ޖަމްޢިއްޔާތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ޖަމްޢިއްޔާތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

Author
ޢަލީ އާދަމް
09 މެއި 2022 09:06
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ 18 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްޢިއްޔާތައް ހަދައި ހިންގުމުގެ ޙައްޤު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާޢަތުތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ސިފަތަކާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ބިލެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށް، ޖަމްޢިއްޔާތަކުން މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ޤާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޖަމްޢިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްޢިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން މި ޤާނުނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތައް ބެހިގެންވާ ބައިތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެގޮތަށް ޢަމަލުކޮށްފައި ނުވާނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމުގެ ބާރު ޖަމްޢިއްޔާގެ ރެޖިސްޓްރާއަށް ލިބިދީފައިވެއެވެ.

ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަންވާނެކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްޢިއްޔާގެ ރަޖިސްޓްރާރ ކަމަށާއި ޖަމްޢިއްޔާގެ ރަޖިސްޓްރާރ ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި މިއަދުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2003/1) އުވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.