އެމްޑީޕީ ދިރި ދެމިއޮތުމަށާއި، ކާމިޔާބަށް ބޭނުންވާނަމަ، އޮތްގޮތަކީ ފަޔާ ހޮވުން: ނިހާދު

އެމްޑީޕީ ދިރި ދެމިއޮތުމަށާއި، ކާމިޔާބަށް ބޭނުންވާނަމަ، އޮތްގޮތަކީ ފަޔާ ހޮވުން: ނިހާދު

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2022 12:49
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދިރި ދެމި އޮތުމަށާއި، ޕާޓީއަށް ކާމިޔާބު އެދޭނަމަ އޮތް ގޮތަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ފައްޔާޟު އިސްމާއިލް އިންތިޚާބު ކުރުންކަމަށް އެމްޑީޕީގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިގެން ވިދާޅުވީ، ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އެމްޑީޕީގެ ކުރިމަގާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ. ޚާއްސަކޮށް ފައްޔާޟާއި ވާދަވެރި ކެނޑިޑޭޓުގެ ޓީމުގެ ފަރާތުން ބުނަމުންދަނީ ފައްޔާޟު އިންތިޚާބު ކޮށްފިނަމަ އެމްޑީޕީގެ އަސާސްތަކާއި، އުސޫލުތައް ނެތިގެންދާނެކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީގެ ފިކުރުގެ މީހުންނަށް ކަމަށެވެ.

ނަމަވެސް މިނިސްޓަރ ފައްޔާޟަކީވެސް ފެށުނީއްސުރެ އެމްޑީޕީގައި މަސައްކަތްކޮށް، ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށް ދާންޖެހި، ވެރިކަން ހޯދުމަށް މަގުމަތީގައާއި، މަޖިލިސް ތެރޭގައިވެސް އެންމެ ގިނަ މަސައްކަތް ކުރި އެއް ބޭފުޅާކަމަށް އެމްޑީޕީގެ ގިނަ އާންމު މެމްބަރުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ކުރިމަގާއިމެދު ކުރެވޭ ސުވާލުތަކާއި ގުޅިގެން ނިހާދު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ އެމްޑީޕީ ދިރި ދެމި އޮތުމަށާއި، ޕާޓީގެ ކާމިޔާބަށް އޮތް އެންމެ މުހިންމު އިންތިޚާބުކަމަށެވެ. އެމްޑީޕީގެ މަސްލަހަކީ މުޅި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާއިރު، މިއިންތިޚާބު ފައްޔާޟަށް ކާމިޔާބު ކުރުމަކީ ޤައުމީ ބޮޑު މަސައްކަތެއްކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދިރި ދެމިއޮތުމަށާ ކާމިޔާބަށް މިހާރު އެންމެ ބޭނުންވަނީ އިތުބާރު. އެ އިތުބާރު ދެމެހެއްޓެން އޮތީ މޭ 14 ވަނަ ދުވަހު ލާ ވޯޓުން ފަޔާ ހޮވައިގެން! ޕާޓީ އެއްބައިވަންތަ ކުރަން ވައުދުވެ އެކަން ކުރުވުމަށް ފަޔާ ހޮވުން ޤައުމަށްޓަކައި ވެސް މުހިއްމު!

– ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން އިންތިހާށް ބޮޑުވެފައިވާއިރު، ވާދަކުރާ ދެ ކެނޑިޑޭޓުންގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައިވަނީ މިއިންތިޚާބުގެ ކެމްޕެއިނަށެވެ. މިނިސްތަރ ފައްޔާޟާއި، މެމްބަރު އިމްތިޔާޒުގެ ގިނަ ވަގުތު މިހާރު ހުސްކޮށްފައިވަނީ އަތޮޅު ތެރޭގައި ތިބި އެމްޑީޕީގެ މެމްބަރުންނާއެކު ހޭދަ ކުރުމަށެވެ. މިއިންތިޚާބަކީ އެމްޑީޕީގެ ކުރިމަގާއި ވަރަށް ބޮޑަށް ގުޅިފައިވާ އަދި ކުރިއަށް އޮތް 2023 ގައި އެމްޑީޕީން ނެރޭގެ ކެނޑިޑޭޓަކުވެސް ސާފުވާނެ އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.