ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނަށްލިބެންޖެހޭ ޙައްޤުތަކާއި ފުރުޞަތުތައް ހަމަހަމަކަމާއެކު އެންމެހާ ރައްޔިތުންނަށް ލިބެންޖެހޭ ކަމުގައި ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފިނުވައި ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. ރައްޔިތުންގެ ވެރިކަމެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި، އަދުލުވެރިކަމާއިއެކު ހުރިހަ ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޯށްދޭންޖެހޭ ކަމަށެވެ. އެއީ އޮންނަ ކޮންމެ ސަރުކާރެއްގެ މައްޗަށްވެސް ލާޒިމް ވެގެންވާ ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އުފާވެރިޖުމްހޫރީދުވަހުގެ ތަހުނިޔާ ލޮބުވެތި ދިވެހި ރައްޔިތުންނަށްފޮނުވަން. ޖުމްހޫރީވެރިކަމަކީ ރައްޔިތުންގެ ވެރިކަން. ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނަށްލިބެންޖެހޭ ޙައްޤުތަކާއިފުރުޞަތުތައް ހަމަހަމަކަމާއެކު އެންމެހާރައްޔިތުންނަށްލިބެންޖެހޭ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް އަކީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެންމެ ޚިދުމަތްތެރި އެއްރައީސެވެ. އެމަނިކުފާނަނީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެވެ. އަލްއުސްތާޒު މައުމޫން އަބްދޫލް ޤައްޔޫމް ވެރިކަމަށް އިންތިހާބު ވެޑައިގެންފައިވަނީ 1978ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަދުވަހުއެވެ. ރާއްޖޭގެ ވެރިކަމުގައި ތިރީސް އަހަރު ދުވަހު ހުންނެވުމަށްފަހު ރައީސް މައުމޫން އެމަގާމުން ވަކިވެޑައިގެންފައިވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މަލްޓީ ޕާޓީ ފުރަތަމަ އިންތިހާބުން ނާކާމިޔާބުވެ ޑައިގަތުމުންނެވެ.
ފުރަތަމަ ޖުމްހޫރިއްޔާ އާއި ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ދިވެހި ޤައުމަށް މިނިވަންކަން ލިބި، ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. މީގެ ސަބަބުން ފާއިތުވި 52 އަހަރު ދެވަނަ ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއްނެތި މިދަނީ ކުރިޔަށެވެ. ޖުމްހޫރީ ޙަޔާތުގައި މިހާތަނަށް އައިއިރު ދިވެހި ޤައުމުގެ ހިންގުމުގެ ނިޒާމަށް މިވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. ރާއްޖޭގެ ތަރައްޤީގެ ރޮނގުގައި އެންމެގިނަ ކާމިޔާބީއާއި ކުރިއެރުން ލިބިފައިވަނީ ޖުމްހޫރިއްޔަތުގެ ނިޒާމުގެ ދަށުންކަން ފާހަގަކޮށްލަންޖެހެއެވެ.