ފައްޔާޒާއި އިންތި އިއްތިފާގުވީ އެއް ކަމެއް: 2023 ކާމިޔާބު ކުރަން ޕާޓީއަށް އިތުބާރު ހޯދަން ޖެހޭ

ފައްޔާޒާއި އިންތި އިއްތިފާގުވީ އެއް ކަމެއް: 2023 ކާމިޔާބު ކުރަން ޕާޓީއަށް އިތުބާރު ހޯދަން ޖެހޭ

Author
ޢަލީ އާދަމް
12 މެއި 2022 05:53
0

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް، ފާޓީއާމެދު ގެއްލެމުންދާ އިތުބާރު ހޯދަން ޖެހޭ ކަމަށް މޯލްޑިވިން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން އިއްތިފާގުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މިކަމަށް އިއްތިފާގުވެ ވާހަކަ ދެއްކެވީ ރާއްޖެޓީވީން ކުރިއަށްގެންދިޔަ "ޗެއަރޕާސަން ބަހުސް 2022″ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، 2023 އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ، ޕާޓީއާ މެދު ގެއްލެމުންދާ އިތުބާރު ހޯދުން ކަމަށެވެ. އަލުން އަނބުރާ ކުރީގެ ރޫހު ޕާޓީއަށް ގެންނަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމުގެ މުހިންމުކަމާގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިވަނީ، އިކޮނޮމިކް މިނިސްޓަރާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރާނަމަ އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުން އަވަސްވެގެންދާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ފިތުނަ ނައްތާލައި 2023 ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ހުރިހާ ބާވަތެއްގެ ފިތުނައާއި ފަސާދަ ނައްތާލަން ޖެހޭ ކަމަށާއި، 2023 ކާމިޔާބު ކުރުމަށް ގެއްލިފައިވާ އިތުބާރު އަނބުރާ ގެންނަ ޖެހޭ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ތެރޭގައި ވަކި ބަޔަކު ބޭނުން ގޮތަކަށް ކުރާ ކަންކަން ހުއްޓުވަން ޖެހޭ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފައެވެ. އެގޮތުން 2 ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އާންމު މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.