ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޒުވާނުންގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން: އިމްރާން

ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޒުވާނުންގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން: އިމްރާން

Author
މުޙައްމަދު ޖިމީ
20 މެއި 2022 10:36
0

ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ޔޫތް ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅުގެ ޒުވާނުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްޘީލްކުރާ ނެޓްވޯކެކެވެ.

މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ. އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ މުއާތިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ހޯދާނުފެންނާނެތީ ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެޤައުމެއްގެ މުސްތަޤްބަލާމެދު ހުރި ހިތާމައެއްގެ ބޮޑުކަމާ.

– ށ. އަތޮޅުގެ 13 ރަށެއްގެ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އެ ލޮބުވެތި ޒުވާނުންގެ ކޮނޑުގައި އަޅުވަނީ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަމަށެވެ.

އަޅުގަނޑުމެން އެންމެން އެއްވެ އައިސްމިތިބީ މިބޭފުޅުންނަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ރައްދުކޮށްދިނުމަށް. މާދަމާއަށްޓަކައި އަޅުގަނޑުމެންގެ މިރަށަށް ތިޔަކުދިންގެ ރަށްތަކަށް އަތޮޅަށް މުޅި ޤައުމަށް ތިޔަކުދިންގެ ފަރާތުން ކޮށްދެއްވޭނެ ބޮޑަތިވެގެންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް ތިޔަ ޒުވާނުން ތައްޔާރުކޮށްދިނުމަށް.

– މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއްކަމަށެވެ. މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔޫތް ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި ޢާއްމުވެއްޖެނަމަ ޖާހިލުކަމާއި ނޭންގުންތެރިކަން ނެތިވެ އިންދިރާސްވެދާނެ. ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވެއްޖެނަމަ ފަޤީރުކަމާއި ދަތުމަޑުކަން ފިލައިގެން ހިނގައިދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ޤާނޫނަށް ތަބާވުން އަށަގެންފިކަމަށްވާނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި, ކުށްކުރުމާއި, ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތް ލިބިގަންނަން. ދުޅަހެޔޮ ރަނގަޅު ހެޔޮފަސްގަނޑެއްގައި ގޮވާން ހައްދަން. ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ރައްކާތެރި ފާގަތި މުޖުތަމައުއެއް ބިނާކުރަން.

– ހޯމ، މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ފޯރަމްގެ ކަންކަން ހޯމް މިނިސްޓްރީން ކުރިއަށްގެންދެވީ އެމަނިކުފާނާ މަޝްވަރާ ކުރައްވައިގެންކަމަށެވެ. އަދި ފޯރަމްގެ މައުލޫމާތު ހިއްސާކުރެއްވި ވަގުތުވެސް ކަމުގެ މުހިއްމުކަން ޤަބޫލުކުރެއްވުނުކަމަށެވެ. ށ.އަތޮޅަށް އަމާޒުކުރައްވައިގެން މިލަންދޫގައި މިފަދަ ފޯރަމެއް ބޭއްވީތީ މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله އާތިފްވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.