ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ވިސްނުމަކީ ހުދުމުހުތާރު ވިސްނުމެއް: ރައީސް

ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ވިސްނުމަކީ ހުދުމުހުތާރު ވިސްނުމެއް: ރައީސް

ވެރިކަމުގައި ހުންނަވާ ބޭފުޅަކު ވެރިކަމުގެ ދައުރު ހަމަނުވަނީސް ދެވަނަ ދައުރަކަށް ކުރިމަތި ލުމުގެ ވިސްނުން ގެންގުޅުމަކީ ވަރަށް ހުދު މުހުތާރު ސިފައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ވެ ވަޑައިގެންފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ވިސްނުމުގެ ބަދަލުގައި އެންމެބޮޑު އިސްކަމެއް ދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ތަންފީޒުކޮށް ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައި ދިނުމަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވައުދު ނުފުއްދައި ދެވަނަ ދައުރަކަށް އަމާޒު ކަނޑައެޅުމަކީ ވަރަށް ހުދުމުހުތާރު ސިފައެއްކަމަށެވެ. އެވިސްނުން އެމަނިކުފާނު ނުގެން ގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކަނޑައެޅިގެން އަންނަ ދައުރުގައި ކުރިމަތި ލައްވާނެކަމެއް ނުވަތަ ނުލައްވާނެކަމެއްވެސް ރައީސް ޞާލިހު ވިދާޅުވެފައެއް ނުވެއެވެ.

އެމަނަކުފާނު ވިދާޅުވީ ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުންކަމަށެވެ. ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި މިއަންނަނީ ކުރަމުންކަމަށެވެ. އޭގެ ސަބަބުން، ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުންކަމަށެވެ.  ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަން ދަމަހައްޓަވާއިރު ކޯލިޝަންގެ ތެރެއިން ވެރިކަން ކުރެއްވުމަކީ އެމަނިކުފަނަށް ދަތިކަމެއް ނޫންކަމަށެވެ. އަދި މިވީ ދުވަސްތަކުގައި ކޯލިޝަން ހިފެހެއްޓުމަށް ކުރެއްވި މަސައްކަތާއި، ކާމިޔާބްކަމާއިއެކު ކޯލިޝަން ދެމެހެއްޓުމަށް ކުރެވުނު މަސައްކަތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައި ގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *