އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ މިއަދު ވެގެން ގޮސްފައިވަނީ ވަރަށް ގިނަ ގައުމުތަކަކަށް ނުރައްކަލުގެ ރަނގަބީލަކަށެވެ. އަދި މިހާލަތު މިއަދު ވެގެން ގޮސްފައިވަނީ، އިގްތިސާދެއް ރަގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ ގައުމެއް ބަނޑަޖެހިދާނޭ ގޮތުގެ ރަގަޅު ފިލާވަޅެއްގެ ގޮތުގައި ކަމަށްވެސް އިގްތިސާދީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހަމަ އެއާއެކު، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ނުރައްކާތެރިކަމުގެ ބޮޑުކަމާއި، އެކާރިސާ އެގައުމުގެ އިގްތިސާދީ އިންތައް ފަހަނައަޅާ، ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއަކަށްވެސް ބަދަލުވެގެން ގޮސްފައި ވުމުގެ ނަތީޖާއެއްގެ ގޮތުން، ސްރީ ލަންކާގެ ހާލަތު މިއަދު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުން މިހާލަތުގެ ކުޑަ ބޮޑުމިން ވަޒަންކޮށް، ގައުމުތަކަށް މިހާލަތު ކުރިމަތިވެގެން ދިޔަ ނުދިނުމަށްޓަކާ އިގްތިސާދީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅަން މަޖުބޫރު ވެފައިވާ ހާލަތަކަށެވެ.
މިގޮތުން، ރާއްޖެއާއި ސްރީ ލަންކާއަކީ އިގްތިސާދީ ގޮތުން އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ދެގައުމަށް ވާއިރު، ސްރީ ލަންކާއަށް ކުރިމަތިވެފައި އިގްތިސާދީ ހާލަތު މިއަދު ވެގެން ގޮސްފައިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ވިސްނާ ފިކުރުކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށެވެ.
ސަބަބަކީ ރާއްޖޭގެ އިގްތިސާތީ ހާލަތު ރަގަޅު ނުވުމެވެ. ދަރަނި ބޮޑު ވުމެވެ. އުފެއްދުންތެރިކަން އިންތިހާއަށް ދަށްވުމެވެ. މުޅި އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމެވެ. އަދި އޭގެ އިތުރުން، ރާއްޖެއަަށް އެތެރެވާ ބޭރު ފައިސާ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފަ އޮތުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ޟައީފް ކަމެވެ. ދައުލަތުގެ ބަޖެޓް އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާއިދިއުމާއެކުވެސް، ދައުލަތަށް އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް އިޖާދު ނުކުރެވުމެވެ. ރިކަރަންޓް ޚަރަދު އަހަރުން އަހަރަށް މަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ޕްރެޝަރު ބޮޑުވެ، ދައުލަތުގެ ދަރަނި އަތްފޯރާ ފަށަށްވުރެ މަތިވެގެން ދިއުމެވެ.
ދިވެހި އިގްތިސާދު އެމައްޗަށް ބިނާވެފައިވާ މި ދެންނެވުނު ހުރިހާ ކަންކަމަކީވެސް، އިގްތިސާދީގޮތުން ބަލިކަށި، އަދި ދިވެހި އިގްތިސާދުގެ ނާޒުކުކަން ވަރަށްވެސް ފުރިހިހަމައަށް ރަމްޒުކޮށްދޭ ކަންކަމެވެ.

ސްރީ ލަންކާ އަށް ކުރިމަތިވެގެން އުޅެނީ ކޮން މައްސަލަތަކެއް؟
ސްރީ ލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑަކީ، 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު ގައުމަށް ކުރިމަތިވެފައި އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ.
އަދި އިގްތިސާދީ މިކާރިސާގައި، އެގައުމަށް ބޭނުންވާ ކާނާއާއި ބޭހަށް ފައިސާ ނުދެއްކި، ގައުމުގެ ފޮރިން ރިޒާވް މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް، ހޮސްޕިޓަލުތަކުގައި ކުރަންޖެހޭ އޮޕްރޭޝަންތައް މެދު ކަނޑާލަންޖެހި، ކަރުދާސް ނެތިގެން ސްކޫލްތަކުގެ އިމްތިހާންތައް ކުރިޔަށް ނުގެންދެވި، ތެޔޮ ގަންނަން ހަދާ ކިއުތައް ބެލެހެއްޓުމަށް ގައުމުގެ އަސްކަރިއްޔާ ނެރެންޖެހި، ގައުމުގެ ރައްޔިތުން ކަނު އަނދިރީގައި މިއަދު ތިބެންޖެހިފައިވާ ޖެހުމަކީ، ކުއްލިއަކަށް އެގައުމަށް ކުރިމަތިވެގެން އުޅޭ ހާލަތެއް ނޫނެވެ.
ސްރީ ލަންކާއަށް ކުރިމަތިވެގެން އުޅޭ އިގްތިސާދީ ބޮޑު ކާރިސާގެ އެންމެ ފުނާއި ހަމައަށް ދަތުރު ކުރާއިރު މި ހާލަތުގެ ހަގީގީ ފެށުމެއްގެ ގޮތުގައި ފާހަގަ ވާން އޮތީ އިސްތިއުފާދެއްވި ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ އެގައުމުގެ ރައީސްކަމަށް ވަޑައިގެންނެވި ހިސާބެވެ. މަހިންދަ ރާޖަޕަކްސަ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގެން، ސްރީ ލަންކާގެ އިގްތިސާދާއި ނުބައްދަލު ބޮޑެތި ދަރަނިތައް ބޭރުގެ ދައުލަތްތަކުން ނަގާ ހިންގި ބޮޑެތި ޕްރޮޖެކްތަކެވެ.
މިގޮތުން އިގްތިސާދީ މާހިރުން މިއަދު ވިދާޅުވާ ގޮތުގައި، ސްރީލަންކާ މިއަދު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑުގެ ހަގީގީ ފެށުމަކީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން އޭރު ކުރެއްވި އިގްތިސާދީ މި މުޢާމަލާތުތަކުން ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި، ގެއްލުން ބޮޑު އެތަކެއް ޑީލްތަކެއްގެ ނަތީޖާއެވެ.
އެހެންނަމަވެސް ސްރީ ލަންކާ ވެއްޓެމުން އައި އިގްތިސާދީ މި ފުން ވަޅުގަޑުން އަލުން އަރައި ނުގަނެވޭ ދަރަޖައަށް ހާލަތު ގޯސްވެ، ގައުމު ބަނޑަށް ޖެހެން މެދުވެރިވީ އެތައް ކަމެއް އޭގެ ފަހުން ހިނގާ، ނުވަތަ ނުރަގަޅު އެތައް ނިންމުންތަކެއް އެގައުމުގެ ސިޔާސީ ވެރިން ފާއިތުވެދިޔަ އަހަރު ތަކުގައި ވަނީ ނިންމަވާފައެވެ.

މިގޮތުން ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސްރީ ލަންކާއަކީ މައިގަޑު ގޮތެއްގައި އިންޕޯޓަށް ބަރޯސާވެފަ އޮތް ގައުމަކަށްވި ނަމަވެސް، 2019ވަނަ އަހަރާއި ޖެހެންދެންވެސް އެގައުމުގެ އިގްތިސާދުގެ މައިގަޑު ތަނބެއްގެ ގޮތުގައި އޮވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތު ކަމެވެ. 2019ވަނަ އަހަރުގެ އެޕްރިލްމަހުގެ 21ވަނަ ދުވަހު ސްރީ ލަންކާއަށް ދިން އީސްޓަރ ބޮމުގެ ހަމަލާ ވެގެން ދިޔައީ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑު ފުނޑުކޮށްލި ހަމަލާއެއް ކަމުގައެވެ.
އެއަށްފަހު 2019ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، ރާޖަޕަކްސް އާއިލާއިންނެވެ. ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ ގޮޓަބަޔަ ރާޖަޕަކްސައެެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސައެވެ.
އިގްތިސާދީ ގިނަ ތަޖުރިބާކާރުން މިއަދު ފާހަގަ ކުރައްވާ ގޮތުގައި، މިއަދު ސްރީ ލަންކާ ވެއްޓިގެން ގޮސްފައިވާ އިގްތިސާދީ އަދަވަޅަށް ގައުމު ވެއްޓިގެން ދިއުމުގެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ، މި ދެބެއިން ގައުމުގެ ރިޔާސަތާއި ހަވާލު ވުމަށްފަހު ގެންނެވި އިގްތިސާދީ ނުރަގަޅު ބަދަލުތަކެވެ.
މިގޮތުން ގޮޓަބަޔަ 2019ވަނަ އަހަރު ސްރީ ލަންކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، އެއަހަރުގެ ޑިސެމްބަރުމަހު ވަނީ، ސަރުކާރުން ނަގަމުންދާ ޓެކްސްތައް ކުޑަ ކުރައްވާފައެވެ. މީގެ ތެރޭގައި، ގުޑް އެންޑް ސާވިސް ޓެކްސް (VAT- ވެލިއު އެޑެޑް ޓެކްސް) %15 އިން %8 އަށް ދަށް ކުރެއްވި ކުރެއްވުން ހިމެނެއެވެ. މި ބަދަލު ގެންނެވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން، މި ބަދަލާއެކު ގައުމަށް ލިބެމުންދިޔަ އާމްދަނީގެ ބޮޑުބައެއް ވަނީ ގެއްލިގެން ގޮސްފައެވެ.
އަދި މިގޮތުން ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ބޮޑުތަނުން ދަށްވެފައިވަނިކޮށް، 2020ވަނަ އަހަރުގެ މާރޗުމަހު އެގައުމުވަނީ މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ ކޯވިޑް19ގެ އާލަމީ ވަބާއާއި ކުރިމަތި ލާފައެވެ. އީސްޓަރ ބޮމުގެ ހަމަލާއާއި، އަދި ޓެކްސްއަށް ގެނައި ނުރަގަޅު ބަދަލުގެ އަސަރު ގައުމުގެ އިގްތިސާދަށް ކޮށްފައި ވަނިކޮށް، ގޯސްވަމުންދިޔަ އިގްތިސާދީ ހާލަތު ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން ވަނީ ގޯހުން ގޯހަށް ދަތުރު ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެހާތަނާ ހަމައަށް ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން، ސަލާމަތުން އޮތް ބައިވެސް ވަނީ ހަލާކުވެ، އެސިނާއަތުވަނީ އެކީ އިނދަޖެހިގެން ގޮސްފައެވެ.
މީގެ އިތުރުން، ސްރީ ލަންކާގެ އިގްތިސާދު އިދަޖެހިގެން ދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ، ސިޔާސީ ގޮތުން ގޮޓަބަޔަ ނިންމަވާފައިވާ އެއްމެ ގޯސް އަނެއް ނިންމެވުމުގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަ ކުރައްވަނީ، ސްރީ ލަންކާއަކީ %100 އޯގަނިކް ފާމިން (ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރާ ގައުމަށް ހެދުމަށް) ގައުމަކަށް ހެދުމަށްޓަކާ، ދަނޑުވެރިކަމާ ބެހޭ ކެމިކަލްތަކާއި ގަސްކާނާ ބޭރުން އެތެރެކުރުން މަނާކުރުމަށް ފާއިތުވެދިޔަ އަަހަރުގެ މޭމަހު ނިންމެވި ނިންމެވުމެވެ.
ރައީސް ގޮޓަބަޔަގެ މިނިންމެވުމާއެކު، ގައުމުން ބޭރަށްދާ ފައިސާގެ ކޮންމެވެސް މިންވަރެއް ރައްކާ ކުރެވޭނެކަމަށް ސްރީ ލަންކާގެ ސަރުކާރުން ދެކުނު ނަމަވެސް، ގޮޓަބަޔަގެ މިނިންމެވުގެ ނަތީޖާ ނިކުމެފައިވަނީ ދިމާ އިދިކޮޅަށެވެ. ސަރުކާރުގެ ސިޔާސަތައް ގެނައި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަން ދަށަށް ގޮސް، ދަނޑުވެރިކަމުގެ އުފެއްދުންތައް މަދުވެ، ކާބޯތަކެތީގެ އަގު އުފުލިގެން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން، އިންފްލޭޝަން އިންތިހާއަށް މަތިވެ، ގޯސްވެފައިވާ، ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.

ސްރީ ލަންކާގެ ހާލަތުގެ އަލީގައި ރާއްޖެއިން އަަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބާ؟
ސްރީ ލަންކާއެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދަކީވެސް މައިގަޑު ގޮތެއްގައި އިމްޕޯޓަށް ބަރޯސާވެފަ އޮތް ގައުމެކެވެ. އަދި، ގައުމީ އުފެއްދުންތެރިކަން ދަށް ގައުމެއްގެ ހައިސައްޔަތުން، އެހާލަތު ރާއްޖެއަށް ކުރިމަތިވެފައި އޮތީ އެއަށްވުރެވެސް ބޮޑަށެވެ.
މިގޮތުން، ގައުމަށް ބޭނުންވާ ބޭހާއި، ކާބޯ ތަކެއްޗާއި، ތެލާއި އަދި އެނޫނަސް ބޭނުންވާ މުދަތަލާއި ތަކެތީގެ ގިނަ ބާވަތްތަކަކީ ރާއްޖެއަށް އިމްޕޯޓުކުރާ ތަކެއްޗެވެ. ނަތިޖާއެއްގެ ގޮތުން، ދިވެހި ރާއްޖެއަކީ ބޭރުފައިސާގެ ބޭނުންތެރިކަން ވަރަށް ބޮޑު، އަދި ބޭރު ފައިސާގެ އަގަށް އަންނަ ކުޑަ ބަދަލެއްގެ އަސަރުވެސް މުޅި އިގްތިސާދުން ބޮޑުކޮށް ފެންނަމުންދާ ގައުމެކެވެ.
އޭގެ އިތުރަށް، ރައްޖޭގެ އިގްތިސާދުން ފެންނާން އޮތް އެންމެ ބޮޑު ކަންބޮޑު ވުމެއްގެ ގޮތުގައި ފެންނާން މިހާރު އޮތީ ދައުލަތުގެ ދަރަންޏެވެ. ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ހިންގާފައިވާ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައިވަނީ ބޭރުގެ ބޭންކުތަކުންނާއި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ އެހީގައެވެ. ހަމައެއާއެެކު، ނިމިދިޔަ ކޯވިޑް ކާރިސާ މިސަރުކާރުން މެނޭޖް ކޮށްފައިވަނީވެސް ސަރުކާރުން ނަގަމުންދިޔަ ދަރަނިތަކަށް ބަރޯސާ ކޮށްގެންނެނެވެ. އަދި މިކާރިސާ ސަރުކާރުން މެނޭޖް ކޮށްފައިވަނީ ތިން ފަހަރެއްގެ މަތިން ފައިސާ ޗާޕުވެސް ކޮށްގެންނެވެ.
މިހުރިހާ ދަރަންޏަކާއެކީވެސް، އަހަރުން އަހަރަށް ދައުތަލަތުގެ ޚަރަދުތައް މަތިވެ، ދައުލަތުގެ ބަޖެޓް ދަނީ "އިންފްލޭޓް" (ބޮޑު) ވަމުންނެވެ. އެހެންނަމަވަސް ފާހަގަ ކޮށްލާން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ދައުތަކުގެ ބަޖެޓް "އިންފްލޭޓް" ވަމުންދަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކާ ނުލާކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓް ޑެފިސިޓި ދަނީ އަހަރުން އަހަރަށް މަތިވެ އުފުލެމުންނެވެ.
ހަމައެއާއެކު ރާއްޖެ ފާހަގަވެގެން ދަނީ، ހުރިހާ ސަރުކާރަކުންވެސް، ދައުލަތަށް އާމްދަނީ ނުލިބޭ، ބޮޑެތި ޕްރޮޖެކްޓްތައް ލޯންތަކަށް ބަރޯސާ ކޮށްގެން ހިންގާ ގައުމެއްގެ ގޮތުގައެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ، ކުރީ ސަރުކާރުން އަޅާފައިވާ ބުރޖާއި، އަދި މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ ބްރިޖް ޕްރޮޖެކްޓެވެ.

އެހެންކަމުން، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާފަދަ ކާރިސާއެއް ރާއްޖެއަށް ކުރިމަތިވެގެން ދިޔަ ނުދިނުމަށްޓަކާ ސަރުކާރުން މިހާރުން މިހާރަށްވެސް އަޅުއްވަންޖެހޭ ފިޔަވަޅުތައް ނުހަނު ގިނައެވެ. އަދި މިގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ހާމަވާންވެސް ޖެހެއެވެ.
މިގޮތުން، ތަރައްގީގެ މަޝްރޫޢުތަކުގެ މިސްރާބު ބަދަލުވާން އެބަޖެހެއެވެ. ދައުލަތަށް އާމްދަނީ ނުލިބޭ މެގަ ޕްރޮޖެކްތައް ތަރައްގީގެ ނާރެހުގެ ތެރެއަށް ނުވެއްދުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެން އެބަޖެހެއެވެ. ރިކަރަންޓް ޚަރަދު ކުޑަ ކުރާން އެބަޖެހެއެވެ. ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުރީ 122 އިންސައްތާގައިކަން ވަޒަން ކުރެވެން އެބަޖެހެއެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް، ގައުމަށް އާމްދަނީ ނިލޭބެ އިތުރު ސިނާއަތްތައް އީޖާދު ކުރަން އެބަޖެހެއެވެ. ބަޖެޓަށް އާމްދަނީ އިތުރަށް ނުލިބި، އަހަރުން އަހަރަށް ބަޖެޓް "އިންފްލޭޓް" ވަމުން ދިޔަ ނުދޭން އެބަޖެހެއެވެ.
އަދި މި ނޫނަސް މިފަދަ، އިގްތިސާދީ އެތައް ފިޔަވަޅުތަކަކަކާއި ދޭތެރޭ ސަރުކާރުން ނުވިސްނާ، ނުވަތަ ތަންފީޒީ ފިޔަވަޅުތަކެއް ނާޅާ މިއަދު ތިބެއްޖެނަމަ، މާދަމާ ހާލަތު ބަދަލުވެ، އިގްތިސާދީ ފުންވަޅުގަޑަކާ ދިމާލަށް ގައުމު މިސްރާބު ނުޖަހާނޭކަމުގައި މިއަދު ދަންނަވާން ދައްޗެވެ.