ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ފްރެންޗް ލީގުގައި އެންޖާސް 0-3 ގެ ނަތީޖާއަކުން ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މެޗުގައި ޕީއެސްޖީން ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު ހަކީމީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކީލިއަން އެމްބާޕޭއެވެ. މި ލަނޑަށްފަހުވެސް ލީޑު ފުޅާކުރަން އެމްބާޕޭއަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެންހަލް ޑިމަރިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޖިއޯ ރާމޮސްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއިން އެންޖާސްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެންޖާސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް، އެޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން މާ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. ޕީއެސްޖީން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ޑިމަރިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކީނޮސްއެވެ.

ޕީއެސްޖީ އަށް ރޭ ލީގު ޔަގީންކުރެވެން އޮތީ ދެ ވަނައިގައި އޮތް މާސޭ އަށް ނޯންޓެސް އަތުން މޮޅުނުވެވިިއްޖެނަމައެވެ. މިރޭގެ މެޗުން ނޯންޓެސް އަތުން ފަހަތުން އަރައި 3-2 އިން މާސޭ މޮޅުވުމުން ޕީއެސްޖީ އަށް މި ވަނީ ލީގު ތަށި ހޯދައިގެން ބާއްވަން ބޭނުންވި އުފާފާޅުކުރުން ލަސްކުރަން ޖެހިފައެވެ.

ޕީއެސްޖީ މި ވަގުތު ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 33 މެޗުން 77 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 33 މެޗުން މި ވަނީ 62 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *