ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު އޮތް ކަންބޮޑު ވުންތަކަކީ އާ ވާހަކައެއް ނޫނެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެގެން އުޅޭ ދަރަނީގެ ގޮންޖެހުންތަކަކީވެސް އިއްޔެއަކު މިއަދަކު އެކަނި ކުރިމަތިވެގެން އުޅޭ ގޮންޖެހުންތަކެއްވެސް ނުމެ ނޫންމެއެވެ. އަދި މި ގޮންޖެހުންތަކުގެ ވާހަކަތަކާއި، އިގްތިސާދީ ހާލަތުގައި ހުރި ރިސްކުތަކުގެ ވާހަކަ ތަކަކީވެސް މިއަދު އެކަނި ދުނިޔޭގެ މާލީ މުވައްސަސާތަކުން ދައްކަމުން އަންނަ ވާހަކަ ތަކެއްވެސް ނޫނެވެ.
މިއީ ފާއިތުވީ ހުރިހާ ސަރުކާރެއްގައިވެސް ފާޅު ކޮށްފައި ހުރި، އަދި އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ ބޮޑުވަމުން އައިސްފައިވާ ކޮންބޮޑުވުން ތަކެކެވެ. ގޯސްވަމުން އައިސްފައިވާ ހާލަތެކެވެ.
މިގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން އެކި ރިވިއުތައް ހަދާ، ޕްރޮފެޝަނަލް އޮފީނިއަންތައް ހާމަ ކޮށްފައިވެއެވެ. އެހެންނަމަވެސް ދުނިޔޭގެ މާލީ އިދާރާތަކުން ހަދާ މިފަދަ ރިވިއުތަކާއި ގުޅުވާ، ގައުމު އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން މިފަދަ ދިރާސާތައް ހަދާ ސަބަބުތަކާއި، އަދި މި ރިވިއުތަކުން ދެނެގަނެވެނީ ކޮން ކަމެއްކަން ކޮންމެ މީހަކަށްވެސް ފަހުމް ވުމަކީ މުހިންމު ކަމެކެވެ.
މިގޮތުން ބަލާއިިރު، ދުނިޔޭގެ މާލީ އިދާރާތަކަކީ ދުނިޔޭގެ އިގްތިސާދު ދައުރުވަމުން ދާގޮތް 24 ގަޑިއިރު ދިރާސާ ކުރުމުގައި ދެމި ތިބޭ ތަންތަނެވެ. ސަބަބަކީ، ގައުމުތައް ޑިފޯލްޓް (މާލީ ގޮތުން ބަގުރޫޓު) ވުމާއި، އަދި އިގްތިސާދީ ގޮތުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީވެސް ވިޔަފާރީގެ މާރކެޓަށް ބޮޑެތި ބަދަލުތަކެއް އައިސް އެތައް އަހަރަކަށް ހަދާފައި ހުންނަ އިގްތިސާދީ ޕްރޮޖެކްޝަން (އަންދާޒާ)ތަކަށް ބޮޑެތި ބަދަލުތައް އަނާނޭ ކަންކަމަށް ވެގެން ދާތީއެވެ.

އަދި މިއިން ކޮންމެ އޮޕީނިއަންއަކީވެސް އެ ރިވިއުއެއް ޚާއްސަ ކުރެވޭ ގައުމެއްގެ އިގްތިސާދީ ހާލަތު ހުރި މިންގަޑެއް އާންމުކޮށް، އިގްތިސާދީ ހާލަތުގައި ހުރި ރިސްކުތައް ބަޔާން ކޮށްދިނުމަކީ ގިނަ ފަހަރަށް އެ ރިވިއުއެއް ނިސްބަތްވާ ގައުމުގެ ބޭނުމަށް އާންމު ކުރާ ތަފާސް ހިސާބަކަށްވުރެ ބޮޑަށް، ދުނިޔޭގެ ކްރެޑިޓަރުންނަށް، ނުވަތަ ގައުމުތަކަށް ލޯނުތަކާއި ގްރާންޓުތައް ދޫކުރުމަށް ބޭނުންވެފައި ތިބޭ ފަރާތްތަކުގެ ބޭނުމަށް އާންމު ކުރާ ފައިނޭންޝަލް ރިވިއުތަކެކެވެ.
ދުނިޔޭގެ މާލީ އިދާރާތަކުންނާއި، ބޭންކު ތަކުންނާއި، ފޯރުންތެރި ގައުމުތަކުންވެސް އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިގޮތުން އާންމު ކުރެވޭ ހިސާބުތަކަށް ބަރޯސާ ކޮށްގެން މެނުވީ މާލީ އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެއެވެ. އަދި އިންވެސްޓަރުން ގައުމުތަކުގައި އިންވެސްޓް ކުރުމުގައިވެސް މި ރިވިއުތަކާއި ދިރާސާތަކާއި، އަދި ޕްރޮފެޝަނަލް އޮޕީނިއަންތަކަށް ބަރޯސާ ކުރާނެއެވެ.
ޖޭޕީ މޯރގަންއިން ބުނަނީ ކީކޭ؟
ޖެޕީ މޯރގަން ޗޭސް ކޯއަކީ އެމެރިކާގެ މަލްޓި ނޭޝަނަލް އިންވެސްމަންޓް ބޭންކެވެ. އަދި އޭގެ އިތުރުން މި ބޭންކަކީ އެމެރިކާގެ ނިއުޔޯކުގައި ހެޑްކުއާރޓަރު ހުންނަ، ފައިނޭންޝަން ސާރވިސެސް ހޯލްޑިންގ ކޮމްޕެނީއެއްވެސް މެއެވެ. 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް މި ބޭންކަކީ އެމެރިކާގެ އެންމެ ބޮޑު ބޭންކެވެ. އަދި މިބޭންކަކީ މި ތާރީޚާއި ހަމައަށް މާރކެޓް ކެޕިޓަލައިޒޭޝަންއަށް (ކުންފުނީގެ ޝެއަރ ވެލިއުގެ އަގު އެންމެ ބޮޑު) ބަލާއިރު މި ނިސްބަތުން ދުނިޔޭގައި ހުރި އެންމެ ބޮޑު ބޭންކުވެސް މެއެވެ. އަދި އެސެޓްގެ އަދަދަށް ބަލާއިރު ދުނިޔޭގައި ހުރި 5 ވަނައަށް އެންމެ ބޮޑު ބޭންކެވެ. މިގޮތުން މި ބޭންކުގެ ފައިނޭޝަން އެސެޓްގެ ޖުމްލަ އަދަދު 3.744 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އެހެންކަމުން، އެންމެ ފުތަމަ ކަމަކަށް ޖޭޕީ މޯގަންފަދަ މާލީ މުއައްސަސާއަކުން ހަދާ ފައިނޭޝަލް ރިވިވިއުގައި ބުރަދަން ހުންނާނޭ ކަމުގައި ބަލަން ޖެހެއެވެ. ސަބަބަކީ، މިގޮތުން ހަދާ ދިރާސާއަކީ އެ ބޭންކުން ކުރާ ވިޔަފާރީގެ މުއާމަލާތުތަކުގެވެސް މުހިންމު ބަޔަކަަށް ވެގެންދާނެ ތީއެވެ.
ޖޭޕީ މޯރގަން ޗޭސް ކޯއިން އެންމެ ފަހުން، ރާއްޖެވެސް ހިމެނޭ ގޮތުން އާންމުކުރި ފައިނޭންޝަލް ރިވިއުއަކީ ހަމައެކަނި ރާއްޖެއަށް އެކަނި ނިސްބަތް ކުރެވޭ، އަދި ރާއްޖެއަށް އެކަނި ޚާއްސަ ކުރެވިގެން ނެރެވުނު ރިޕޯޓެއް ނޫނެވެ. އެހެންކަމުން، މި ބޭންކުން ރަސްމީ ހައިސިއްޔަތުން ނަމަވެސް، ނުވަތަ ނުރަސްމީ ހައިސިއްޔަތުން ނަމަވެސް، އާންމުކުރި މާލީ ދިރާސާ ރިޕޯޓުގައި ބުރަދަނެއް ނުހުންނާނޭ ރާއްޖެއިން ކަމުގައި ބެލުމަކީ ޒިންމާދާރު ކަމެއް ކަމުގައި ނުދެންނެވޭނެއެވެ.
ސަބަކީ، މިފަދަ ކޮންމެ ރިޕޯޓެއްވެސް މާލީ މުވައްސަސާތަކުން އެކުލަވާލަނީ، ފެންނާން ހުރި ރަސްމީ ހިސާބުތަކަށް ބަރޯސާ ކޮށްގެން ކަމުގައިވެސް ވާތީއެވެ.
މިގޮތުން ޖޭޕީ މޯގަންއިން ކޮށްފައިވާ މި ދިރާސާއަކީ، ޚާއްސަކޮށް ރަޝިއާއިން ޔޫކުރެއިގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މާލީބާޒާރަށް އައިސްފައިވާ ބަދަލުތަކާއި، ބޭންކުތަކުގެ އިންޓަރެސްޓް ރޭޓުތަކަށް އަންނަމުންދާ ބަދަލުތަކާއި، ކުރެޑިޓަރުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން އެ ބޭންކުން ހަދާފައިވާ އެސެސްމަންޓެކެވެ.
މި ދިރާސާ ރިޕޯޓުގައި ވާގޮތުން ދުނިޔޭގެ ބޭންކުތަކުގެ ލޯން އިންޓްރެސްޓް ރޭޓު ބޮޑުވެ، ތަރައްގީވަމުން އަންނަ އިގްތިސާދުތަކަށް ދަރަނި އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. އަދި މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދަރަނި ބޮޑު ގައުމުތަކަށް ވަކީން ބޮޑުވެގެން ދާނެއެވެ.

މިގޮތުން، ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގައި ގޮންޖެހުންތައް ބޮޑުވެ، ކުރިމަތިވެދާނޭ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން، ރިޒާވް ދަށްވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑުކަމަށް އެބޭންކުން ދެކޭ 8 ގައުމެއްގެ ތެރޭގައި އެބޭންކުން ރާއްޖެވަނީ ހިމަނާފައެވެ.
ޖޭޕީ މޯރގަންއިން އިތުރަށް ބުނެފައިވަނީ، ލޯނު ނުދެއްކިދާނޭ ކަމުގެ ރިސްކު އޮތް މި 8 ގައުމުގެ އިތުރުންވެސް، ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ މިސްރާއި، ގާނާ އަދި ޕާކިސްތާނަކީ އެގައުމުތަކުގެ ދަރަނީގެ ނިސްބަތުން ބަލާއިރު، ކުރިޔަށް އޮތް "މާ ދުރުނޫން" އެހެންނަމަވެސް ދިގު މުއްދަތުގައި ދަރަނި އަދާ ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހިދާނޭ ގައުމުތަކެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުންވެސް ބުނެފައިވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކާއެކު، ދުނިޔޭގައި މަދުން އާންދަނީ ލިބޭ ގައުމުތަކުގެ %60 އަކީ އެގައުމުތަކަށް ދަރަނީގެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ ރިސްކު ބޮޑު ގައުމުތައް ކަމުގައެވެ.
ރާއްޖެއަށް އޮތް ބޮލުގެ ރިހުމަކަށް ދަރަނި ވަނީ ކީއްވެ؟
އުސޫލެއްގެ ގޮތުން ބަލާއިރު ގައުމެއްގެ އިގްތިސާދު ދަރަންޏަށް ބަރޯސާ ވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެނެވެ. ސަބަބަކީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ލޯނުތަކުން ހިންގުމަކީ އާންމު ކަމަށް ވުމުގެ އިތުރުން، ދެމެހެއްޓެނި ގޮތެއްގައި ޕްރޮޖެކްޓުތައް ހިންގޭނޭ އުސޫލަކީވެސް މިއީ ކަމުގައި ވާތީއެވެ.
މިގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ދަރަނި ބޮޑު ގައުމުތަކަކީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
ދުުނިޔޭގަ އޮތް އެންމެ ވަރުގަދަ އިގްތިސާދު ކަމުގައިވާ އެމެރިކާގެ ބޭރުގެ ދަރަނި ހުރީ 30.4 ޓްރިލިއަން ޑޮލަރުގައެވެ. އަދި އެހާމެ ވަރުގަދަ އިގްތިސާދެއް ކަމުގައިވާ ޗައިނާގެ ބޭރުގެ ދަރަނި ހުރީ 13 ޓްރިލިއަން ޑޮލަރުގައެވެ. އިނގިރޭސިވިލާތުގެ ބޭރުގެ ދަރަންނަކީ 9.02 ޓްރިލިއަން ޑޮލަރެވެ. އަދި ފްރާންސްގެ ބޭރުގެ ދަރަނީގެ ނިސްބަތަކީ 7.32 ޓްރިލިއަން ޑޮލަރެވެ.
އިގްތިސާދު ވަރުގަދަވެ، އޮންނަ ޝެޑިއުލްއާއި އެއްގޮތަށް ދަރަނި ދައްކާ ޚަލާސް ކުރެވެމުން ދާނަމަ، ދަރަނި ވެގެން ދަނީ އިގްތިސާދެއް ހިގައިގަތުމުގެ މައި ނާރެސް ކަމުގައެވެ. ސަބަބަކީ އެހާލަތުގައި، އިތުރު ލޯނުތައް ލިބުމުގެ މަގު ހުޅުވި، ކެރެޑިޓަރުން އެގައުމަކާއި ދިމާލަށް މިސްރާބު ޖަހާ، އަދި އިންވެސްޓަރުންގެ ކޮންފިޑެންސް މަތިވެގެން ދާނެތީއެވެ.

އެހެންކަމުން ދަރަންޏަކީ އޭގެ ޒާތުގައި ބިރުވެރި އެއްޗަކަށް ނުވިނަމަވެސް، އިގްތިސާދަކަށް ދަރަނީގެ ނުރައްކާ ކުރިމަތިވެގެން ދަނީ، ނަގަމުންދާ ދަރަނި އަދާ ކުރެވިދާނޭ ކަމާމެދު ބޭރުގެ މާލީ މުވައްސަސާތަކުން ސުވާލު އުފައްދާ ހިސާބަށް އިގްތިސާދުގެ ހާލަތު ދިއުމުންނެވެ. އަދި މިގޮތުން އާންމުކުރާ ހިސާބުތަކަކީ، ކުރެޑިޓަރުންނާއި މާލީ އިދާރާތަކުން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބަރޯސާ ކުރާ ހިސާބުތައްވެސްމެއެވެ.
ޖޭޕީ މޯގަންގެ ރިޕޯޓު އާންމުވެގެން ދިއުމާއެކު، ސަރުކާރުން އަވަސް ވެގެންފައިވަނީ، ލޯނު ނުދެއްކޭނޭ ހާލަތަކަށް ރާއްޖެ ނުދާނޭ ކަމުގެ ޔަގީންކަން ފޯރު ކޮށްދިނުމަށެވެ. އަދި ޔަގީންކަން ދެއްވުމަށް ފިނޭންސް މިނިސްޓްރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލީ ވަޒީރު ވިދާޅުވެފައިވަނީ، މީރާއަށް ވަންނަމުންދާ ޑޮލަރުގެ އާމްދަނީއާއި، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން %18 އަށް ކުރިއަރައިގެންދާނެ ކަމަށް ލަފާ ކުރެވޭތީއާއި، އަދި ފޮރިންގ ރިޒާވްވެސް އެއް މިންގަޑެއްގައި ހިފެހެއްޓެމުންދާތީ، ދަރަނި އަދާކުރުމުގައި ކަންބޮޑުވާންޖެހޭ ވަރުގެ ގޮންޖެހުންތަކެއް ނެތްކަމުގައެވެ.
އެހެންނަވެސް، ރާއްޖޭގެ ދަރަންނާއި ގުޅޭގޮތުން ހުރި ހަގީގީ ކަންބޮޑުވުމަކީ، ސޮވެރިން ގެރެންޓީ ހިމަނައިގެން، ރާއްޖޭގެ ދަރަނި މިއަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައި ވުމެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ. އަދި މި އަދަދު މިހާރު މިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގަ، ދައުލަތުގެ ދަރަނި ހުންނާޖެހޭނެ ކަމަށް ބުނެފައިވާ މިންގަޑު ފަހަނައަޅާ އާދަޔާ ޚިލާފަށް މަތިވެގެން ގޮސްފައެވެ.
ޚަރަދަށް ޒިންމާވާ ގާނޫނުގައި ވާގޮތުން ރާއްޖޭގެ ދަރަނި ހުންނަންވާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑުވެގެން 60 ޕަސެންޓުގަ އެވެ.
އެހެންކަމުން، ސަރުކާރުން ވިދާޅުވަމުން ގެންދަވާ ފަދައިން، އަންނަ މަހު ރާއްޖެއަށް ދަރަނި ދެއްކިދާނެއެވެ. އަދި ދެން އަންނަ މަހުވެސް ބޭރުގެ ދަރަނި ސަރުކާރަށް ދެއްކި ދާނެއެވެ.

އެހެންނަަމަވެސް، ދުނިޔޭގެ ބަޒާރުގައި އުފުލެމުންދަނީ ތެލުގެ އަގު އެކަނި ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. ތަކެތީގެ އަގު އުފުލެމުންދާ ދިއުމާއި ތެލާއި އަކަނި މަތިކޮށްގެން ތިބެވޭކަށް ނެތެވެ. ރަޝިއާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ މިހާރުވަނީ ކާބޯތަކެތީގެ ކާރިސާއަކާއި ދިމާލަށް މިސްރާބު ހިފާފައެވެ. ދައުލަތައް ލިބޭ އާންމްދަނީގެ ބޮޑުބައިން ދަރި ޚަލާސްކޮށްގެން ފަހަރުގައި މިއަދު ތިބެވި ދާނެއެވެ. އެމަގުން ޑީ ފޯލްޓަކަށް ނުގޮސް ފަރު ޖެއްސިދާނެއެވެ.
އެހެންނަމަވެސް، ތަކެތީގެ އަގު އުފުލުން ދާ ދިއުމާއެކު ރައްޔިތުންނަށް ފޯރަމުންދާ ދަތި ކުޑަކުރުމަށް ސިޔާސަތެއް އޮންނާ އެބަޖެހެއެވެ. ދަރަނި ކުޑަ ކުރާންޖެހެނީ މިސަބަބު ތަކަށްޓަކައެވެ. ފައިސާ ޗާޕްކޮށްގެންވެސް މުވައްޒިފުންނަށް މުސާރަވެސް ދެވިދާނެއެވެ. އެއީވެސް އިގްތިސާދީ ހައްލެއް ކަމުގައި ބެލެވިދާނެއެވެ.
އެހެންނަމަވެސް، ދަރަނި ބޮޑުވެ، ގައުމަށް ވަންނަމުންދާ އާމްދަނީގެ ބޮޑުބައިން ދަރަނި ޚަލާސްކޮށްގެން، އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް ނުހޯދި، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން، ދަރަނި ދެއްކެން އެބައޮތް ކަމުގައި ބުނެ، މިހެން ތިބުމަކީ ހައްލުތޯ، މިއީ ޖަވާބު ހޯދާން ޖެހިފައިވާ މުހިންމު ސުވާލެކެވެ. އަދި ގައުމެއްގެ އިގްތިސާދުގައި، އިންތިހާއަށް ބޮޑަށް ދަރަނީގެ ރިސްކު ހިމެނި، ބޭރުގެ މާލީ މުވައްސަސާތަކުން ހާލަތާމެދު ސުވާލު އުފައްދާ، އިތުބާރު ގެއްލޭ ހިސާބަށް ހާލަތު ދިއުމަކީ ހަގީގަތުގައި ބޮޑު މައްސަލައެއް ކަމުގައި މިއަދު ގަބޫލު ކުރާން އެބަ ޖެހެއެވެ. ހޯދާންޖެހިފައިވާ ހައްލަކީ އެއީއެވެ.