ވެރިކަމުގައި ދެމިހުރިހާ ދުވަހަކު ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާ ކެމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހު ގައުމާ މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، މިތިބެވުނީ، ދިވެހި ޖުމްހޫރިއްޔާގެ ހަތް ވަނަ ވެރިކަމަށް، ދެ އަހަރު ފުރުމާ އެންމެ 6 ދުވަހާ ކައިރިއަށްއާދެވިފައިކަމަށެވެ. ރައްޔިތުން ކުރި އިތުބާރާއެކު، ވެރިކަމާ ޙަވާލުވެ، ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން ކަމަށް އެމަނިކުފާ ނުވިދާޅުވިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެބޮޑު ކަށަވަރުކަމަކީ، ދިވެހިންގެ މިނިވަންކަމާއި ސިޔާސަތަށް ގެއްލުންހުރި ކަންކަން ވިޔަ ނުދެއްވައި، ޤައުމުގެ އިސްލާމީ ސިޔާދަތު ހިފެއްޓުންކަމަށެވެ. އެކަން ވެރިކަމުގައި ދެމި ހުންނެވިހާ ދުވަހަކު ކުރައްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. އެއީ އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން.
– ރައީސް ޞާލިޙް
ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައިކަމަށެވެ. މި މަޤާމާ ޙަވާލުވުމަށް ފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން ކަށަވަރު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް. ހަމަނުޖެހުމެއްގެ ތެރެއަށް ވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ވެސް ޤައުމުގައި ފަތުރާލެވިދާނެ.
– ރައީސް ޞާލިޙް
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަން ދީގެން ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ