އޮބާމާ އިންޓަވިއު ދެއްވަނީ

އެމެރިކާގެ ޑިމޮކްރަސީއަށް ދަނީ ލޮޅުން އަރަމުން: އޮބާމާ

އެމެރިކާގެ ޑިމޮކްރަސީއަށް ދަނީ ލޮޅުން އަރަމުން: އޮބާމާ

އެމެރިކާގައި ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ރިޕަބްލިކަން ޕާޓީގެ ބައެއް އިސްފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއަށް ލޮޅުން އަރަމުންދާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ސިބީއެސް ނިއުސްއަށް ދެއްވާފައިވާ، އަންނަ އާދީއްތަ ދުވަހު ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ، ޚާއްސަ އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވެފައިވަނީ، އޭނާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފައި ވާކަން ވަރަށް ސާފުކަމަށެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓު ޖޯ ބައިޑްން ކާމިޔާބު ކޮށްފައިވާކަމަށް އެމެރިކާގެ ހުރިހާ މީޑިއާަކުންވެސް މިހާތަނަށް އައިއިރުވަނީ އިއުލާން ކޮށްފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުންވެސް ވަނީ ބައިޑްއަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް މަދު ސްޓޭޓްތަކެގައި އަދިވެސް ދަނީ ނުގުނި ހުރި ބައެއް ވޯޓުތައް ގުނަމުންނެވެ.

މިހާތަނަށް އައި އިރު އިތިޚާބުގެ %99 ވޯޓު ގުނާ ނިމި، އަދި އިލެކްޓޯރަލް ވޯޓުން ޓްރަމްޕަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވެފައި ވީނަމަވެސް، ވޯޓު ގުނުން އޮޅުވާޅާފައި ވަކަމަށް ތުހުމަތުކޮށް ޓްރަމްޕްވަނީ އެމެރިކާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު އިންތިޚާބު ގަސްތުގައި އޮޅުވާލާފަ ވާކަމުގެ ސާބިތު ހެއްކެއް ޓްރަމްޕްގެ ގާނޫނީ ޓީމަށް ދެއްކިފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

ސީބީއެސް ނިއުސްއަށް ދެއްވި މި އިންޓަވިއުގައި އޮބާމާ ވިދާޅުވެފައިވަނީ، އިންތިޚާބު އޮޅުވާލާފައިވާކަމަށް ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންދަވަނީ ބަލި ގަބޫލުކުރަން ބޭނުން ނުވެގެންނެވެ. އަދި ވިދާޅުވީ، އިތުރަށް ކަންބޮޑު ވެވަޑައިގަންނަވަނީ، ޓްރަމްޕްގެ މިތުހުމަތުތަކަށް، ރިޕްބްލިކަން ޕާޓީގެ އެހެންބައެއް އިސްބޭފުޅުންވެސް ތާޢީދު ކުރައްވާތީއެވެ. އޮބާމާ ވިދާޅުވިގޮތުގައި، އެބޭފުޅުންނަށް ކުރެއްވޭ ކަމައެކަނި ކަމަކީ ޖޯ ބައިޑްންގެ ރިޔާސަތު ގަބޫލު ނުކުރެއްވުން އެކަނި ނޫންކަމުގައެވެ. އޭގެއިތުރުން އެބޭފުޅުން އެކުރައްވާ މަސައްކަތަކީ އެތަކެއް ޒަމާންތަކެއް ވަންދެން އެމެރިކާއިން ބައިލައިގެންފައި އޮތް ޑިމޮކްރަސީގެ އުސޫލުތައް ފުޑުފުޑު ކޮށްލުން ކަމުގައިވެސް އޮބާމާ ވިދާޅުވިއެވެ.

ސީބީއެސް ނިއުސްއަށް އޮބާމާ އިންޓަވިއު ދެއްވާފައިވަނީ، އޭނާގެ އާ ފޮތް، 'އަ ޕްރޮމިސްޑް ލޭންޑް' ނޮވެމްބަރު މަހުގެ 17ގައި ނެރުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މިފޮތުގައި އޮބާވަނީ، އޭނާ އެމެރިކާގެ ސެނެޓަށް އިންތިޚާވުމާއި އަދި އެމެރިކާގެ ރައީސްކަމުގެ ފުރުތަމަ ދައުރަށް އިންތިޙާބު ވެގެންދިއުމާއި ގުޅުންހުރި ވަރަށް ގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި މިއީ އޮބާމާ ވައިޓްހައުސްގައި ހޭދަކުރެއްވި މުއްދަތުގެ ވާހަކަތައް ލިޔުއްވާ ނެރުމަށް ހަމަޖެހިފައިވާ ދެ ފޮތުގެތެރެއިން ނެރޭ ފުރަތަމަ ފޮތެވެ.

މިފޮތުގައި އޮބާމާ ލިޔުއްވާފައިވާ ގޮތުގައި ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ، ކަޅު ނަސްލުގެ މީހަކު އެެމެރިކާގެ ވެރިކަން ކުރުމުން ހުރި ނުރައްކަލުގެ ވާހަކަތަކުން އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފަދައްދައިގެންނެވެ.

"އަހަރެންނަށް ވައިޓް ހައުސްއަށް ވަދެވުމުގެ ނަތީޖާއެއްގެ ގޮތުން، އެތައްބައެއް ހިތްތަކުގައި ބިންވަޅު ނެގިފައިވީ ނުތަނަވަސްކަމާއި ބިރުވެރިކަން ނެތިގެން ދިޔައެވެ. މި ނުތަނަވަސްކަމަކީ، ގުދުރަތީ ހަމަޔާއި އުސޫލު ނެތިކޮށްލާ އިހުސާސެކެވެ." މި ފޮތުގައި އޮބާމާ ލިޔުއްވާފަވާކަމަށް ބައެއް ފަރާތްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އިންތިޚާބުގެ ނަތީޖާ ބަލައިނުގަތުމަށް ޓްރަމްޕް ނިންމަވާފައިވާއިރު، އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ އިސްދެބޭފުޅުން ކަމުގައިވާ ސެނެޓްގެ ރައީސާ ނާންސީ ޕެލޯސީއާއި އަދި ސެނެޓްގެ މައިނޯރިޓީ ލީޑަރ ޗަކް ސްކަމްބަރވެސް ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ރިޕަބްލިކަން ޕާޓީއަށް ގޮވާލައްވާފައެވެ.

މިހާތަނަށް އައިރު، ރިޕަބްލިކަން ޕާޓީގެ މަދު ބޭފުޅުންކޮޅެއްވަނީ ޖޯބައިޑްގެ ކާމިޔާބީ ގަބޫލުކޮށް އޭނާއަށް ބަރުހަވާ ވިދާޅުވެފައެވެ. އަދި މި ބޭފުޅުންވެސްވަނީ، އިންތިޚާބީ ރައީސަށް އަރުވަންޖެހޭ ޖާސޫސީ މައުލޫމާތު ބައިޑްއަށް އަރުވަންފެށުމަށްވެސް އެމެރިކާގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.

އާންމުގޮތެއްގައި އިންތިޚާބީ ރައީސަށް ދުވަހުން ދުވަހަށް ލިބެންޖެހޭ ޖާސޫސީ މައުލޫމާތު އަރުވަންފަށަނީ ހުންނެވި ރައީސް ބަލި ގަބޫލު ކުރެއްވުމުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވަން ޓްރަމްޕް ނިންމަވާފައިވާއިރު، އަދި މިހާތަނަށް އައިއިރު ރިޕަބްލިކަން ޕާޓީގެ ގިނަ ފަރާތްތަކުންވެސް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *