ކަރެކްޝަންއާއި އަލަށް ގުޅުނު 35 މީހަކު އަސާސީ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފި

ކަރެކްޝަންއާއި އަލަށް ގުޅުނު 35 މީހަކު އަސާސީ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި އަލަށް ގުޅުނު 35 މީހަކު “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ. މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރުން ކަމުގައިވާ އަލްފާޟިލް ޢަލީ ނަޒީރު އާއި އަލްފާޟިލް މުޙައްމަދު މާހިރު އީސާ، އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އާއިޝަތު ނޫރާ މުޙައްމަދު، ފެމިލީ ކޯޓްގެ ޣާޒީ އުސްތާޛާ މައީޝާ ޔޫސުފް ސަމީރު، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ދަޢުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 36 ޓްރޭނީއިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 35 ޓްރޭނީ ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްއެވެ. މި ޕްރޮގްރާމްއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ. މިގޮތުން މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތެއް ހުރި ނުވަތަ “ފިޓެސްޓް” ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮފިފައިވަނީ ޕްރައިވެޓް ސިންވާން އިބްރާހިމް ހަލީމް އާއި ޕްރައިވެޓް ޚަދީޖާ ރާޔާ ޢަލީ އެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، “ބެސްޓް އޯލް ރައުންޑް” ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް ޙުސެއިން ހުމާމްއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ފެމިލީ ކޯޓްގެ ޣާޒީ އަލްއުސްތާޛާ މައީޝާ ޔޫސުފް ސަމީރުއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ ރޭގެ ދަސްވެނިންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ހިތުގެ ޢެންމެ ފުން މިނުން، ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވި ހިތި ދުވަސްތަކަށް ފަހު، މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާތީ، މިނިސްޓަރ އައިކޯސްޓްގެ ޑައިރެކްޓަރާއި މެނޭޖްމަންޓަށާއި މާފުށީ ޖަލުގެ ޑިރެކްޓަރާއި ސީނިއަރ މެނޭޖްމަންޓަށް ހިތުގެ އެންމެ ފުން މިނުން އިޚްލާސްތެރި ޝުކުރު އަދާކުރެއްވިއެވެ. ޖަލުތައް ރިފޯމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ ގުޅިގެން، ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް އިންސާނީ ކަރާމާތް ނުގެއްލޭފަދައިން ޢަމަލުކުރުމާއި އަސާސީ ޙައްގުތަކަށް ކަށަވަރުވާނޭ ފަދައިން ޖަލުތަކުގެ ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ޑައިރެކްޝަން ދެއްވަމުން އަންނަ ކަމަށާއި ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކުރުމަށް ގާތުން ބަލައި އިރުޝާދާއި އެހީތެރިކަން ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތައް ކުރެވިފައިވާ ކަމަށާއި ބައެއް ކަންތައްތައް ކުރެވުމުގެ މަރުޙަލާގައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކަރެކްޝަންސްގައި ޓްރޭނިންގތައް ކުރިއަށް ގެންދިއުމަށް ޒަމާނީ ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތްކަމާއި އެކަމަށް ޙައްލެއް ހޯދައިދެއްވާނެ ކަމަށާއި އެގޮތުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް މެދުވެރިކޮށް ކުރިއަށް އޮތް ތަމްރީންތަކުގައި މިކަމުގެ ލުއިފަސޭހަކަން ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގާތްގަނޑަކަށް 2000 އެއްހާ ޤައިދީންނާއި ބަންދުމީހުން ތިބޭއިރު، އެ ފަރާތްތައް ބެލެހެއްޓުމަށް ހަޔެއްކަ ސަތޭކަ އޮފިސަރުން ތިބުމަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށާއި މީގެ ސަބަބުން ޤައިދީންނަށާއި ބަންދުމީހުންނަށް ދޭންޖެހޭ ޚިދުމަތްތަކަށާއި ޚާއްސަކޮށް ރިހެބިލިޓޭޝަންއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭކަމަށާއި އޮފިސަރުން އިތުރުކޮށް ތަރައްޤީކުރުމުގެ ގޮތުން 2019 ވަނަ އަހަރު 60 އޮފިސަރުން ރެކްރޫޓްކުރެވުނު ކަމަށާއި ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ކަންތައްތައް މަޑުޖައްސާލެވުނު ނަމަވެސް، 4 އަހަރަށް ފަހު މިއަހަރު ބައެއް އޮފިސަރުންނަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާ ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 180 އައު އޮފިސަރުން އެމްސީއެސްއަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރުހުރި ދަތިތަކަށް ލުއި ފަސޭހަތަކެއް ކުރިމަތިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤައިދީން ބެލެހެއްޓުމާއި ރިހެބިލިޓޭޓްކުރުމުގެ ޢެންމެ މުހިއްމު މަސައްކަތަކީ އޮފިސަރުންނަށް ދެވޭ ތަމްރީނާއި ފަންނާއި ޤާބިލުކަން ކަމަށާއި އިންސާނީ ކަރާމާތާއި ޙައްގުތައް ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ދަ ނެލްސަން މަންޑޭލާ ރޫލްސް ފަދަ ކަންތައްތައް ހިމަނައިގެން ކަމަށާއި އަސާސީ ތަމްރީންކޯސް ފުރިހަމަ ކުރާނީ ޔޫއެންއޯޑީސީގެ އީ-ކޯސް އާއެކު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ދަސްވެނިންނަށް މުޙާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ބޮޑު ޒިންމާއެއް ކަމަށާއި މި މަސްޢޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި ދީނީ މިސާލެއް ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖަލަށް ގެނެވޭ ފަރާތްތައް ރަނގަޅު ފަރުދުންގެ ގޮތުގައި ނިކުމެގެން ދިއުމަށް މަސައްކަތްކޮށް، އެފަރާތްތަކުން ކިތަންމެ ރުޅިއައިސްގެން ކަންތައްތައް ކުރިއަށް،އެފަރާތްތަކާ ކެތްތެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދަސްވެނިންނަށް ތަހުނިޔާ ދަންނަވައި ވިދާޅުވީ މި މަސައްކަތަކީ މަސްޢޫލިއްޔަތު އަދި ތަކުލީފު ބޮޑު، މުޙިއްމު މަސައްކަތެއް ކަމަށާއި މިއަދުން ފެށިގެން އެއީ ޕްރިޒަން އޮފިސަރުން ކަމަށާއި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުން މަތިކޮށްފައިވާ ޕްރިޒަން އޮފިސަރެއްގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާ ކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތާއި އެހެނިހެން ކަންތައްތައް ދަސްވެނިވި އޮފިސަރުންނަށް މިހާރު ދަސްކޮށްދެއްވާފައިވާ ކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީން ޕްރޮގްރާމްއަކީ 2007 އަހަރުން ފެށިގެން ފަރުމާކުރެވި ހިނގަމުން އަންނަ ތަމްރީން ޕްރޮގްރާމެއްކަމަށައި މިއީ ރާއްޖޭގައި މިގޮތަށް ހިންގޭ ފުރަތަމަ ޕްރޮގްރާމް ކަމަށް ފާހަގަކުރައްވައި ސީޕީ ވިދާޅުވީ މި ޕްރޮގްރާމަށް 15 އަހަރު ފުރިގެން ދާއިރު، މިހާރު މި ޕްރޮގްރާމަކީ އެމްކިއުއޭއިން ޤަބޫލުކުރާ ފެންވަރަށް ފަރުމާކުރެވި ހިންގޭ ޕްރޮގްރާމެއް ކަމަށާއި މިއީ މި ޕްރޮގްރާމް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރަށް ހަރުދަނާ ކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި މި ކަމުގައި އައިކޯސްޓްގެ މުވައްޒަފުންނާއި ޑައިރެކްޓަރ ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކުރައްވާ، އެފަރާތްތަކަށް ސީޕީ އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމަކަށް ހެދުމަށްޓަކައި ވޭތުވެ ދިޔަ ދެ އަހަރުތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން މި ކޯހުގެ ބައިވެރިން ޔޫއެންގެ ދަ ނެލްސަން މަންޑޭލާ ރޫލްސް އީ-ކޯސް ފުރިހަމަ ކުރުމަކީ މެންޑެޓަރީ ކަމެއްކަމަށާއި މިގޮތުން ފާއިތުވި ދެ ބެޗް ވަނީ މި އީ-ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެކި ފަންތީގެ މުވައްސަފުންނަށް އެމުވައްޒަފުންގެ މަސައްކަތާއި ގުޅޭ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތަށް ހިނގުމާއި އެކު ތަމްރީނު ދެވޭނެ ފުރުޞަތުތަށް މިހާރަށް ވުރެން ބޮޑަށް މުހިއްމު ކަމަށާއި އެމްސީއެސްގެ ޢެންމެ މުހިއްމު އަދި ޢެންމެ ބޮޑު އެއް ވާޖިބުކަމަށް ދެކިވަޑައިގަންނަވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ހަރުދަނާ ޕްރިޒަން ސަރވިސްއެއް ޤާއިމުކުރުންކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މި ބަދަލުތައް ގެވެނުމަށްޓަކައި ގުޅުންހުރި މުވައްސަސާތަކާއި ޖަމީއްޔާތަކާ ގުޅިގެން މިކަންތައްތައް ކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި އެގޮތުން ދަ ނެލްސަން މަންޑޭލަ ރޫލްސް ހަމަތަކާއި އުޞޫލުތަކަށް ފެތޭގޮތަށް ޤައިދީންގެ އަސާސީ ހައްގުތަކާއި އިނާޔަތްތަކުގެ ޤަވާއިދު ތައް އިސްލާހުކުރެވެމުން ދިއުމާއި މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާ ކުރެވި، އެރޫލްސް އަށް ޕްރިޒަން އޮފިސަރުން އަޙުލުވެރި ކުރުމުގެ ގޮތުން ޓީއޯޓީ ޕްރޮގްރާމް ހިންގި ޓީއޯޓީ އާއި އެކު ޕްރިޒަން އޮފިސަރުން އެން.އެމް.އާރަށް އަޙުލުވެރިކުރެވެމުންދާކަމަށާއި މިހާތަނަށް ނިސްބަތުން މުޅި މުވައްސަސާގެ ތިން ބައިކުޅަ އެއްބައި މަންޑޭލާ ރޫލްސްއަށް އަޙުލުވެރިކުރެވިފައިވާ ކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފުންގެ ސިއްޙީ ދުޅަހެޔޮކަން ބިނާ ކުރުމުގެ ގޮތުން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އެހީތެރިކަމާ އެކު މިއަހަރުގެ ޖެނުވަރީ މަހުން ފެށިގެން ހުރިހާ މުވައްޒަފުންނަށް ޙެލްތް އިންޝުއަރަންސް ޕެކޭޖެއް ޤާއިމްކުރެވި ޙިދުމަތް ފޯރުކޮށްދެވެމުންދާކަމަށާއި އޭގައި ޢާއިލާތައްވެސް ހިމަނާފައިވާކަމަށް ސީޕީ ވިދާޅުވެ، ޕްރިސްކޯއަށް ޝުކުރު ދެންނެވިއެވެ. ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެކު ތަފާތު ރޮނގުތަކުން މުވައްޒަފުން ތާޒާކޮށް ތަރައްޤީ ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިނގެމުންދާކަން ފާހަގަކުރައްވައި ޔޫއެންއޯޑީސް އަށްވެސް ކޮމިޝަނަރ ޝުކުރު ދެންނެވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމާލައްވަމުން ދަސްވެނިވިވި ޕްރިޒަން އޮފިސަރުންނަށާއި ޖުމްލަކޮށް ހުރިހާ މުވައްޒަފުންނަށް ވިދާޅުވީ ޢެންމެ މުވައްޒަފަކު ކުރާ ކަމެއްގެ ސަބަބުން މުޅިމުވައްސަސާއަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ގެއްލިގެންދާކަމަށެވެ. އަދި މިފަދަ ކަންކަމުން ދުރުހެލިވެ، އަމިއްލަ ފަރުދެއްގެ ހައިޞިއްޔަތުން މުވައްސަސާ އިތުރު އުސް ހަރުފަފްތަކަށް ގެންދިއުމުގައި އިތުރަށް މަސައްކަތް ކޮށްދެއްވުމަށާއި ޒިންމާދާރުކަމާއި އެކު، ވީހާވެސް ޕްރޮފެޝަނަލްކޮށް މަޤާމުގެ މައްސޫލިއްޔަތުތައް އަދާ ކުރުމަށާއި ޤައިދީން ހަރުދަނާ ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ރިވެތި އަޙްލާގާއި ސުލޫކު ހިފަހައްޓަވާ، ޤައިދީންނަށް ނަމޫނާ އާއި މިސާލު ދައްކުވައިދޭ ބަޔަކަށް ވުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *