ފްރެންޗް ލީގުގައި ރޭ ކްލާމެންޓް ފޫޓް އަތުން 6-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި ކީލިއަން އެމްބާޕޭ އާއި ނޭމާ ހެޓްރިކް ހަދައިފިއެވެ.
ޕީއެސްޖީން ރޭ ކްލެމޮންޓާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 6-1 އިންނެވެ. މި މެޗުގައި ނޭމާ އާއި އެމްބާޕޭ، ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، މެސީ ވަނީ ތިން ގޯލުގައި އެސިސްޓް ކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި މި ތިން ކުޅުންތެރިން ވަނީ އެއް މެޗެއްގައި ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލަނޑު ޖަހައިދީފައެވެ.
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން ގޯލު ހުޅުވައިދިނީ ނޭމާއެވެ. އަދި މެޗުގެ 19 ވަނަ މިނިޓްގައި މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން އެމްބާޕޭ ޕީއެސްޖީގެ ލީޑުފުޅާކޮށްދިނެވެ. ލީގުގެ 17 ވަނައިގައި އޮތް ކްލާމެންޓް ފޫޓުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އުންމީދެއް ހޯދިއެވެ. އެ ޓީމުގެ ގޯލު ޖެހީ ޖޯޑެލް ޑޮސޯއުއެވެ.
ލަނޑެއް ޖަހައި، ކްލާމެންޓުން ކޮންމެ ވެސް ވަރެއްގެ އުންމީދެއް ހޯދި ނަމަވެސް އެ ޓީމަށް ދެ ވަނަ ހާފްގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ޕީއެސްޖީގެ ތަރިން ތިބީ ތަފާތު ފޯމެއްގަ އެވެ. ޕީއެސްޖީން ފަހު ހަތަރު ގޯލު ޖެހީ މެޗުގެ ފަހު 20 މިނިޓް ތެރޭގައެވެ.
އެ ގޮތުން މެޗުގެ 71 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ނޭމާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އޭގެ ތިން މިނިޓް ފަހުން ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައި، މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފައެވެ. އެކަމަކު، އެ ހިސާބުން ވެސް މަޑުނުޖެހި ޕީއެސްޖީން އެޓޭކްތައް ގިނަކުރިއެެވެ. ނަތީޖާ އަކީ ނޭމާ އާއި އެމްބާޕޭ އިތުރު ދެ ގޯލު ޖަހައި، ދެ ކުޅުންތެރިންގެ ހެޓްރިކް ފުރިހަމަކުރުމެވެ، އެމްބާޕޭ ޖެހި ގޯލަށް މެސީ ބޯޅަ ދިންއިރު، ނޭމާ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭއެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީން ވަނީ ލީގުގެ އެއްވަނައިގައި ނަގާފައިވާ 15 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފައެވެ. އެޓީމު އެއްވަނައިގައި އޮތީ 31 މެޗު ކުޅެގެން ހޯދި 71 ޕޮއިންޓާ އެކުއެވެ.