ރައީސްގެ ޤަރާރަކުން އިންސާނީ ހައްގެއް ހަނިނުކުރެވޭނެ: ޑރ.ޝަހީދު

ރައީސްގެ ޤަރާރަކުން އިންސާނީ ހައްގެއް ހަނިނުކުރެވޭނެ: ޑރ.ޝަހީދު

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2022 02:56
0

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ރެޕަޓުއަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީދު މިހެން ވިދާޅުވީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަންގަވައި، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމަވާފައިވާތީ ނެރުނު ޤަރާރާއި ގުޅިގެންނެވެ.

ޑރ.ޝަހީދު ވަނީ މިފަދަ ނިންމުމެއް ރައީސްގެ ޤަރާރަކުން ނުނިމޭނެކަން ވަރަށް ތަފްސީލްކޮށް ހާމަކޮށް ދެއްވާފައެވެ. ޝަހީދު ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ ވާހަތައް ހުއްޓުވާނަމަ ހުއްޓުވަން ޖެހޭނީ ޤަރާރަކުން ނޫންކަމަށެވެ. ސްޓޭޓް އޮފް އެމެޖެންސީ ޑިކްލެއާ ނުކޮށް، ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާ ގެ ޤަރާރަކުން އިންސާނީ ހައްގު ހަނިނުކުރެވޭނެކަމަސް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޤައުމީ ސަލާމަތަށް ނުރައްކާ ވާހަކަތައް ދެއްކުން ހުއްޓުވުން އޯކޯ. ނަމަވެސް ސްޓޭޓް އޮފް އެމެޖެންސީ ޑިކްލެއާ ނުކޮށް، ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާ ގެ ޤަރާރަކުން އިންސާނީ ހައްގު ހަނި ނުކުރެވޭނެ. މި ގޮތަށް ރާއްޖެ ވަނީ 2006 ގައި އައިސީސީޕީއާރުގެ ދަށުން އެއްބަސްވެފަ. ހައްގުތައް ހަނި ކުރެވޭނީ 3 ޝަރުތެއް ފުރިހަމަކޮށްފަ.

– ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވަނީ މިޝަރުތުތަކަށްވެސް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ. އެގޮތުން ފުރަތަމަ ޓެސްޓަކީ، ލީގަލިޓީކަމަށެވެ. ދެއްކުން މަނާ ވާހަކައެއްނަމަ، އެއީ މަނާ ވާހަކައެއްކަން ސާފުކޮށް އެނގޭ ގޮތަށް ލިޔެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި އޮންނަ ޤާނޫނެއް އޮންނަން ވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް އޮތުމަކުން މިޓެސްޓުން ފާސް ނުވާނެކަމަށް ޝަހީދު ވިދާޅުވިއެވެ.

ދެވަނަ ޓެސްޓަކީ، "ލެޖިޓިމަސީ" އެވެ. އެއީ ދެއްކުން މަނާ ވާހަކައެއް ކަމަށް ނިންމާނީ އައިސީސީޕީއާރު 19(3) އިން ހުއްދަދޭ މަސްލަހަތެއް ހިމާޔަތް ކުރަން ކަން ކަށަވަރު ކުރުން ކަމުގައެވެ. ނޭޝަނަލް ސެކިއުރިޓީ ހިފެހެއްޓުމަކީ ހުއްދަ ކަމެއް ނުވަތަ 19(3) ގެ ދަށުން ސައްޚަ ސަބަބެއް ކަމަށާއި، އެހެން ކަމަށްވުމުން މިޓެސްޓް ފާސް ވެދާނެކަމަށެވެ.

ތިންވަނަ ޓެސްޓަކީ، "ސެސިސިޓީ އިން އަ ޑިމޮކްރަޓިކް ސޮސައިޓީ" މާނައަކީ ފުރަތަމަ 2 ޓެސްޓުން ފާސް ވިޔަސް، ހަނި ކުރެވޭނީ އެ މަސްލަހަތު ރައްކާތެރި ކުރަން ކޮންމެހެން ހަނި ކުރަން ޖެހޭ ހާލަތެއްގައި، އަދި އެންމެ ކުޑަ މިންވަރެއްގެ ހުރަކުން ކަމަށާއި، އޭގެ މާނައަކީ އިންޑިއާއާއި، އެކު، އޮންނަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތް ގޮތް، ހުރިހާ ހިނދަކު އިންޑިއާ އައުޓް ގޮވުން މަނާކުރުމަކީ، 3 ވަނަ ޓެސްޓްއިން ފާސްވާނެ ކަމެއް ނޫންކަމަށެވެ.

ޚާރިއްޖިއްޔާއިން ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީއަށް ކުރެވޭ ބޭއިންސާފެއް! އަދި ރައްޔިތުންނަށް އަނިޔާއެއް.

– ޝަހީދު ވިދާޅުވިއެވެ.

މި ޤަރާރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1981) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން، ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި މި ޤާރާރުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އ.ދ. އިން ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކަށް ބަލާއިރު، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.