ހިއުމަން ރައިޓްސް ވޮޗްއިން ރާއްޖޭގައި ހުރި މައްސަލަތައް ބަލައި އެކުލަވާލި ރިޕޯޓުގައި ފާހަގަކުރި ކަންކަން އިސްލާހުކުރަން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހަޅުއްވާފައިވާ އެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. އަދި ބަހުސްކުރަން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.
ހުސެންގެ މައްސަލާގައި ބުނެފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި، މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ކުރި ތަހުގީގުން ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް މިއަދާ ހަމަޔަށް އެކަން ކޮށްފައިނުވާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އިސްލާހު ނުކުރާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ނަމަވެސް އަދިވެސް އެ ގާނޫނުތައް އުވާ ނުލާ ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާތަކަށް ހުރަސް އަޅަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާލުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވުމާއި މަރު ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުނެރުވުމާއި އަދި ޖުޑީޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.