މިމަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް 10،972 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަދަދާ އެކު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަ މިވަނީ 54،354 އަށް އަރާފައެވެ. އަދި މިއަހަރު ޖެނުއަރީ އެކަކުން ފެށިގެން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު 434،201 އަށް އަރައެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިން ނެވެ. އެ ގައުމުން މިހާތަނަށް 11،240 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނަ މީހުން އައި އިނގިރޭސި ވިލާތުން، ޖުމްލަ 4،468 ފަތުރުވެރިން ރާއްޖެ އައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 5 ގައުމު:
- ރަޝިއާ – 11،240
- އިނގިރޭސި ވިލާތް – 4،468
- އެމެރިކާ – 3،927
- ޔޫއޭއީ – 3،858
- އިންޑިއާ – 3،418
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަ ވަރަކަށް އެއަރ ލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރު ތައްވެސް މިހާރު ގެންދަނީ އިތުރު ކުރަމުންނެވެ. އަދި ރާއްޖެއަށް ދަތުރު ފަށާއެއަރ ލައިން ތައްވެސް އަންނަނީ އިތުރު ވަމުން ނެވެ.

މިވަގުތު ޖުމްލަ 15 އެއަރ ލައިނުން ރާއްޖެއަށް ދަތުރު ކުރި ނަމަވެސް އަންނަ ޑިސެމްބަރު މަސް ނިމޭއިރު 25 އެއަރ ލައިނަކުން ދަތުރު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވައެވެ. ރާއްޖެއަށް މިހާރު ދަތުރުކުރާ 15 އެއަރލައިނުން ޖުމްލަ 1،146 ދަތުރު މިހާތަނަށް ވަނީ އަޅާފައެވެ.
ކޮމެންޓު ފޮނުވާ