އާއިލާގެ އެހެން މެމްބަރުންނާ ހިލާފަށް އެކްޓިންއަށް އެއްވެސް ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ރިދިމާ ކަޕޫރު ސަހާނީ ބުނެފިއެވެ.
ރިދިމާއަކީ ކުރީގެ މަޝްހޫރު އެކްޓަރ ރިޝީ ކަޕޫރާއި ނީތޫ ސިންގްގެ ދޮށީ ދަރިފުޅެވެ. އަދި މިހާރުގެ މަޝްހޫރު އެކްޓަރ ރަންބީރު ކަޕޫރަކީ ރިދިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މި 4 މެންބަރުންގެ އާއިލާގައި ހަމައެކަނި ފިލްމު ނުކުޅެ ހުރީވެސް ރިދިމާއެވެ. އެކްޓިން ގެ ބަދަލުގައި އޭނާ ޚިޔާރުކުރި ކެރިއަރަކީ ފެޝަން ޑިޒައިނިންއެވެ.
"ޓައިމްސް އޮފް އިންޑިއާ"އަށް ދިން އިންޓަވިއުއެއްގައި ރިދިމާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. ފިލްމަކުން ދުވަހަކުވެސް ފެނިދާނެތޯ ސުވާލުކުރުމުން އޭނާ ބުނީ އެއީ ދުވަހަކުވެސް ނުވާނެ ކަމެއް ކަމަށެވެ. އަދި އޭނާ އެކްޓުކުރާނީ ވެސް ކިހިނެއްތޯ އަހާފައިވެއެވެ.
"އަހަރެން ލަންޑަންގަ ކިޔަވަން ހުރި ދުވަސްވަރު ވަރަށް ގިނަ ފުރުސަތުތައް ލިބުނު އެކްޓުކުރުމަށް. އެކަމަކު ދުވަހަކުވެސް އެކަން ކުރާކަށް ހިޔާލަކަށް ނާދޭ. އެންމެކުޑަމިނުން އާއިލާ މީހުންނާ މަޝްވަރާކޮށްފައެއް ވެސް ނޯންނާނެ އެ ދާއިރާއިން ކުރިއަށް ދާކަށް" – ރިދިމާ
އޭނާ ބުނީ ލަންޑަނުން އައި ގޮތަށް އޭނާ ކައިވެނިކުރީ ކަމަށެވެ. އެކަމަކު ކިޔަވަންހުރި ދުވަސްވަރު މަންމަ (ނީތޫ) ވެސް ވަރަށް ގިނައިން ފިލްމު އޮފާތައް އަންނަ ވާހަކަ ބުނާ ކަމަށް ބުނެފައިވެއެވެ.
ރިދިމާ، 40، ވިޔަފާރިވެރިޔާ ބާރަތު ސަހާނީއާ ކައިވެނިކުރީ 2006 ގައެވެ. އެމީހުން ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ 5 އަހަރު ފަހުންނެވެ. އަދި އެމީހުންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.
ކޮމެންޓު ފޮނުވާ