މިއުޒީޝަނުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް ދޭނަން: ރައީސް

މިއުޒީޝަނުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް ދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 10:28
0

މިއުޒީޝަނުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް، ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވައި ވަނީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯދުމަަށް ބޭނުންވެލައްވާ ގޮތްތަކާއި އަދި ފަންނުވެރިކަން ކުރިއެރުވުމަށް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.

އެގޮތުން މިއުޒީޝަންސް ޔޫނިއަންގެ މެންބަރުން ފާހަގަކުރެއްވި ދަތިތަކުގެ ތެރޭގައި މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތަކުގެ އިތުރުން އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ޙިޔާލުބަދަލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.