މިސަރުކާރުން ނުފޫޒު ފޯރުވައި، އަނިޔާވެރިވެ ޚިޔާނާތްތެރިއެއް ނުވާނެ: އަލީ ޒާހިރު

މިސަރުކާރުން ނުފޫޒު ފޯރުވައި، އަނިޔާވެރިވެ ޚިޔާނާތްތެރިއެއް ނުވާނެ: އަލީ ޒާހިރު

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2022 09:30
0

މިސަރުކާރުން އެއްވެސް މީހަކަށް ނުފޫޒު ފޯރުވައި، ރައްޔިތުންނަށް އަނިޔާވެރިވެ، ޚިޔާނާތްތެރި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ވެފައިވާ ވައުދުތަކާއި އެއްގޮތަށް ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ބެލިގެން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އަލީ ޒާހިރު ވިދާޅުވީ ޚިޔާނާތަކީ މިސަރުކާރުން ޖާގަދޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި ތަފާތު ކުރުމާއި، ބޭއިންސާފުން ކަންކަން ކުރުމަކީ މިސަރުކާރުން ޢަމަލު ކުރާނެ ގޮތެއް ނޫންކަމަށާއި، އަދި އެފުރުސަތު ސަރުކާރުން ނުވެސް ދޭނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރި މީހަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަން މިހާތަނަށްވެސް ވާނީ ބަލާފައި ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ޢަމަލު ކުރާނީ އެގޮތަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ މެމްބަރުންނާއި ޚުދު އެމަނިކުފާނުވެސް އެދެނީ ވަރަށް އާދައިގެ ކަމަކަށް ކަމުގައެވެ. އެމްޑީޕީން އެދެނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުންކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކޮށް، ހަމަހަމަ ކަމާއިއެކު އެންމެނާއިމެދުވެސް އަމަލު ކުރުންކަމަށެވެ. ސަރުކާރުން ވެރިކަމަށް އައިއިރު ވެފައިވާ ވައުދާއި އެއްގޮތަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާއި، ވެންޓިލޭޓަރުގެ ކޮރަޕްޝަން ބެލުމަކީ އެމްޑީޕީވެސް އެދެމުންދާ ކަންތައް ކަމަށެވެ. މިކަންކަން ނުބެލޭހާ ހިނދަކު އިތުބާރު ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ވެސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެފައެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވެވިއެވެ. އަދި މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.