ޖޯ ބައިޑްންއަކީ އެމެރިކާގެ އިންތިޚާބީ ރައީސްކަމަށް ގަބޫލު ކުރައްވާކަމަށް، ދުނިޔޭގައި މިވަގު އޮތް އެންމެބޮޑު ސޯޝަލް މީޑީއާ ޕްލެޓްފޯމު ކަމުގައިވާ ފޭސްބުކްގެ ވެރިޔާ މާކް ޒުކާބާގް އޭނާގެ ކުންފުނީގެ ސްޓާފުންނަށް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ފޭސްބުކްގެ ހުރިހާ ސްޓާފުންނާއި ވީޑީއޯ ކޮންފަރެންސްކޮށް ވާހަކަ ދައްކަވަމުން މައިކް ޒުކާބާގް ވިދާޅުވެފައިވަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންތިޚާބުގެ ނަތީޖާ ވަރަށް ސާފެވެ. އަދި ޖޯ ބައިޑްއަކީ މިވަގުތު އެމެރިކާގެ އިންތިޚާބީ ރައީސްކަމަށާއި ޖެނުއަރީ 20 ވަނަ ދުވަހަށްފަހު ބައިޑްން ވެގެންދާނީ އެމެރިކާގެ ރައީސްކަމުގައެވެ.
މައިކް ޒުކާބާގް، 36، އޭނާގެ ސޯޝަލް މީޑީއާ ކުންފުނީގެ ސްޓާފުންނަށް ވިދާޅުވެފައިވަނީ، ވޯޓު އޮޅުވާ މަކަރު ހަދާފައިވާކަމަށް އޭނާގެ ފޭސްބުކް ޕްލެޓްފޯމުގައި އެތައްބަޔަކު ދޮގު މައުލޫމާތު ފަތުރަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމުގައެވެ. އެހެންނަމަވެސް، ފޭސް ބުކްގައި މިނިވަންކަމާއެކު ދެތު މައުލޫމާތު ހޯދާ ބަލާ އަދި ދޮގު މައުލޫމާތު ހުއްޓުވުމަށް ގާއިމްކޮށްފައިވާ އޮޓޮމޭޓެޑް ސިސްޓަމްތަކަށް އޭނާ ތައުރީފްކުރެއްވިއެވެ. އެހެންނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް މިހަގީގަތެއްނެތް ވާހަކަތަކަށް ހިތްވަރު ދެއްވަމުން ގެންދަވާކަމީ ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ފޭސްބުކްއިން މިހާރުވެސް ގެންދަނީ އެމެރިކާގެ އިންތިޚާބު އޮޅުވާލާފައިވާ ކަމަކަށް ބުނެ ޚިޔާލު ފާޅުކުރަމުންދާ އެތައް މިލިޔަން މީހުންނަށް މިހާރުވެސް އެޕްލެޓްފޯމުގައި ޚިޔާލުފާޅުކުރުމުގެ ފުރުސަތު ދެމުންނެވެ.
ފޭސްބުކް ކުންފުނީގެ ހުރިހާ ސްޓާފުންނާއި ބައްދަލު ކުރައްވަމުން ޒުކާބާގް ވިދާޅުވީ އިންތިޚާބާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި ޔަގީންކަން އުފެއްދުމަކީ ކުރަންޖޭ މުހިންމު މަސައްކަތެކެވެ. އަދި ވަކިން ޚާއްސަކޮށް، ޓްރަމްޕަށް ވޯޓު ދިން އެތައް މިލިޔަން އެމެރިކާގެ ރައްޔިތުންނަށް މިޔަގީން ދިނުމަކީ މުހިންމު ކަމެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފޭސްބުކް ކުންފުނީގެ ސްޓާފުން ވަނީ، އެމެރިކާގެ ދެން އަންނަ ވެރިކަމެއްގައި، އެކުންފުންޏާއި މެދު އަމަލްކޮށްފާނެ ގޮތަކާއި ގުޅޭގޮތުން ޒުކާބާގާއި ސުވާލު ކޮށްފައެވެ. ބެލޭވޭގޮތުގައި ބައިޑްގެ ސަރުކާރުން ފޭސްބުކް ކުންފުންޏާއިމެދު ގެންގުޅޭ ވިސްނުން ޓްރަމްޕްގެ ސަރުކާރަށްވުރެ ހަރުކަށި ވާނެއެވެ.
ފޭސްބުކްގެ ސްޓާފުން ގަބޫލުކުރާ ގޮތުގައި ބައިޑްންއާއި އޭނާގެ ކެމްޕޭން ސްޓާފުން މައިކް ޒުކަބާގް އާއި އަދި އޭނާގެ ފޭސްބުކްދެކެ ވަރަށް ބޮޑަށް ނުރުހުން ވެއެވެ.
ފާއިތުވެދިޔަ ހަފްތާގައި، ބައިޑްންގެ ކެމްޕޭންގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ވަނީ، ފޭސްބުކްއިން، އިންތިޚާބާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއްނެތް ޚިޔާލުތަކާއި ވާހަކަތަކަށް ފުރުސަތު ދެމުންދާތީ އެކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ބައިޑްގެ ކެމްޕޭން ކޮމިއުނިކޭޝަން ޑައިރެކްޓަރ ވިދާޅުވެފައިވާ ގޮތުގައި، އިންތިޚާބުގެ ތެރޭގައިވެސް ފޭސްބުކް މެދުވެރުކޮށް އާންމު ވެގެންދިޔަ ނުރަގަޅު މައުލޫމާތުގެ ނަތީޖާއެއްގޮތުން އެމެރިކާގެ ޑިމޮކްރަސީއަށް އޭގެ ނުރަގަޅު އަސަރު ކުރަމުން ދެއެވެ. އަދި ވިދާޅުވީ ކަނާތު ފިޔައަށް ނިސްބަތްވާ ނުރައްކާތެރި މަޢުލޫމާތު ޑީލީޓް ކުރުމުގައި ފޭސްބުކު އުޅޭނީ މާ ފަހަތުގައެވެ.
ގަބޫލު ކުރެވޭ ގޮތުގައި ބައިޑްންގެ ކޮމިއުނިކޭޝަން ޑައިރެކްޓަރގެ މިކަންބޮޑުވުން ތަކަކީ، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާމެދު ބައިޑްންގެ ސަރުކާރުން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭނެ ކަމުގެ ނިޝާނެކެވެ.
ފޭސްބުކް ސްޓާފުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މި ބައްދަލުވުމުގައި ޒުކަބާގް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކާއި އަދި އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބައިޑްންގެ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައް އޭނާގެ ވިސްނުމާއި ވަރަށް އެއްގޮތެވެ. އަދި އޭނާ އުއްމީދު ކުރައްވާ ގޮތުގައި ބައިޑްންގެ ސަރުކާރާ އެކީ ގިނަ މައްސަލަތަކުގައި ހައްލު ހޯދައިގެން ކުރިޔަށް ދެވޭނެއެވެ.
މައިކް ޒުކަބާގްއަކީ މިވަގުތު ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަދި މަހުޖަނެވެ.
ފޭސްބުކްއަކީ ޒުކަބާގް އުމުރުން 19 އަހަރުގައި، 2004ގައި ހާވާޑް ޔުނިވާސިޓީގައި ކިޔަވަމުން ދިޔައިރު، އެ ޔުނިވަސިޓީގައި ކިޔަވަމުންދިޔަ ކުލާހުގެ ރައްޓެހިންގެ މެދުގައި އެކަކުއަނެކަކުގެ ނަމުން ފޮޓޯ ހޯދޭގޮތަށް އޭރު އެކުލަވާލި ކުޑަކުޑަ ޕްލެޓްފޯމެކެވެ.
ފޭސްބުކް އާންމުކޮށް މުޅި ދުނިޔެއަށް ހުޅުވާލެވިގެން ދިޔައީ 2012 ވަނަ އަހަރުގެ މޭމަހުގައެވެ.