އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި ދައުލަތުގެ މުދަލާއި ވަސީލަތްތަކުން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ހުށަހެޅި ޝަކުވާތައް އެ ޕާޓީން ބަލަން ފަށައިފިއެވެ.
އިންތިގެ ކެމްޕޭން ތަރުޖަމާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކެމްޕޭންގައި މެމްބަރުންގެ ފަރާތުން ލިބިފައިވާ ވަރަށް ގިނަ ޝަކުވާތަކާ ގުޅިގެން ބައެއް މައްސަލަތައް އެތެރޭގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަތައް ބަލަމުން އަންނަނީ ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ އިންތިހާބަށް އެކުލަވާލާފައި އޮތް ޝަކުވާ ބަލާ ކޮމިޓީންނެވެ.
އޭގެ ތެރެއިން މައްސަލައަކަށް ޖަވާބު ފޮނުވައި ބަލަމުން އަންނަ ކަމަށް ކޮމިޓީން ޔަގީންކަން ދީފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ. ކޮމިޓީން ޖަވާބު ފޮނުވީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިއަށް ތާއީދުކުރާ މީހުންނަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި މީހުން މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ބިރުދައްކަމުންދާ ކަމަށް ހުށަހެޅި މައްސަލައިގައެވެ.
ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުން ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ދިނުމާއި ވަޒީފާތަކުން މީހުން ވަކިކުރުމާއި އިންޒާރު ދިނުމާއި ދައުލަތުގެ ވަސީލަތްތަކުގައި ކެމްޕޭން ކުރަމުންދާ ކަމަށް އިންތިގެ ޓީމުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މިހުރިހާ ތުހުމަތުތަކަށް ފައްޔާޒުގެ ޓީމުން ވަނީ ދޮގުކޮށްފައެވެ.
އަންނަ މަހުގެ 14 ގައި އޮންނަ އެމްޑީޕީގެ އިންތިހާބުގައި 94,000 އަށް ވުރެން ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ