ކުރީގެ ރައީސް ޔާމީނަށް މިހާރު އެއްވެސް ރައްކާތެރި ކަމެއް ނެތްކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލުޝަނުން ބުނެފިއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ކުރީގެ ވެރިކަން ކުރައްވާފައިވާ އެތައްހާސް ރައްޔިތުންގެ ލޯތްބާއި ތާއީދު އޮތް މިހާރުގެ އިދިކޮޅު ލީދަރަށް ވާއިރު ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބެންޖެހޭ ރައްކާތެރިކަމާއި ހިޔާތް އެއްވެސް ވަރަކަށް ނުލިބޭކަމަށެވެ.
މިއަދު އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭންޖެހޭ ދިރި ހުރިހުރުމުގެ ހައްގުވެސް ރަނގަޅަށް ކަށަވަރު ނުކުވާކަމަށް އަދުރޭ ވިދާޅުވިއެވެ. އެމަނިކުފާނުގެ ގެއަށްވެސް ބޭނުން ގަޑިއަކު ފުލުހުން ވަދެ ބޭނުން ކަމެއް ކުރަމުންދާކަމަށާއި، މިކަމުގެ ސަބަބުން އާއިލާއަށްވެސް ބޮޑު ބިރުވެރިކަމަކާއި ކުރިމަތިވެފައިވާކަމަށެވެ.
ރައީސް ޔާމީނަށް މިއަދު އެއްވެސް ރައްކާތެރިކަމެއް ނެތް. އެމަނިކުފާނަށް ފާޅުގައި އިންޒާރުދެނީ. ގެއަށް ބޭނުން ގަޑިއަކު ފުލުހުން ގޮސް ވަދެގަންނަނީ، މިއިންކަމެއް ބަލަނީ ކޮންތާކުންތޯ. ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ހުށަހެޅިތާ 48 ގަޑިއިރަށްވުރެ ގިނަ އިރުވީ އަދިވެސް އެއްވެސް ހަބަރެއްނެތް. މިއީ ކޮން އިންސާފެއްތޯ.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯ އާންމުކުރި މީހުންނަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ޓެރަރިޒަމްގެ އަމަލެއް. ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އެބެއް މަސައްކަތް ކުރައްވާފަ. އެހެންވީމަ ރައީސް ޔަމީނަށް މި ދިން އިންޒާރަކީ އިންޑިއާ ސަރުކާރުގެ ރޭވުމުގެ މަތިން ދިވެހި ސަރުކާރުގެ އަޑީގައި އޮވެގެން މާރިޔާ އިސްވެ ހުރެ ހިންގާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތް.
– އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް ރައީސް ޔާމީނަށް އެފަދަ އިންޒާރުތައް ދީގެން އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައެއް ނުވެއެވެ.