އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެެމްގެ 20،000 މެމްބަރުން، ދަފްތަރު ސާފުކުރަންޖެހޭ: ފައްޔާޒު

އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެެމްގެ 20،000 މެމްބަރުން، ދަފްތަރު ސާފުކުރަންޖެހޭ: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 11:10
0

އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެެމްގެ 20،000 މެމްބަރުން، ދަފްތަރު ސާފުކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އދ.ހަންޏާމީދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އެމްޑީޕީއަކީ އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް ކަންކަން ނިމޭ ގޮތަށް އޮންނަ ޕާޓީއަކަށް ވެގެން ނުވާނެކަމަށެވެ. އެމްޑީޕީގެ އިންތިޚާބުތަކުގައި ނެގޭ ވޯޓުތަކުން ޕީޕީއެމް މެމްބަރުން ބޭނުންވާގޮތަށް ނަތީޖާ ނެރޭ ދަފްތަރެއް އޮތުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންމެ އިންތިޚާބަކަށް ބެލި ކަމުގައިވީނަމަވެސް މިކަން ބޮޑުވުމަކީ ޒަމާނުއްސުރެއް އޮތް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް ފައްޔާޟު ވިދާޅުވީ މިކަން ބަދަލު ކުރުމަކީ އޭނާ ކުރާނެ ކަމެއްކަމަށެވެ. އެމްޑީޕީގެ ދަފްތަރު ސާފުކޮށް އާންމު މެމްބަރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ބާރު ލިބިގެން ނޫނީ ޕާޓީ ރަނގަޅު މިސްރާބަކަށް ނުދާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނުވަތަ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ނޫނިއްޔާ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނުކުންނާނެ ކެންޑިޑޭޓު ހޮވަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓުލެވޭ.

– ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ އިލެކްޝަންސުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން 54،782 މީހުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 93،000 މެމްބަރުން ތިބިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތެއް ޕީޕީއެމަށް އޮވެގެން ނުވާނެ ކަމަށެވެ. މިހާރު އެގޮތަށް އޮތަސް އެއީ އިސްލާހުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ މެމްބަރެއް އޮތް ނަމަ ވަކިކުރަން ޖެހެއެވެ. ނުވަތަ ދެން އޮތް ގޮތަކީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވުން ކަަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.