ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގަ ސިޔާސީ ލީޑަރުން ޖަލަށް ލެއްވެވީ އެމަނިކުފާނުގެ އަމުރައް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ އިއްޔެ ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީން އިއްޔެ ވަނީ އެމަނިކުފާނުގެ ފެރިކަމުގައި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހިވަޑަައިގަތް ސަބަބު ފުރަތަމަ ފަހަރަށް ތަފްސީލްކޮށްދެއްވާފައެވެ.
ޔާމިން ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރެއްވީ ކުށެއް ނުކުރައްވަނީސް ނޫން ކަމަށާއި، އެ ނިންމެވުމަކީ މުޅި ދައުލަތް ވައްޓައިލުމަށް ސުޕްރީމް ކޯޓުގެ ތެރެއިން އަމުރެއް ނެރުއްވުމުގެ އިސް މޭސްތެރިއަކަށް އެމަނިކުފާނު ހުންނެވުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ނިންމެވުމެއް ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމެވުމެއް ކަމަށެވެ. އަދި އެކޮމިޓީން އެކަން އެގޮތައް ނިންމީ އެމަނިކުފާނުގެ އަމިއްލަފުޅު ޙައްޤަކަށް ރައީސް މައުމޫނު އަރާވަޑައިގަތުމުން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ޔާމިން ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ ރިޔާޒް ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގަ އެތައް ސިޔާސީ ލީޑަރުންނެއް ޖަލު ގޮޅިއަށް ލެއްވެވީ އެމަނިކުފާނުގެ އަމުރައް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.
"އެގޮތައް ހިންގާފަ ހުރި ކަންކަން ބެލުމަށް ސުޕްރީމް ކޯޓުން ކޮށްފަވާ އަމުރުތައް ތަންފީޒު ނުވުމަކީ މުއައްސަސާތަކުގެ އިހުމާލެއް"
– ރިޔާޒް
ރައީސް ޔާމިންގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ އިތުރުން، އެމަނިކުފާނުގެ ނާއިބު ރައީސާއި ގިނަ ވަޒީރުން އަދި މަޖިލީހުގެ އެތައް މެމްބަރުންނެއް ވަނީ ހައްޔަރުކޮށް ޖަލަށް ލާފައެވެ.
މީގެއިތުރުން 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާގުޅިގެންވެސް އެކޯޓުގެ ބައެއް ފަނޑިޔާރުންނާއި އެނޫންވެސް ސިޔާސީ އެތައް ބައެއް ހައްޔަރުކޮށް ޝަރީއަތްތައް ހިންގާފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ މި އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމިން ވަނީ ދެކޮޅުހައްދަވާފައެވެ.
ކޮމެންޓު ފޮނުވާ