ޝިލްޕާ ޝެއްޓީއަކީ 1990ގެ ފަހުކޮޅުން ފެށިގެން 2000ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި ގަދަޔަށް ވިދާލި ބަތަލާއެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭނާގެ ޒުވާންކަމާއި ރީތިކަމަށް ބަދަލެއްނައިސް ހުންނަކަމީ އެތައް ބަޔަކު ހައިރާންކުރުވާ ކަމެކެވެ.
އޭނާ އަކީ މިހާރު އަރަމުން އަންނަ ޅަ ޒުވާން ކުދިންނަށްވެސް ގޮންޖަހަލާފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ދެކުދިންގެ މަންމަ ކަމުގައިވާ ޝިލްޕާއަކީ ދުޅަހެޔޮ ސިއްހަތާއި ފިޓްނެސްއަށް ވަރަށް ބަލައިގެން އުޅޭ ތަރިއެކެވެ.
ކެއިންބުއިން ވަކި ގޮތަކަށް ބަހައްޓައި، ޤަވާއިދުން ކަސްރަތުކުރުމަކީ އޭނާގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ހަމައެހެންމެ، ޝިލްޕާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިޓްނެސް އާއި ޑައިޓް ޓިޕްސް އާންމުންނާވެސް ހިއްސާކުރަމުންނެވެ.
އެގޮތުން ކޮންމެ ދުވަހެއްވެސް ޝިލްޕާ ފަށަނީ ސުމޫތީ އަކުންނެވެ. ޝިލްޕާ ހެނދުނުގެ ނާސްތާގެ ގޮތުގައި ޚިޔާރުކުރާ ދުޅަހެޔޮ ސްމޫތީ ތައްޔާރުކުރާ ގޮތް އޭނާ ވަނީ ފޭނުންނާ ހިއްސާ ކޮށްފައެވެ.
މި ނާސްތާގެ ނަމަކީ "މާމެއިޑް ސްމޫތީ ބައުލް" އެވެ. މިއީ ތަފާތު މޭވާގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ.
އެންމެފުރަތަމަ ކިވީ، ދޮންކެޔޮ، އަލަނާސި ކުދިކޮށް ކޮށާފައި މިކްސަރަށް އަޅާނީއެވެ. އަދި އޭގެތެރެއަށް ބްލޫބެރީކޮޅެއް އަޅައިލުމަށްފަހު ހުރިހާ އެއްޗެއް އެކުގައި މިކްސަރުގައި މުގުރާލާނީއެވެ.
ހުރިހާ މޭވާއެއް ރަނގަޅަށް ޗަސްވެ ޕޭސްޓުގަނޑެއް ހެދުމުން، އޭގެތެރެއަށް އެއް ޖޯޑު އާމަންޑް މިލްކާއި 2 މޭޒުމަތީ ސަމުސާ މާމުއި އަޅާފައި އަނެއްކާވެސް މިކްސަރު ޖައްސާނީއެވެ. ރަނގަޅަށް އެއްވުމުން ކުޑަ ބޯތަށްޓަކަށް އަޅާފައި ބްލޫބެރީ އާއި އާފަލު ފޮތި އަދި ފްލެކްސްސީޑް ފަދަ އެއްޗެހިން ގާނިޝް ކޮށްލާފައި ކާން ފަށަންވީއެވެ.
ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ނަމަވެސް ދުޅަހެޔޮ ހަށިގަނޑަށް ބޭނުންވާ މޭވާގެ ގިނަ ބާވަތްތައް ބޭނުންކޮށްގެން ހަދާ މި ސުމޫތީ އަކީ ޝީލްޕާގެ ކޮންމެ ދުވަހެއްގެ ވެސް ފެށުމެވެ. މިކަން އަޅެ އަޖުމަ ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ.
ކޮމެންޓު ފޮނުވާ