ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނަށް މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާހެއް އަލުން ބެލުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމާފައިވަނީ، އެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ) އިން ވަނީ އީސީއަށް ހުށަޅާފައި ވަނިކޮށެވެ. އިލެކްޝަނުން ބުނެފައިވަނީ އަލުން ޗެކް ކުރުމަށް ނިންމީ ވޯޓު މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާހެއްގައި ޝަކުވާ ހުރެގެން ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅި ދެ ކަރުދާސް ކަމަށެވެ.
މި އިންތިޚާބުގައި ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. މި އިންތިޚާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. މި އިންތިޚަބުގައި ނާޒިމާއަށް ލިބިވަޑައިގަތީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓުކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
މި އިންތިޚަބުގައި 2900 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ. މި އިންތިޚާބުގައި ޕީޕީއެމްއާއި އެމްއެންޕީގެ އިތުރުން އެހެން ޕާޓިއަކުން ވާދައެއް ނުކުރެއެވެ. މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
One Response
ސާބަހޭ އީސީ ގެ މެންބަރުނަށް ހަމަ ކޮމެގޮތެއް ހަދައި ގެންވެސް ތިގޮނޑި ފިތޯލަ ޕާޓީއަށް ދެވޭނެ މެކޭނިޒަމެއް ހޯދޭތޯ ބަލާތި އިނގޭ އޭރުން ކަލޭމެންނަށް ކަމެއް ކުރެވުނު ކަމަށްވާނީ އިނގޭ ހަަމަ އަޖާއިބުވެ އަންތަރީސްވެއްޖެ ހުވާމިބުނީ.