ބަދުނާމު އެޅުވިދާނެ، އެކަމަކު 2023 ފެއިލްކޮށްލަން ކުޑަ ޖާގައެއްވެސް ނުދޭނަން: ފައްޔާޟު

ބަދުނާމު އެޅުވިދާނެ، އެކަމަކު 2023 ފެއިލްކޮށްލަން ކުޑަ ޖާގައެއްވެސް ނުދޭނަން: ފައްޔާޟު

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2022 09:45
0

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް، ކިތަންމެ ބަދުނާމެއްވެސް ބޮލުގައި އެޅުވިދާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދާގޮތަށް ކުރާ މަސައްކަތް ބޮޑު ތަނުން ފެއިލް ކޮށްލާނެކަމަށް ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި "ހިންގާލަން" ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަރަކާތުގައި ފައްޔާޟު ވަނީ އޭނާއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ރައްދު ދެއްވާފައެވެ. ކެމްޕެއިން ޖަލްސާއެއްގައި އިންތި ވަނީ އެމްޑީޕީއަށް ޗެއާޕާސަން ހޮވަން އުޅެނީ ދޮޅު އަހަރަކަށް ނޫން ކަމަށާ ކުރިއަށް އޮތީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން ކަމަށް ކަމަށް ވިދާޅުވެ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.

ފައްޔާޟު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް 2023 ގައި މި ގައުމުގައި ނޯންނާނެ ގޮތަށް ކުރާ މަސައްކަތް ބޮޑުތަނުން ފެއިލް ކޮށްލާނެކަމަށެވެ. ފައްޔާޟު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް މި ފަހުން މަޖިލީހުގައި ވޯޓު ދެއްވާފައި ވަނިކޮށެވެ.

އަޅުގަނޑުމެންނާ ދިމާލަށް ކޮންމެ އެއްޗެއް ކީނަމަވެސް! އަޅުގަނޑުމެން ބޮލުގައި ކޮންމެ ބަދުނާމެއް އެޅުނުކަމުގައި އެފުރުސަތު އެއްވެސް ބަޔަކަށް ދޭކަށް ނެތިން! 2023 އެމްޑީޕީ ސަރުކާރެއް ނޯންނާނެ ގޮތައް ކުރާ މަސައްކަތް ބޮޑުތަނުން ފެއިލް ކޮއްލާނަން.

– ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ކެމްޕޭންގައި މިހާތަނަށް 134 ރަށަކަށް އޭނާ އަށް ވަޑައިގެންނެވުނު އިރު މައިގަނޑު ދެ ކަމެއް ފާހަގަކުރެއްވުނެވެ. އެންމެ ބޮޑު ކަމަކަށް ފެނިވަޑައިގަތީ "އެމްޑީޕީ ހިންގާލަން އާއްމު މެމްބަރުން ފެންބޮވައިގެންފައި ތިބި ތަން" ކަމަށް ވިދާޅުވިއެވެ.

ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވާން ޖެހޭ ކަމަށާ އެ ގުޅުން ވަރަށް ކުޑަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޟު ވިދާޅުވީ 2023 އެމްޑީޕީއަށް ލިބޭނީ ޕާޓީގެ މެންބަރުން ވަރަށް ހަރަކާތްތެރި ބަޔަކަށް ވެގެން ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރެއްވުނުއިރު އެމްޑީޕީގެ ހަރަކާތްތައް ފެންނަނީ މަޑުޖެހިފައިވާ މަންޒަރު ކަމަށާ ޕާޓީގެ ހަރުތައް ހުރީ ދޫކޮށްލެވިފައި ކަމަށެވެ. އެއީ އެމްޑީޕީގެ ރަސްމީ އޮފީހާއި ރަށްރަށުގެ ގޮފިތަކާއި އޮތް ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޟު ކެމްޕެއިން ކުރައްވާ އެމްޑީޕީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޟަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.