މިއީ ބޮލީވުޑްގެ ތާރީހުގައި މުޅިން އަލަށް ހިނގި ކަމެއްގެ ގޮތުގައި ސިފަކޮށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ، ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ، އެންމެ ޓޮޕް 6 ތަރިން ކައިވެނިކުރި ޚަބަރު ގެނެސްދީފައެވެ.
މީގެ ކުރިން ބޮލީވުޑްގެ ތަރިން ކައިވެނި ކުރި ކަމުގައިވިޔަސް އެކަން ބޮޑު ސިއްރެއްގެ ގޮތުގައި ބޭއްވުމާއި، ކައިވެނި ނުކުރުން ފަދަ ކަންކަން ވަރަށް ގިނައެވެ. ސަބަބެއްގެ ކަމުގައި ވަނީ ކައިވެނި ކުރުމުން މިނިވަންކަން ގެއްލުމާއި ކެރިއަރ ހަލާކުވުމެވެ.
ނަމަވެސް މިހާރު ހުރިހާކަމެއް ބަދަލުވެ ބޮލީވުޑްގައި ތަރިން އަންނަނީ ވަރަށް ކުލަގަދަކޮށް ކައިވެނިތައް ބާއްވަމުންނެވެ. އަދި ދަރިން ހޯދާ ތަރިން އަލުން ފިލްމީ ދުނިޔެއަށް އެނބުރި އަންނަކަން ވެސް ފާހަގަ ކޮށްލެވެއެވެ.
މިހާރުގެ އެންމެ ޓޮޕް 6 ތަރިންގެ ތެރެއިން އެންމެ ފަހުން ކައިވެނި ކުރީ އެކްޓްރެސް އާލިއާ ބަޓެވެ. އޭނާ ކައިވެނި ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ލޯބިވެރިއާ ރަންބީރު ކަޕޫރާ އޭނާ ކައިވެނި ކޮށްފަައިވަނީ ވަރަށް ކުލަގަދަކޮށެވެ.
އާލިއާގެ ކުރިން ކައިވެނި ކުރީ ކެޓްރީނާ ކައިފްއެވެ. މި ކައިވެންޏަކީ ވަރަށް ސިއްރުން ކުރަންއުޅުން ކައިވެންޏެއް ނަމަވެސް އެކަން ވަނީ މީޑިއާއަށް ފަޅާ އަރާފައެވެ. ކެޓްރީނާ އާއި ލޯބިވެރިޔާ އެކްޓަރ ވިކީ ކޯޝަލް ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރި ދީޕިކާ ޕަޑުކޯން ވަނީ 2018 ވަނަ އަހަރު ކައިވެނި ކޮށްފައެވެ. އޭނާ ކައިވެނި ކުރީ ލޯބިވެރިޔާ އެކްޓަރ ރަންވީރު ސިންގާއެވެ. މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އެމީހުނަށް ދަރިއަކު ލިބޭނެ ދުވަހަކަށެވެ.
ބޮލީވުޑާއި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. ލަވަކިއުންތެރިޔާ / އެކްޓަރ ނިކް ޖޯނަސް އާއިއެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އޮތް މި ކައިވެންޏަކީ ވަރަށް ކުލަގަދަ ކޮށް ބޭއްވުނު ކައިވެންޏެކެވެ.
މި ލިސްޓްގައި ހިމެނޭ އަނެއް ނަމަކީ އަނުޝްކާ ޝަރުމާއެވެ. އަނުޝްކާ އާއި ލޯބިވެރިޔާ، ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީއާ ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެމީހުން ކައިވެނި ކުރީ ވަރަށް ސިއްރުން އިޓަލީގައެވެ. އަދި މިހާރު ވަނީ އެ ދެމަފިރިންނަށް ދަރިއަކު ލިބިފައެވެ. އަނުޝްކާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ވަމިކާ ލިބުނީ 2021 ވަނަ އަހަރު ޖަނަވަރީ 11 ގައިއެވެ.
މި ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދަނީ ބޮލީވޫޑްގެ ހުނަރުވެރި ބަތަލާ ކަރީނާ ކަޕޫރެއެވެ. އަދި މި ދުވަސްވަރުގެ ޓޮޕް ބަތަލާއިންގެ ތެރެއިން އެންމެ އަވަހަށް ކައިވެނި ކުރީވެސް ކަރީނާ ކަޕޫރެވެ. އޭނާ ކައިވެނި ކޮށްފައިވަނި އެކްޓަރ ސައިފް އާލީ ޚާނާއެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު މި ކައިވެނި ކުރިއަށްދިޔައީ ވަރަށް ކުލަގަދަ ކޮށެވެ. އަދި މި ކައިވެނިން އެމީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. ކަރީނާ އަންނަނީ ކުދިން ލިބުމަށްފަހުވެސް ފިލްމު ކުޅެމުންނެވެ.
ފާހަގަ ކޮށްލެވޭ ކަމަކި މި ހުރިހާ ތަރިންވެސް އަންނަނީ ފިލްމު ކުޅެމުން ކަމެވެ. އަދި ހާއްސަކޮށް މިތަރިން ކުޅެމުން އަންނަނީ ފިލްމު ތަކުގެ ލީޑް ރޯލެވެ. އެހެން ކަމުން ކައިވެނި ކުރިކަމުގައި ވިޔަސް އަދި ދަރިން ލިބުނު ކަމުގައިވިޔަސް ފިލްމީ ދާއިރާއަށް އަލްވަދާއު ކިޔަން ނުޖެހޭނަކަން މިތަރިން ވަނީ ހާމަކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ