އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކުލަބް އީގަލްސް އިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އީގަލްސްއަށް މިލަނޑު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ. މިއީ ހަސަން ރާއިފް އަޙްމަދު (ހަންނަ)ގެ އެހީތެރިކަމާއެކު ޒައިން ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ފަސް މިނެޓު ފަހުން ޒައިންއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ނޫމާން (ހެލްމެޓް)އެވެ. މިއީ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ގެ އެހީތެރިކަމާއެކު ހެލްމެޓް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަންނައެވެ.
މި ނަތީޖާއާއެކު އީގަލްސްއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާއިން އޮތީ އެއް މެޗު މަދުން ކުޅެ 21 ޕޮއިންޓާއެކުގައެވެ. އެހެންވެ މާޒިޔާއަށް އާދީއްތަ ދުވަހުގެރޭ ވެލެންސިއާ ބަލިކޮށްގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ތިންވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. މި މެޗުން ބަލިވި ޓީސީ ވަނީ ލީގު ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. އެޓީމަށް ނުވަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.