ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އެއްވަނައަށް

ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އެއްވަނައަށް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 03:37
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ތާވަލުގެ އެއްވަނައަށް ކުލަބު އީގަލްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ) އަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ.

އޭގެ މިނެޓެއް ފަހުން ގްރީނުން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ކުރިއަށް އަރައި ހުރި ވަގުތު، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ އަވީލާ ހެނާންޑޭޒެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ.

އީގަލްސްއިން މި މެޗުގައި ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒައިންއެވެ. އަދި އޭގެ މިނެޓެއް ފަހުން އީގަލްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭރިއާ ބޭރުން ހަންނަ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަނީ ކީޕަރު ސާގިބުގެ އަތުގައި ޖެހިފައެވެ.

މި މެޗުގައި ގްރީން ސްޓްރީޓްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ސާއިފް ބޮލުން ފޮނުވާލި ހަމަލާ ހުރަސްދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އެ ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު އަލީފް އަތުން ބައިކޮޅަށެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އީގަލްސް ޖެހިލީ ކުޅުނު 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 10 މެޗުން 27 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ހުކުރު ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބަލިނުވެ ފަރުޖައްސާލައިގެންވެސް މާޒިޔާއަށް އަލުން އެއްވަނައަށް އެރޭނެއެވެ. މީގެ އިތުރުން އީގަލްސް އަތުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތްވަނައިގައި 11 މެޗުން 11 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.