ކައުންސިލްތަކުން ބޮޑެތި ވިޔަފާރިތަކަށް ކުރެވޭގޮތަށް ގަވާއިދު ނެރެފި

ކައުންސިލްތަކުން ބޮޑެތި ވިޔަފާރިތަކަށް ކުރެވޭގޮތަށް ގަވާއިދު ނެރެފި

ގުޅުންހުރި

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނާއި ގެނައި އިސްލާހުތަކާއިއެކު، ކައުންސިލްތަކަށް އަމިއްލައަށް ވިޔަފާރި ކުރުމުގެ މަގު ވަނީ ތަނަވަސް ކޮށްދީފައެވެ. ޤާނޫނަށް ގެނައި އިސްލާހު ތަކާއިއެކު ކައުންސިލްތަކަށް ވިޔަފާރި ކުރުމަށްޓަކައި އަމިއްލަ ކުންފުނި ހެދުމުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

މިގަވާއިދުގެ ދަށުން އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރާ ދާއިރާތައް
ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރިނަމަވެސް،
އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. މިގަވާއިދުގެ ދަށުން ކައުންސިލްތަކަށް ކުންފުނި ހަދައި ބޮޑެތި ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތު ފަހިވެއެވެ.

އެއަރޕޯޓް ހިންގުމާއި، ހޮސްޕިޓަލާއި، ކުލިނިކް ހިންގުމާއި، ބޯޓް ޔާޑު ޤާއިމުކުރުންފަދަ ފިޔަފާރިތައް ކައުންސިލްތަކަށް ކުރެވޭ ގޮތަށް ވަނީ ފުރުސަތު ފަހިކޮށްދީފައެވެ. މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުނީގެ މަގުސަދު ހާސިލު ކުރުމަށްޓަކައި، ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންވަނީ 2 ބަޔަކަށެވެ.

މި ގަވައިދުގައިވާ ގޮތުން ކައުންސިލަށް ވިޔަފާރި ކުންފުންޏެއް ހަދަން ހުއްދަ ދެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތް ތަކަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުގެ ކިބައިގައި ހުންނަ ޝަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއެވެ.

ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް ޢައްޔަނުކުރާ ފަރާތް، ޑިރެކްޓަރުކަމަށް ޢައްޔަނުކުރުމަށް އޭނާ ރުހިގަބޫލުވާންޖެހެއެވެ. ޑިރެކްޓަރުކަމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވީ، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެން ނުވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަނުކުރާ ކޮންމެ ފަރާތެއް، އައްޔަނުކުރުމުގެ ކުރިން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމަށް ޓަކައި، ރެޖިސްޓްރާރ ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، -/000,10) ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ