ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކަމަށް ބުނާ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބުނެފިއެވެ.
ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން އެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމްއެވެ.
މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ބެހޭ ގޮތުގައި އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އެ މައްސަލަ އެހޮސްޕިޓަލާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.
– އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ، މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފުވެފައި ނުވާއިރު، މެމްބަރު އުޝާމް ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ވެކްސިނެކެވެ. އަދި އެ އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. ބެލެވޭ ގޮތުގައި އެއީ އެހޮސްޕިޓަލުން ކުދިންނަށް ދީފައިވާ ވެކްސިނެކެވެ.