ތަންފީޒު ކުރަނީ ވަކި ޕާޓީއެއްގެ ސިޔާސަތެއްނޫން، ސަރުކާރުގެ ސިޔާސަތު: ޑރ.ހުސެއިން

ތަންފީޒު ކުރަނީ ވަކި ޕާޓީއެއްގެ ސިޔާސަތެއްނޫން، ސަރުކާރުގެ ސިޔާސަތު: ޑރ.ހުސެއިން

Author
މުޙައްމަދު ޝަޒައިމް
18 މެއި 2022 10:58
0

ސަރުކާރުން ތަންފީޒު ކުރަނީ ހަމައެކަނި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އަހުމަދު ޒާހިރު ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެތޯ މިނިސްޓަރ ހުސެއިން ރަޝީދާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހުސައިން ރަޝީދު ވިދާޅުވީ، ސަރުކާރުން ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ހުރިހާ ކަމެއް ކުރަމުން އަންނަނީ އެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ. އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ތަންފީޒުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު. އެހެންވީމައި ދިވެހި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެހެންވީމައި އެއީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ކަމުގައި ނުދެކެން.

– ހުސައިން ރަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރުގައި އެމްޑީޕީ ވެސް ހިމެނޭތީ ސަރުކާރުން ތަންފީޒު ކުރަނީ ކޯލިޝަން ސަރުކާރެއްގެ ސިޔާސަތު ކަމަށާއި ވަކި ޕާޓީއެއްގެ ސިޔާސަތު ނޫން ކަމަށެވެ. އަދި ކޮންމެ ސިޔާސަތެއް ތަންފީޒު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާ ގޮތަކަށް ކަމުގައިވެސް ވިދާޅުވިއެވެ.

އަޅުގަނޑަށް ހަމަ ޔަގީންކަމާ އެކު އެނގެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއް މިސަރުކާރުން ތަންފީޒުކުރަމުން ގެންދަނީ.

– މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް އިސްކަންދީގެން އެ ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދިއުމަކީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އަބަދުވެސް ކުރައްވާ ޝަކުވާ އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.