ސައުދީ އަރަބިއާގެ ރަސްގެފާނު، ކިންގް ސަލްމާނު ބިން އަބުދުލް އަޒީޒު، މެޑިކަލް ޓެސްޓުތަކެއް ހެދުމަށްޓަކާ، ސައުދީ ރެޑް ސީގެ ސިޓީއެއް ކަމުގައިވާ ޖިއްދާގެ ހޮސްޕިޓަލެއްގައި މި ހަފްތާގެ ހޮނިހިރު ދުވަހު އެޑްމިޓް ކޮށްފައިވާ ކަމަށް، ސައުދީ ރޯޔަލް ކޯޓުން ނެރެފައިވާ ސްޓޭޓްމަންޓަކާއި ހަވާލާދީ، ސައުދީ ޕްރެސް އޭޖެންސީއިން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފިއެވެ.
މި ސްޓޭޓްމަންޓުގައި އިތުރު ތަފްސީލުތަކެއް ހާމަނުކޮށް ބުނެފައިވަނީ، ކިންގް ސަލްމާން އެޑްމިޓް ކޮށްފައިވަނީ މެޑިކަލް ޓެސްޓުތަކެއް ހެދުމަށްޓަކާ، ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ކަމަށެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ އަދި، މުސްލިމުންގެ އެންމެ މުގައްދަސް ދެބިނާ ހުންނަ، ސައުދި އަރަބިއާގެ ރަސްކަމަށް ކިންގް ސަލްމާން އިސްވެވަޑައިގަތީ 2015ވަނަ އަހަރުއެވެ. ކިންގް ސަލްމާން ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތީ ވަލީ އަހުދުގެ މަގާމްގައި ހުންނަވާތާ 2-1/2 ވުމަށްފަހުއެވެ.
މިހާރު އުމުރުފުޅުން 82 އަހަރުގެ ރަސްގެފާނުވަނީ 2020ވަނަ އަހަރު ގޯލްޑުބްލަޑަރގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. އަދި ވަނީ މިއަހަރުގެ މާރޗްމަހު ހިތަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓެރީ ބަދަލު ކުރައްވާފައެވެ.
ކިންގް ސަލްމާނަށްފަހު ސައުދީ އަރަބިއާގެ ރަސްކަމަށް އިސްވެވަޑައިގަންނަވާނީ ރަސްގެފާނުގެ ދަރިކަލުން، މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ. ސައުދީ އަރަބިއާގެ ސަރުކާރު ދުވަހުން ދުވަހަށް ހިންގެވުމުގެ އެންމެހާ ޒިންމާއަކާއި މިހާރުވެސް ރަސްގެފާނުގެ ފަރާތުން ހަވާލުވެ ވަޑައިގެން ހުންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ.
ކިންގް ސަލްމާން ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތީ އޭނާގެ އެއްބަފާ ބޭބޭފުޅު އަބުދﷲ ރަސްގެފާނު 2015ވަނަ އަހަރު އަވަހާރަ ވެވަޑައިގަތުމާއި ގުޅިގެންނެވެ. އަބުދުﷲ ރަސްގެފާނު ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތީ 2005ވަނަ އަހަރު އެއްބަފާ ބޭބޭފުޅު ފަހުދު ރަސްގެފާނު އަވަހާރަ ވުމާއި ގުޅިގެންނެވެ. ފަހުދު ރަސްގެފާނަކީ މިހާރުގެ ސައުދީ އަރަބިއާގެ ބާނީ ކަމުގައިވާ ކިންގ އަބުދުލް އަޒީޒުގެ 8 ވަނަ ދަރިކަލުންނެވެ. ފަހުދު ބިން އަބުދުލް އަޒީޒު އަލް ސައުދު ސައުދީ އަރަބިއާގެ ރަސްކަން ކުރައްވާފައިވަނީ 1982 އިން 2005 އަހަރާއި ހަމައަށެވެ.