ޔޫކްރައިންގެ ރައީސް ވޮލަޑީމަރ ޒިލަންސްކީ ހޮސްޕިޓަލުގައި އެޑްމިޓްވެ ކޯވިޑް-19އަށް ފަރުވާ ހޯދަން ފަށައިފިއެވެ.
މި ދިޔަ ހޯމަ ދުވަހު ކޯވިޑަށް ޕޮޒިޓިވް ވީކަން އިއުލާން ކުރި ޒިލަންސްކީ ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯދަމުން ގެންދިޔަ ނަމަވެސް ހާލު ގޯސް ނޫންކަމަށް ރައީސްގެ ތަރުޖަމާނު ރޮއިޓަރސް އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. ރައީސް ޒިލަންސްކީ ކޯވިޑަށް ޕޮޒިޓިވް ވުމުން ފުރަތަމަ ހުންނެވީ އެ މަނިކުފާނުގެ ގެކޮޅުގައި ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ވީ، އެންމެ ރަނގަޅުގޮތުގައި އެކަހެރި ވުމަށާއި ބައްދަލުވާ މީހުން މަދު ކުރުމަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސް ވޮލަޑީމަރ ޒިލަންސްކީގެ އިތުރުން އެ ގައުމުގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި އެ ގައުމުގެ ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރ ވެސް ހިމެނިވަޑައިގަންނަވައެވެ.
ޔޫކްރެއިންގައި ކޮރޯނާ ފެތުރޭ މިންވަރު އިތުރުވާން ފަށާފައިވަނީ ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ. އަދި އޮކްޓޫބަރާއި ނޮވެމްބަރު މަހުވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާތީ، މިއަހަރުގެ ނިޔަލަށް ބައެއް ކަހަލަ ފިޔަވަޅުތަށް އެ ގައުމުގައި ވަނީ އަޅާފައެވެ. އެގޮތުން ހަފްތާ ބަންދުތަކުގައި މުޅި ގައުމު ލޮކްޑައުން ކުރަން ވަޒީރުންގެ މަޖިލީހުގައި އިއްޔެ ވަނީ ވޯޓެއްވެސް ނަގާފައެވެ.
ޔޫކްރެއިންގައި މިހާތަނަށް 5 ލައްކަ އަށް ވުރެ ގިނަމީހުނަށް ވަނީ ކޯވިޑް-19 ޖެހިގެން ރިޕޯޓު ކޮށްފައެވެ. އަދި 9،145 މީހުން އެ ގައުމުން މިހާތަނަށް މިބަލީގައި ވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ