މަސްވެރިންގެ އުދާސްތައް އިންތިހާގައި! ކުންފުނިތަކުގެ މިސްރާބު އަލުން މީޒާން ކުރަންޖޭ!

މަސްވެރިންގެ އުދާސްތައް އިންތިހާގައި! ކުންފުނިތަކުގެ މިސްރާބު އަލުން މީޒާން ކުރަންޖޭ!

Author
ހުސެއިން
13 އޭޕްރިލް 2022 08:44
0

މަސްވެރިކަމަކީ ދިވެހިން ލޭނާރެވެ. މިއީ ޒަމާނުއްސުރެ ދިވެހިން އެގޮތް ގަބޫލުކޮށް، އަދި ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ބުނާ ބުނުމެކެވެ. އަދި ކަމުގެ ހަގީގަތަކީވެސް، މަސްވެރިކަމަކީ ޒަމާނުއްސުރެ އެ ސިނާއަތެއްގެ މައްޗަށް އެތައް ދިވެހި އާއިލާއެއްގެ އާމްދަނީ ބަރޯސާވެ، އެތައް ބައެއްގެ ބަނޑުފުރާނަ މުއްތި ކުރުމާއި ގުޅި ލާމެހިފައިވާ ސިނާއަތަކަށްވެސް ވެގެން ދާކަމެވެ.

އަދި މަސްވެރިކަމުގެ ސިނާއަތު ފާހަގަވެގެން ގޮސްފައިވަނީ، އަންނަ ގުދުރަތީ ކާރިސާތަކުގެ އަސަރު ކުރުން ކުޑަ، ދެމެހެއްޓެވިނި މަސްވެރިކަމެއް ކުރެވިއްޖެނަމަ، މެދުނުކެޑި އެންމެ ރަގަޅު އާމްދަނީ ރާއްޖޭގައި ހޯދެން އޮތް އެއް ސިނާއަތް ކަމުގައިވެސްމެއެވެ.

މީގެ އެންމެ ބޮޑު ހެއްކަކީ، ފާއިތުވެދިޔަ ކޯވިޑް ކާރިސާގައި، ރާއްޖޭގެ އިގްތިސާދުގެ އެންމެ ވަރުގަދަ އެއް ތަނބުގެ ގޮތުގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތު އިނދަޖެހިގެން ދިޔައިރުވެސް، މަސްވެރިން މަހަށް ފުރާ، މި ސިނާއަތުން ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސަމުން އައިކަމެވެ. މަސްވެރިކަމުގެ ސިނާއަތުން ދިވެހި އިގްތިސާދަށް ދިޔައީ އާމްދަނީވެސް ލިބެމުންނެވެ.

އެހެންކަމުން، މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހާ، އަދި އެސިނާއަތް ދިރުވާ އާލާ ކުރުމަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށްޓަކާވެސް ކޮންމެހެން މުހިންމު ކަމަކަށް އަބަދުވެސް އޮންނަނީ ވެގެން ގޮސްފައެވެ. އަދި ހަމަ އެއާއެކު ދިވެހި މަސްވެރިންނަކީ އަޑުވެސް އެހާމެ ގަދަ، އަދަދުން ގިނަ، ސިޔާސީ ގޮތުންވެސް ހަރަކާތްތެރި ބަޔަކަށް ވުމާއެކު، އަންނަ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ މަސްވެރިކަމާއި މަސްވެރިންގެ ކުރިއެރުމަށް ގިނަގުނަ ވައުދުތަކެއް ވެގެންނެވެ.

މަސް ނުކިރިގެން އިއްޔެ ކޫއްޑޫގައި މަސްވެރިން ހަޅުތާލު ކުރަނީ

މިގޮތުން މި ސަރުކާރުންވެސް މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި ކާމިޔާބީތަކެއް ފާއިތުވެދިޔަ ތަނުގައި ހާސިލްކޮށް، ދާދިފަހުން މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވިނަމަވެސް، ދެކުނަށް މަސްވެރިކަން ރަގަޅުވެ ބާނާ މަސްތައް ނުކިރޭތީ ދެކުނުގެ މަސްވެރިން މިހްފަތާގައިވަނީ މުޒާހިރާ ކޮށްފައެވެ. އަދި، ގއ. ކޫއްޑޫ ފަޅުގައި މަސްކިރަން ގޮސް އޮތް ދޯނިތަކުން ބާނާފައިވާ މަސްތައް ނުކިރިގެން ޝަކުވާ ބޮޑުވެ، މައްސަލަ ހޫނުވެ، މަސްވެރިން މުޒާހިރާ ކުރަމުން ދަނިކޮށް، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން ރޭގެ ވަގުތެއްގައި ނިންމާފައި ވާކަމުގައެވެ. މައްސަލައަށް ހައްލު ހޯދަން ޖެހުނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީސް މެދުވެރި ވެގެންނެވެ.

 

މަސްވެރިން މުޒާހިރާއަށް ނިކުންނަން ޖެހެނީ މިފްކޯއަށް ހާލަތު މެނޭޖު ނުކުރެވިގެން!

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގައިވެސް މުހިންމު ދައުރެއް އަދާކުރާ، އަދި ގިނަ އާއިލާތަކެއްގެ އާމްދަނީއާވެސް ގުޅި ލާމެހިފައިވާ މަސައްކަތަކަށް ވުމާއެކު، މި ސިނާއަތް ކުރިއަރުވާ ނެގެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އެންމެ މުހިންމު އެއް ކުންފުންޏަކީ މިފްކޯއެވެ.

މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިން ބާނާ މަސް ކިރުވާ ރައްކާ ކުރުމަށްޓަކާ ގާއިމް ކޮށްފައިވާ ކޯލްޑް ސްޓްރޯޖްތަކުގެ ކެޕޭސިޓީ އިތުރުކޮށް، އަދި ކެޕޭސިޓީއާ އެއްވަރަށް މަސްކިރޭނެ އިންތިޒާމްތައް ހަމަޖެއްސުން ވެގެންދަނީ އަބަދުވެސް މިފްކޯއިން މެނޭޖުކުރާ މުހިންމު މަސައްކަތަކަށެވެ.

އެހެންނަމަވެސް، މަސްވެރިކަމަކީވެސް މޫސުމީ މަސައްކަތަކަށް ވުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ރަގަޅުވާ ދުވަސްވަރުތަކުގައި، މަސްވެރިން ބާނާ މަހުގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެ، އޭގެ ނަތީޖާއެއްގެ ގޮތުން މިފްކޯއަށް ލޯޑު ބޮޑުވާ ދުވަސްތަކުގައި މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރަން މި ކުންފުންޏަށް މަޖުބޫރުވުމާއި، އަދިި އެނޫނަސް، އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތި ލާންޖެހޭ ދަތިތަކުގެ ސަބަބުން، މަސްވެރިން ބާނާ މަސް ކަނޑަށް އުކާލަން ޖެހޭ ފަހަރު އަންނަ އައުން ފާހަގަވެގެން ދަނީ މިހާތަނަށް އަދި ހައްލު ކުރެވިގެން ގޮސްފައި ނުވާ ބޮޑު މައްސަލައެއްގެ ގޮތުގައެެވެ.

ބައެއް ފަރާތްތަކުން ވިދާޅުވަ ގޮތުގައި, މަސްވެރިންނަށް ކުރިމަތިވަ މައްސަލަތައް ރައީސް އޮފީހުން ހައްލު ކުރަންޖެހެނީ މިފްކޯގެ މެނޭޖުމަންޓުގެ ގާބިލްކަން ނެތިގެން

މިގޮތުން، މިހަފްތާގައި ދެކުނުގެ މަސްވެރިކަން ރަގަޅުވެ، ކޫއްޑޫއަށް ލޯޑު ބޮޑުވެ، މަސް ކިރުވުން ކޮންޓްރޯލްކޮށް، ކޮންމެ ދޯންޏަކަށް 5 ޓަނުގެ މަސް ކިރުވަން ގއ. ކޫއްޑޫއިން ހަމަޖެއްސުމާއި ގުޅިގެން، މަސްވެރިން މުޒާހިރާކޮށް، މުޒާހިރާ ހޫނުވެ، އެންމެ ފަހުން މައްސަލަ ހައްލުކުރަން ޖެހުނީ ރައީސް އޮފީސް މެދުވެރި ވެގެންނެވެ. އަދި އެއަށްފަހު ކޫއްޑޫއިން، މަސްވެރިން ބޭނި ހުރިހާ މަހެއް ކިރާފައިވެސް ވެއެވެ.

ބައެއް މަސްވެރިން ބުނާ ގޮތުގައި، ފާއިތުވެދިޔަ ތަނުގައިވެސް، މަސްވެރިކަން ރަގަޅުވެ، ބާނާ މަހުގެ އަދަދު މަތިވެގެން ދިޔަކަމުގައި ވިނަމަވެސް، މުޒާހިރާ ކުރުމާއި ހަމައަށް ނުގޮސް މީގެކުރިންވެސް މައްސަލަތައް ހައްލު ކުރެވިފައި އެބަހުއްޓެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ ލޯޑު ބޮޑުވުމުގެ މައްސަލައަށް ދުރާލާ ތައްޔާރު ވެވިގެންކަންވެސް މަސްވެރިން ފާހަގަ ކުރެއެވެ. މިގޮތުން، މަސްވެރިކަމަށް އަންނަ ބަދަލުތަކަށް ކުންފުނި ހޭލާ އޮތުމާއި، މޫސުމީ މަސްވެރިކަން ރަގަޅުވާ ދުވަސް ދުވަހު މަސް ނުކިރޭނެ ކަމަށް ބެލެވޭނަމަ ދުރާލާ ރާއްޖޭގެ އެހެން ހިސާބުތަކުން މަސްކިރުވޭނެ އިންތިޒާމްތަކުގެ މައުލޫމާތު މަސްވެރިންނާ ހިއްސާ ކުރުންފަދަ، މައްސަލަ ކާރިސާއަކަށް ބަދަލުވެގެން ދިޔަ ނުދިއުމަށް ކުންފުނީގެ މެނޭޖްމަންޓް ހޭލާ އޮވެގެން މެނުވީ މިގޮތުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައި ނުދެވޭނޭ ކަންވެސް ގިނަ މަސްވެރިންވަނީ ފާހަގަ ކޮށްފައެވެ.

އެހެންނަމަވެސް، މިހާރު ފެނިގެން މިދަނީ، މަސްވެރިން މަސް ބާނައިގެން އަންނަންދެން ކުންފުނީގެ މެނޭޖްމަންޓް ދެއަތް އުރާލައިގެން ތިބޭ މަންޒަރެވެ. މަސް ބާނައިގެން އައިސް ދޯނިތައް ފަޅުގައި ތޮށްޖެހި، ކުންފުނީގެ ސްޓޯރޭޖްތަކަށް ލޯޑު ބޮޑުވެ، އެހެން އެއްވެސް ގޮތެއް ނެތިގެން، މަސްކިރުން ކޮންޓްރޯލް ކުރަންޖެހޭ ހިސާބަށް ދިއުމަކީ، ކުންފުނީގެ މެނޭޖްމަންޓުގައި، މަސްއޫލިއްޔަތު އުފުލަން ތިއްބަވާ ފަރާތްތަކުގެ ސީދާ އިހުމާލު ކަމުގައި ގަބޫކުރަން އެބަޖެހެއެވެ. އަދި ހަމައެއާއެކު، ކުންފުނިތަކުން މި އުސޫލުން ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވި، މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިވެގެން ހައްލު ކުރަންޖެހޭ ހާލަތަށް ދިއުމުން، އެއިން މޭރުން ކޮށްދެނީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ގުޅުންހުރި މިފަދަ ކުންފުނިތައް ފެއިލްވެގެން ދިއުނޫން އެހެން ދެން ކޮންކަމެއް ބާވައޭ މިއަދު މިވަނީ ސުވާލު އުފައްދަން މަޖުބޫރު ވެފައެވެ.

 

ދާއިމީ ހައްލު!

މަސްވެރިކަމުގެ ސިނާއަތްފަދަ، މުހިންމު، އާންމު ދިރިއުޅުމާއި ގުޅުންހުރި އިންޑަސްޓްރީތަކަށް ކުރިމަތިވާ މިފަދަ މައްސަކަތަކަށް ދާއިމީ ހައްލު އައުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. އަދި އެއީ އޭރަކު އޮންނަ ސަރުކާރަަކަށް ކުރިމަތިލާންޖެހޭ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައިވެސް ދަންނަވާން ޖެހެއެވެ.

މިގޮތުން ބަލާއިރު، މިސަރުކާރުންވެސް، މިފްކޯގެ މަސް ރައްކާކުރާ ސްޓޯރޭޖްތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަ އަބަދުވެސް އަންނަނީ ދައްކަމުންނެވެ. މަސްކިރުމަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން މިފްކޯއިން ބޭރުން ބޯޓެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ލޮނު ފެނުން އައިސް އުފައްދާ ނިޒާމްތައް 200 މަސް ދޯނީގައި ހަރުކުރުމަކީ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓަރު ފާއިތުވެދިޔަ ހަފްތާގައިވެސް ވަނީ ވިދާޅުވެފައެވެ. އަދި ސްޓޯރޭޖްތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކައަކީވެސް ހުރިހާ ސަރުކާރަކުންވެސް ކެނޑިނޭޅި ދައްކަމުން އަންނަ ވަހަކަތަކެވެ.

މަސްވެރިކަމާބެހެ ވަޒީރު: މަސް ގަންނަ ކެޕޭސިޓީ އިތުރު ކުރުމަށް ރޭވިފައިވާ ކަންމަގެ ވާހަގަ ވިދާޅުވަމުން ގެންދެވި ނަމަވެސް, މަސްވެރިންގެ ޝަކުވާއަކީ އަމަލީސިފަ އަންނަމުން ނުދާކަމުގެ ޝަކުވާ

އެހެންނަމަވަސް، މަސްވެރިކަންފަދަ އަސާސީ ބޭނުންތަކާއި ގުޅި ލާމެހިފައިވާ ސިނާއަތްތައް ހިންގާ ބެލެޖެއްޓުމަށް އުފައްދާފައިވާ މިފްކޯ ފަދަ، ސަރުކާރުގެ ހުރިހާ ކުންފުނިތަކަށްވެސް މިއަދު ކުރިމަތިވެގެން ގޮސްފައިވާ ހަގީގީ މައްސަލައަކީ، ކުންފުނިތައް މެނޭޖު ކުރުމުގައި ފެއިލްވެގެން ދިއުންކަން ކަމުގައި ސަރުކާރުން މިއަދު ގަބޫލުކުރަން އެބަ ޖެހެއެވެ. ހަގީގީ މައްސަލައަކީ ގާބިލް ނޫން މީހުން މަގާމްތަކަށް އައްޔަން ކުރުމެވެ. ކުންފުނިތައް ހަމަ މަގަށް މިސްރާބުކޮށް، ކުންފުންޏާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރުމަށް، އިލްމީ ގޮތުންނާއި ފަންނީ ގޮތުން ގާބިލް ނޫން މީހުންނާއި ކުންފުނިތަކުގެ ހިންގުން ހަވާލު ކުރެވުމެވެ. ސިޔާސީ މީހުންގެ ހިޔަނީގައި، ކުންފުނިތަކުގެ އެންމެ އިސްމަގާމްތަކާއި ހަމައަށް، ކުންފުނިތަކުން ކުރާ ފަންނީ މަސައްކަތަކާއި އެއްވެސް ގުޅުމެއް ނެތް، އޭގެ މައުލޫމާތުވެސް ނެތް، އިލްމެއް ހިލްމެއް ނެތް ފަރާތްތަކަށް އާދެވުމުގެ މަގު ފަހިވެފައި އޮތުމެވެ.

އެހެންކަމުން، މިއަދު ގަބޫލު ކުރަން ޖެހިފައިވާ އެއް ހަގީގަތަކީ، ސަރުކާތަކުން ކުންފުނިތަކަށް ފައިސާގެ ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރިކަމުގައިވި ނަމަވެސް، ކުންފުނިތައް ނުހިންގި، ޚިދުމަތް ނުދެވި، މުޒާހިރާ ކުރުމާއި ހަމައަށް މައްސަލަ ގޯސްވާންޖެހޭ އަސްލު ސަބަބާއި ހަމައަށް ވާސިލް ނުވެވޭހާ ހިދަކު، ދައުލަތުގެ މިފަދަ ކުންފުނިތައް އެއީ ސަރުކާރުތަކަށް އޮތް ބޮޑު ޒިންމާއެއް، އަދި ބޮލުގެ ރިހުމެއްގައި ގޮތުގައި ދެމި އޮންނަމުން ދާނޭ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.