މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1އަހަރު ވެގެން ދިޔައިރު މަސައްކަތް ކުރެވުނީ ވަރަށް ދަތި މާހައުލެއްގައި ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޓީ ކައުންސިލްގެ މި ދައުރަށް 4 އަހަރު ފުރުމުގެ މުނާޞަބަތުގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވަނީ ކައުންސިލް ހިންގުމުގައި ދިމާވާ ދަތިތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ.އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ މުވައްޒަފުން ނެގުމުގައި ދިމާވާ ހުރަސްތަކުގެ ވާހަކައެވެ.މޭޔަރު ވިދާޅުވީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށެވެ. އަދި މިކަމުގައި އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭކަން މޭޔަރ ފާހަގަކުރެއްވިއެވެ. ދާދިފަހުން ވީޓީވީގެ ޕްރޮގްރާމެއްގައިވެސް މޭޔަރު ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސިވިލް ސާވިސް ކޮމިޝަން ހުރަހަކަށް ވެގެން މިއުޅެނީ.ޚަރަދު ކުރަނީ އަޅުގަނޑުމެންގެ ރެވެނިއު އިން. އެލްޖީއއޭ އާއި ފިނޭންސް މިނިސްޓްރީގެ މައްސަލައެއްނެތް
– މުޙައްމަދު މުއިއްޒު
މޭޔަރ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަން އެއީ މާލެ ސިޓީ ކައުންސިލަށް ހުރަސް އަޅާ ވަކި މުއައްސަސާއެއް ގޮތުގައި މޭޔަރު ވަނީ ސިފަ ކުރައްވާފައެވެ.
”މާލެ ސިޓީ ކައުންސިލަށް ހުރަސްއަޅާ ވަކި މުއައްސަސާ އަކީ ސިވިލް ސާވިސް ކޮމިޝަން. ވަޒީފާތަކަށް މީހުން ނެގުމުގަވެސް ކަނޑަ އެޅިގެން ދެކޮޅު ހަދަނީ.ޕްރޮފެޝަނަލް އެއްނޫން އެތަނުގަ މަސައްކަތްކުރާގޮތް. ސިޔާސީ އެކްޓިވިސްޓުން މަސައްކަތްކުރާގޮތަށް މަސައްކަތް ކުރައްވަނީ ޒިންމާދާރެއްނޫން“
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝްގެ ވާހަކަފުޅުގައިވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ޢަމަލު ނުކުރައްވާކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުގެ މުއައްސަސާތަކުން ލިބިދޭންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބޮޑެތި ޗެލެންޖްސް ތަކާއި އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ.
– ޑެޕިއުޓީ މޭޔަރު ނަރީޝް
މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ވެސް ވަނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބުމުގައި މާލެ ސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަޅުގަނޑުމެންގެ ކައުންސިލަށް ދިމާވެގެން އުޅޭ އެންމެބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ ބައެއް ވުޒާރާތަކުން، ބައެއް އެސްއޯއީތަކުން އަދިވެސް މި ނިޒާމު ރަނގަޅަށް ޤަބޫލު ނުކުރައްވާކަން
– ލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް
މިމޭރުމުން ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި އޮތުމަކީ ކަންބޮޑުވެ ވަޑައިންނަވާ ކަމެއްކަމަށެވެ.
ހުޅުމާލޭގެ އިހްތިޞާސް ޤާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިޞާސީ ބާރުނުދީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފަ އޮތްއޮތުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް
– ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު
ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކާއި އެކުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ބައްޓަންވެގެން ވަނީ ކައުންސިލްތަކަށް ލިބިދޭންޖެހޭ އެއްބާރުލުން ހުރިހާ ފަރާތްތަކުންވެސް ދީގެންކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވާހަކަ ފުޅުގައި ވަނީ މާލެ ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ