދިޔަތަނާއި ކަހަލަ ގޮތަކަށް ދުނިޔެ ކުރިމަތިލީ ކޯވިޑް ކާރިސާ ވެގެންދިޔައީ ސިއްޙީ ކާރިސާއެއްގެ އިތުރުން އިގްތިސާދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުންވެސް ދުނިޔެ ކުރިމަތިލާންޖެހުނު ބޮޑު ކާރިސާއަކަށެވެ. މިގޮތުން ކޯވިޑް19ގެ އާލަމީ ވަބާއާއި ކުރަން ޖެހުނު ހަގުރާމަ ވެގެންދިޔައީ ކުޑެއް ބޮޑެއް، މުއްސަދި ގައުމެއް ފަގީރު ގައުމެއް ތަފާތުވުމެއް ނެތި، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެކާރިސާއަކާއި ކުރިމަތިލާންޖެހި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެގެންދިޔަ ސިއްޙީ ކާރިސާއަކަށެވެ.

މިކާރިސާގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ހެދި ބޮޑުވުންވެސް ވަނީ އެތައް ގުނައެއް ފަހަތަށް ގޮސްފައެވެ. މިގޮތުން ދުނިޔޭގަ މިވަގުތު އޮތް އެންމެ ވަރުގަދަ އިގްތިސާދު ކަމުގައިވާ އެމެރިކާގެ އިގްތިސާދުވަނީ 2020ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 31.4 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މި ކާރިސާގައި އެގައުމުގެ އެތަކެއް ވިޔަފާރިތަކެއް ބަންދުކުރަންޖެހި، އެތައް މިލިއަން ރައްޔިތުންނެއްގެ ވަޒީފާ ގެއްލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކުރަންޖެހުނު ހޭދަ 5 ޓްރިލިއަން ޑޮލަރަށް އަރާ، އެމެރިކާގެ ބަޖެޓް ޑެފިސިޓް ރެކޯޓު އަދަދަކަށް މަތިވެގެން ދިޔައެވެ.

ހަމަ އެއާއެކު، ކޯވިޑް ކާރިސާއިން ދުނިޔެއަށް އަރައިގަނެވުނުތަކާ ކަހަލަ ގޮތަކަށް، މިއަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އަރާ، ކުރަންފެށި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، މި ހަނގުރާމައިގެ އަސަރު މިހާރުވަނީ މުޅި ދުނިޔޭގެ އިގްތިސާދުން ފެންނާން ފަށާފައެވެ. މީގެ ތެރޭގައި ތެލުގެ އަގު ބޮޑުވެގެން ދިއުމާއި ގުޅިގެން ދުނިޔޭގެ ދަތުރު ފަތުރުގެ އަގުތަކަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކާއި، އަދި އޭގެ އިތުރުން، ދުނިޔެއަށް ބޭނުންވާ ކާބޯތަކެއްޗައް ފޯރަމުންދާ ދަތިތަކާއި ގުޅިގެން، ކާބޯތަކެތީގެ އަގުތައްވެސް އިންތިހާއަށް އުފުލިގެން ދާދިއުން ހިމެނެއެވެ.

ރަޝިއާއާއި ޔޫކުރެއިންއަކީ ގިދަނުގެ ބާވަތްތައް ދުނިޔޭގައި އެންމެ ގިނައިން ހައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު

ރަޝިއާއި ޔޫކުރެއިންއަކީ، ދުނިޔޭގެ ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތީގެ ވަރަށް މުހިންމު ބާވަތްތައް ހައްދާ ދެގައުމެވެ. މިގޮތުން، ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ ވީޓް އާއި ބާރްލީގެ (ކުދިބަތާއި ގޮދަނނައިގެ ބާވަތްތައް) %30 ހިއްސާ ކުރަމުންދަނީ ރަޝިއާއާއި ޔޫކުރެއިންއިންނެވެ. އަދި މީގެ އިތުރުން، ދުނިޔެއަށް ސަޕްލައި ކުރާ ޒުވާރީގެ ފަސްބައިކޮށްފަ އެއްބައި ރަޝިއާއި ޔޫކުރެއިން ސަޕްލައި ކުރާއިރު، ދުނިޔޭގެ މާރކެޓްތަކަށް ސަޕްލައި ކުރަމުންދާ ސަން ފްލާވާރ އޮއިލްގެ %50 ސަޕްލައި ކުރަމުންދަނީވެސް މިދެގައުމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން (FAO)އިން، ފާއިތުވެދިޔަ އެޕްރިލްމަހުގެ 8ވަނަ ދުވަހު އާންމު ކޮށްފައިވާ އެޖަމިއްޔާގެ ތިންވަ ރެކޯޑް ފުޑް ޕްރައިސް އިންޑެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކާބޯތެކެތީގެ އަގުތައް، ފާއިތުވެދިޔަ އަހަރުގެ މި ދުވަސްކޮޅާއި އަޅާ ބަލާއިރު، މިހާރުވަނީ %34 މަތިވެގެން ގޮސްފައެވެ. އަދި މިއީ (FAO)އިން، ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ރެކޯޑްކޮށް ބަލަހައްޓަން ފެށިފަހުންވެސް، މި މިންވަރަށް އަގުތައް މަތިވެގެން ގޮސްފައި ހަމައެކަނި ފަހަރުކަންވެސް އެޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.

 

ކޮންމެ އަހަރަކުވެސް ބަޖެޓް ބޮޑުވަމުން ދަނީ އާމްދަނީ އިތުރު ނުވެ!

ހުރިހާ ގައުމެއްގައިވެސް އެގައުމެއްގެ ހަގީގީ އިގްތިސާދީ ހާލަތު ވަޒަން ކޮށްދެނީ ދައުލަތުގެ ބަޖެޓުންނެވެ. އަދި ބަޖެޓް ޑެފިސިޓާއި، ބަޖެޓްގައި ހިމަނާފައިވާ ރިކަރަންޓް ޚަރަދާއި، އަދި އޭގެ އިތުރުން ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއާއި، އާމްދަނިއާއި އަޅާ ބަލާއިރު ކުރުމަށް ހަމަޖެހިފައިވާ ޚަރަދަކީ ގައުމުގެ އިގްތިސާދުގެ ހަގީގީ ހާލަތު ވަޒަންކޮށްދޭނޭ މިންގަޑުތަކެވެ.

މިގޮތުން ފާއިތުވެދިޔަ ހުރިހާ އަހަރެއްގައިވެސް ރާއްޖެއަށް ކުރިމަތިވެގެން ގޮސްފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ވާންއޮތީ އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓް ބޮޑުވަމުންދާ މައްސަލައެވެ. އަދި އަހަރުން އަހަރަށް ބެޖެޓް ބޮޑުވަމުންދާ ދިއުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވާން އޮތް އެންމެ ބޮޑު ސަބަބަކީ، އާމްދަނީ ހޯދޭނެ އާ އީޖާދުތަކެއް ނުކެރެވި، އާ ސިނާއަތުތަކެއް އުފަން ކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ފެންނާން ނެތި، މުޅި ބަޖެޓްގެ އާމްދަނީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެގެން ދާދިއުމެވެ.

2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖީލިހަށް ހުށަހަޅުއްވާ، ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރުވެސް، ފާހަގަވާން އޮތް އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މި ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ސިޔާސަތު ތަކަކީ، ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނުނު، ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒު ނުކުރެވިދިޔަ ކަންކަން ކަމުގައި ވެގެން ދިއުމެވެ.

2022 ވަނަ އަހަރުވެސް އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފަ ހުރި ގިނަ ކަންކަމަކީ، 2021ގެ ބަޖެޓުގައިވެސް ހިމަނާފަ ހުރި ކަންކަން

2022 އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަޖިލިހަށް ހުށަހެޅުއްވި ބެޖެޓްގައި ހިމަނާފައިވާ ކަންކަމަކީ:

  1. ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުން
  2. ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުން
  3. ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުން
  4. ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން

ބަޖެޓް އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ މި ކަންކަމަށް ބަލާއިރު، މިއިން އެއްވެސް ކަމަކީ ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ނުދާނޭ، އަދި ވިޔަފާރީގެ އާ ސިނާއަތެއް އުފަންވެގެން ދިއުމުގެ ފުރުސަތު އޮތް ކަންތައް ތަކެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ވަކީ ޚާއްސަކޮށް، އާ ޓެކްސްތައް ތައާރަފް ކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ވިސްނުމަކީ އޭގެ އަސަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށްވެސް ނުރަގަޅުކޮށް ކުރާނޭ ކަމަކަށް ވެގެން ދާއިރު، ފާއިތުވެދިޔައ އަހަރުތަކެކޭވެސް އެއްފަދައިން، އާމްދަނީ އިތުރުކުރުމުގެ ހުރިހާވެސް ވިސްނުމެއް އަދިވެސް އެނބުރެމުންދާތަން ފެންނަމުންދަނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތުގެ ވަށައިގެންނެވެ.

އަދި މިއިން އެއްވެސް ސިޔާސަތަކީ އެކަށީގެންވާ ގޮތެއްގައި ފާއިތުވެދިޔަ އަހަރުތަކުގައިވެސް ތަންފީޒު ކުރެވިގެން ގޮސްފައިވާ ސިޔާސަތުތަކަށް ނުވާއިރު، މި ސިޔާސަތުތައް މިހާރު ވެގެން ގޮސްފައިވަނީ، ހަމައެކަނި އެއް އަހަރުން އަނެއްއަހަރުގެ ބަޖެޓަށް ނަކަލްވަމުންދާ ސިޔާސަތުތަކެއް ކަމުގައެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް 2022ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ކަންކަމަކީ ފާއިތުވެދިޔަ އަހަރުގެ ބަޖެޓްގައިވެސް ހިމެނިފައި ހުރި ކަންކަން ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، 2022 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައެވެ.

ރާއްޖެ ހިމެނިގެން ދަނީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާއަށަ އެންމެ ބޮޑަށް ދަރާފައިވާ ގައުމު ކަމުގައި

އެހެންކަމުން، އުފުލެމުންދާ ދައުލަތުގެ ދަރަންޏާއި، ދައުލަތް ދަރަނިވެރި ވަމުންދާ ދިއުމަށް އެކަށީގެންވާ ހައްލެއް ނުލިބި، މާލިއްޔަތަށް ބާރު ބޮޑުވުމުގެ އެއް އަސްލެއްގެ ގޮތުގައިވެސް މިއަދު ފާހަގަވާން އޮތީ، ދައުލަތަށް އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް އިގްތިސާދީ ސިޔާސަތުގެ ތެރެއިން ހޯދިފައި ނުވާ ނުވުމެވެ.

 

އާ ސިނާއަތުތަކެއް އުފަން ކުރުން މަޖުބޫރު! އެހެން ނުނީ ލަނޑު ލިބިދާނެ!

ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދު މިއަދު ފާހަގަވާން އޮތީ ހަމަ އެކަނި ފަތުރިވެރިކަމުގެ ސިނާއަތުން ދިޔަ ފެލާލައިގެން ފަރުޖައްސަމުންދާ އިގްތިސާދެއްގެ ގޮތުގައެވެ.

މީގެ ތެރޭގައި މައިގަޑު ގޮތެއްގައި ފާހަގަވާން އޮތީ ރިސޯޓު ތަރައްގީ ކުރުމަށް އާ ރަށްތައް ކުއްޔަށް ދިނުމެވެ. އެހެންނަމަވެސް ހަނދާން ބަހައްޓާންވީ ކަމަކީ، މިއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫންކަމެވެ. ރާއްޖޭގެ ފަޅު ރަށްތަކާއި، ފަޅުތަކާއި ހާހަލާއި ގިރިތަކަކީ ވަކި އަދަދަކަށް ހުރި ތަންތަންކަމެވެ. ފަތުރުވެރިކަން ފުޅާ ކުރުމަށް މިތަންތަނުގެ ބޭނުން ކުރެވޭނީ ރަށްތަކާއި ފަޅުތައް ހުސްވާންދެން ކަމެވެ. އަދި މިހާރުވެސް މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާ ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހިފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް، ހުޅުވިފައިވާ ވިސްނުމަކުން ވިސްނާ، އާ އީޖާދުތަކާއި، އާ ސިނާއަތުތަކާއި ދޭރޭ ފުންކޮށް ވިސްނާމ ދިރާސާތަކެއް ކޮށްފިނަމަ، އާ ދޮރުތައް ހުޅުވި، މަގުތައް ފެންނާނޭ ކަމުގައި ސިޔާސަތު ރާވާ ފަރާތްތަކުން ގަބޫލުވެސް ކުރާން އެބަޖެހެއެވެ.

ރާއްޖޭގައި އަދިވެސް އޮތީ ފަތުރުވެރިކަމުގެ ސިއަތުން ދެކޮޅު ޖައްސައިގެ ތިބުމުގެ އިގްތިސާދީ ސިޔާސަތެއް

މިގޮތުން، ދިވެހިރާއްޖެއަކީ ކަނޑު ދަތުރުފަތުރާއި ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ ބައްރުތައް ހުރަސްކޮށް ދަތުރު ކުރަމުންދާ ބޯޓު ފަހަރުތަކަށް ޚާއްސަ ޓްރާންޝިޕަންޓް ބަނދަރެއް ގާއިމް ކުރުމުގެ ވިސްނުމަކީ މިހާރުވެސް ސަރުކާރުން ގެންގުޅެން ޖެހިފައިވާ ވިސްނުމެކެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިރުން ހުޅަނގަށް ދަތުރު ކުރާ ގިނަ ބޯޓު ފަހަރުތަކުން ރާއްޖޭގެ ކަނޑުތައް ހުރަސް ކުރާންޖެހޭގޮތަށް، އުތުރުން ދެކުނަށް ވާގޮތަށް 1،000 ވަރަކަށް ކިލޯ މީޓަރަށް ފެތުރިފައި އޮތް ގައުމަކަށް ވާތީއެވެ.

ހަމައެފަދައިން ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތް ނުކޮށް ދެއަތް އުރާލައިގެން ތިބޭންވީ އެއްވެސް ސަބަބެއް ނެތެވެ. އޭގެ ތަހުލީލުތައް ކުރުމުގެ ވިސްނުން ސަރުކާރުތަކުން ނުގެންގުޅޭންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ، އިގްތިސާދީ އާ ސިނާއަތުތަކާއި އާ ވަސީލަތްތައް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އީޖާދު ކޮށްފައިވަނީ ހަމަ މި ބީދައިން ކަމަށް ވާތީއެވެ.

އެހެންކަމުން، އަހަރުން އަހަރަށް ބޮޑުވަމުންދާ ދައުލަތުގެ ބަޖެޓް ދެކޮޅު ޖައްސާ، އިތުރު ވަމުންދާ ޚަރަދުތައް ފޫބެއްދުމަށްޓާކާ، ފަތުރިވެރިކަމުން ސިނާއަތު ފިޔަވާ، އިގްތިސާދީ އިތުރު އެހެން ސިނާއަތުތަކާއި ދޭތެރޭ ސަރުކާރުން މިއަދު ނުވިސްނާއިފި ނަމަ، އުފުލެމުންދާ ދައުލަތުގެ ދަރަންޏާއި، އިތުރުވަމުންދާ ޚަރަދުތަކާއި، އަހަރުން އަހަަށް ބޮޑުވަމުންދާ ދައުލަތުގެ ބަޖެޓާއެކު، އިގްތިސާދީ ފުން ވަޅުގަނޑައަކާ ދިމާލަށް ގައުމު މިސްރާބު ޖަހާފާނެ ކަމުގެ އިންޒާރު ބައިނަލްއަގުވާމީ އިދާރާތަކުންވެސް މިއަދު ދޭން ފަށާފައިވާކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.