ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
2019 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީ ނެގުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މި މައްސަލާގައި ދައުވާކޮށްފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު ވަނީ ކުށަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރިކަމެއް ނޫންކަމަށް ބުނެފައިވުމުގެ ސަބަބުން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަން އަންނަނީ ނަގަމުންނެވެ.
މި މައްސަލާގައި ޑީއެންއޭ ތަހުލީލްކުރި ފުލުސް މީހާ ކޯޓުގައި ހެކިބަސް ދެމުން ބުނީ، ހާދިސާ ހިނގި ސަރަހައްދުން ހޯދި ވަޅީގެ ތިލައިން ޤާސިމް ޙަސަންއާއި، އަދުހަމާއި އިތުރު ކާކުކަން ނޭނގޭ ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށެވެ. މިގޮތުން އަދުހަމްގެ ޑީއެންއޭ ދިމާވީ، މީގެ ކުރިން އެހެން މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ނަގާފައިވާ ޑީއެންއޭއާއި ދިމާވޭތޯ ބަލައިގެންކަމަށް ފުލުސް މީހާ ބުންޏެވެ.
މީގެ އިތުރުން ޤާސިމް ޙަސަން ދުއްވި ކާރު ތެރެއިންވެސް އަދުހަމާއި ޤާސިމްގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުސް މީހާ ހެކިބަސް ދިނެވެ.
މި މައްސަލާގައި ވަޅި ހޯދުމުގައި އުޅުނު ފުލުހަކުވެސް ވަނީ ހެކިބަސް ދީފައެވެ. އޭނާ ބުނީ ހަމަލާ ދިންކަމަށް ބެލެވޭ ވަޅި ފެނިފައިވަނީ އެ ސަރަހައްދަށް ފުލުހުންގެ ޓީމުން ގޮސް ފާސްކުރަނިކޮށް އެ ސަރަހައްދުގެ ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރެއިންކަމަށެވެ.
މި މައްސަލާގައި ވީޑިއޯ ފޫޓޭޖުތައް ތަހުލީލްކުރި ފުލުސް މީހާ ހެކިބަސް ދެމުން ބުނީ، ޤާސިމަށް ހަމާލާ ދިން ދުވަހު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި އަދުހަމް ހަރަކާތްތެރިވާ މަންޒަރު ފެންނަކަމަށާއި، އެ ވީޑިއޯތަކުން ސާފުކޮށް ފެންނަ މީހާއާއި އަދުހަމްގެ ސިފަތައް އެއްގޮތްވުމުން އެއީ އަދުހަމްކަން ޔަޤީންކުރެވޭކަމަށެވެ.
މި މައްސަލާގައި ކުރިއަށް އޮތް އަޑުއެހުމުގައިވެސް އިތުރު ތިން މީހެއްގެ ހެކިބަސް ނެގުމަށް ވަނީ ތައާވަލުކޮށްފައެވެ.
ޤާސިމް ހަސަން މަރާލި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޤާޟީ ވަނީ އަދުހަމް ކުށަށް އެއްބަސްވިނަމަވެސް އަދަބަށް ލުޔެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދަބަށް ލުޔެއް ލިބޭނީ އިބްތިދާއީ މަރުހަލާގައި އިއުތިރާފް ވުމުން ކަމަށާއި، ނަމަވެސް ކުށަށް އިއުތިރާފްވާން ބޭނުންނަމަ އަދިވެސް އެ ފުރުޞަތު އޮންނާނެކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެފައިވެއެވެ. އެ އަޑުއެހުމުގައި އަދުހަމް ވަނީ ވަނީ ކުށަށް އިޢުތިރާފްވާން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެދެނީ ވީހާވެސް އަވަހަށް ޝަރީޢަތް ނިންމަންކަމަށްވެސް އަދުހަމް ބުންޏެވެ.