މަޖީދީމަގު ނޫން އެހެން ސަރަހައްދެއްގައި މޭޑޭ ރެލީ ބާއްވަން ހުއްދަދީފި

މަޖީދީމަގު ނޫން އެހެން ސަރަހައްދެއްގައި މޭޑޭ ރެލީ ބާއްވަން ހުއްދަދީފި

Author
މުޙައްމަދު ޖިމީ
01 މެއި 2022 12:46
0

މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގައި މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން ނުބޭއްވޭނެކަމަށް ބުނެ، އެހެން ސަރަހައްދެއްގައި ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

ފުލުހުން ބުނީ، މޭޑޭ ރެލީ އޯގަނައިޒް ކުރާ ފަރާތާއެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދީފައިވާކަމަށެވެ.

މަސައްކަތްތެރިގެ ދުވަހުގެ ހިނގާލުން އިންތިޒާމުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއިއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، މަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީއާއި ވަކިން ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް، ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށެވެ.

ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ހަމަ މިއާއެކު، ޤާނޫނު ނަންބަރު 01/2013، ޞުލްޙަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް ދަންނަވާފައިވާނެކަމަށެވެ.

މާލޭގެ މަޖީދީ މަގަކީ މީގެ ކުރިންވެސް ބޮޑެތި ހުރިހާ އެއްވުންތަކާއި، މުޒާހަރާތައް ބާއްވާފައިވާ މަގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.