2،000 ރުފިޔާއަށް ވިކޭ މީހުން މަޖިލިހުގައި ތިބުމަކީ އެމީހުންނަށް ވޯޓު ދިން މީހުންވެސް ލަދުވެތި ވާނެކަމެއްކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރުދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
ނިހާދުގެ ފޮޓޯއާއެކީ މިއަދު ކުރެއްވި ޓުވީޓެއްގައި ސައުދުالله ހިލްމީ ވިދާޅުވެފައިވާ ގޮތުގައި، ތިމައާއި ނުބެހޭ ކަންކަމާއި ބެހޭ، ވާނުވާ ނޭގޭ، ހަމާގައި ނުހުންނަ އަދި 2،000 ރުފިޔާއަށް ވިކޭހާ އަގެއް ނެތް މީހުން މަޖިލިހުގައި ތިބުމަކީ އެމީހުން ހޮވަން ވޯޓު ދިން ރައްޔިތުންވެސް ލަދުވެތިވާނެ ކަމެއް ކަމުގައެވެ.
އަދި ސައުދުالله ހިލްމީ ވިދާޅުވެފައިވަނީ އައްޑު އަތޮޅު ފޭދޫންއިން ނިހާދު ހޮވަން ވޯޓު ދިން މީހުންނަށް އޭނަ ހަމްދަރުދީ ވާކަމުގައެވެ.
Mikahala thimaa aanubehey kankamaabehi,vaanuvaa neygey,hamaagaa nuhunna, 2000 rufiyaa ah vikeyhaa cheap meehun majlisgai thibumaki emeehun hovan vote dhin ginarayyithunnah ves ladhuvethi kameh. Feydhoo in meenayah vote dhin meehunnah hamdharudheevan. @ibusolih @MohamedNasheed pic.twitter.com/8MxuIWhM9i
— Saudulla (@saudullahilmy) May 18, 2022
ސައުދުالله ހިލްމީ ނިހާދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނީ، ފެނަކަ އެމްޑީއާއި ގުޅޭގޮތުން އޭސީސީއަށް ހުށަހެޅިފައި އޮތް 28 މައްސަލައަކާއި ގުޅޭގޮތުން އޭނާ ކުރެއްވި ޓުވީޓަކަށް ރައްދުދެއްވާ، ފެނަކަ އެމްޑީ އަހުމަދު ސައީދުގެ ދިފާއުގައި ނިހާދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ސައުދުﷲ ހިލްމީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސައީދުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި މިމައްސަލަަތައް ނުބަލާ މިމައްސަލަތައް ވަނީ މަތާރަން ފިލާމަތީގައި ބާއްވާފައިތޯވެސް ސައުދުﷲ ހިލްމީ ވަނީ ސުވާލު ކުރައްވާފައެވެ.
ސައުދުالله ހިލްމީގެ ޓުވީޓަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވެފައިވަނީ ވާނުވާ ސާފު ކޮށްލުން ރަގަޅު ވާނެކަމަށާއި، އޭސީސީން އެމައްސަލަ ނިންމާ ރައީސް އޮފީހަށް ރިޕޯޓުވެސް ފޮނުވާ، ރިޕޯޓު މަޖިލިހަށްވެސް ލިބި، އަދި މަޖިލިހުގެ އެސްއޯއީ ކޮމިޓީން ދިރާސާވެސް ކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް ސައުދުالله ހިލްމީ ވިދާޅުވެފައިވަނީ، ފެނަކަ ސައީދުގެ މައްސަލަ އޭސީސީން ފައިލް ކޮށްފައި ނުވާކަމަށެވެ.
ފެނަކަ އެމްޑީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ތަފްސީލުތަކާއެކީ އޭސީސީއަށް 2020ވަނަ އަަހަރު ހުށަހެޅި މައްސަލަތައް ތަހުގީގު ކޮށް ނިންމާފައިވާކަން މިހާތަނަށް އޭސީސީން ހާމަ ކޮށްފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން އޭސީސީން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާގައިވެއެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ މީގެކުރިން ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.
ފެނަކައިން އެއިދާރާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކަން ދޮގުކޮށް އޭރު ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ބުނެފައިވަނީ ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.
އޭސީސީން ކޮރަޕްޝަންގެ މައްސަލަތައް އެކަށިގެންވާ ގޮތުގައި ކުރިޔަށް ނުގެންދާނީ، ރައްޔިތުންގެ މަޖިލިހުންވަނީ އެކޮމިޝަނަށް އާ މެމްބަރުންތަކެއް އައްޔަން ކޮށްފައެވެ. އެހެންނަމަވެސް ކޮމިޝަނަށް އަލަށް އައްޔަން ކުރި މެމްބަރުންވެސް، ފެނަކަ ކޯޕަރޭޝަންއިން ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ 28 މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި އެއްވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.