އޮކްޓޫބަރުގެ ކުރިން ކޫއްޑޫއަށް 800 ޓަނުގެ މަސް ކިރުވޭނެ ގޮތް ހަދަނީ

އޮކްޓޫބަރުގެ ކުރިން ކޫއްޑޫއަށް 800 ޓަނުގެ މަސް ކިރުވޭނެ ގޮތް ހަދަނީ

އަންނަ މަސްވެރިކަމުގެ މޫސުން ފެށެންވާއިރަށް ގއ. ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތެއްގައި ކުރެވޭ ކަންކަމާއެކު މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އެންމެ ގިނަ އަދަދަކަށް މަސް ކިރަނީ ރާއްޖޭގެ ދެކުނު ސަރަހައްދަށާއި، ޚާއްޞަކޮށް ކޫއްޑޫއަށްކަމަށެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުގެ ތަފާސް ހިސާބުތަކާއި ހަވާލާދެއްވާ މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވީ މިއަހަރުގެ އެންމެ ރަނގަޅު މަސްވެރިކަމު މޫސުން ފެށޭނީ އޯގަސްޓް މަހާއި ސެޕްތެމްބަރު މަހު ހިސާބުގައިކަމަށެވެ. އަދި އޮކްޓޯބަރު މަހާއި އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް މަސްވެރިކަން އާދަޔާއު ޚިލާފަށް ރަނގަޅުވާނެކަމަށްވެސް ތަފާސް ހިސާބުތަކަށް ރިޔޢަތްކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ތިން މަސް ދުވަހުގެ ތެރޭގައި ކޫއްޑޫގެ ޤާބިލްކަން އިތުރުކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުންކަމަށެވެ. އެކަމަށް ދެ ބޯޓު ނުވަތަ ތިން ބޯޓު ބޭނުންވާކަމަށާއި، އެކަމާއި ގުޅޭގޮތުން ރައީސް އޮފިހާއިވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯރޓް ޓާރމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން.

– ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

 

ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. ކޫއްޑޫގައި މިހާރު ހުރީ ދުވާލަކު 240 ޓަނުގެ މަސް ފްރީޒިން ކެޕޭސިޓީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *