ބޮޑު ބައްޔަކާއިއެކު، ޔުނައިޓެޑަށް ގަދަ ހަތަރެއް ގެއްލިއްޖެ

ބޮޑު ބައްޔަކާއިއެކު، ޔުނައިޓެޑަށް ގަދަ ހަތަރެއް ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލިއްޖެއެވެ.

ބްރައިޓަން ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. ބްރައިޓަން ދަނޑުގައި ރޭ އެ ޓީމަށް ލީޑުނަގައިިދިނީ މޮއިސެސް ސައިސޭޑޯ އޭރިއާބޭރުން ތިރިތިރިން ޖެހި ގޯލަކުންނެވެ. ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހަން ބްރައިޓަން އަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ބްރައިޓަން އަށް ލީޑުފުޅާކޮށްދިނީ މާކް ކުކުރޭލާއެެވެ.

މެޗުގެ 57 ވަަނަ މިނެޓުގައި ޕަސްކާލް ގްރޮސް ވަނީ ބްރައިޓަނުގެ ތިވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑެވެ. މި ލަނޑު ޖަހަން ޓްރޮސާޑް ބޯޅަ ގޯލަށް ވައްދާލީ އަތުން ކަމަށް އެޕީލްކުރުމުން، ގޯލު ބަލަގެންފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.

ޔުނައިޓެޑުން ގޯލެއް ޖަހަން ރަނގަޅު ތިން ހަމަލާ ފޮނުވާލިއެވެ. ބަދަލަކަށް ކުޅެން އެރި އެޑިންސަން ކަވާނީ އާއި ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަތަކާއި އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓް ބްރައިޓަންގެ ސްޕެއިން ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަވަަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 37 މެޗުން ލިބުނު 58 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ގަދަ ހަތަރަކަށް ވަދެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. މިއީ ޔުނައިޓެޑުން ފާއިތުވި 30 އަހަރު އެންމެ މަދުން ޕޮއިންޓް ހޯދާ ސީޒަނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *