ކެޓްރީނާ ލޯބީގައި ވަރަށް ނާކާމިޔާބު!

ކެޓްރީނާ ލޯބީގައި ވަރަށް ނާކާމިޔާބު!

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2022 03:44
0

ކެޓްރީނާ ކައިފަކީ ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާގެ މަގުބޫލު ކަމާއި މަޝްހޫރު ކަން ދަނީ މެދުއުޑުގައި ފިޔަޖަހަމުންނެވެ. ކާމިޔާބީ ގައި އޭނާ މިވަގުތު ހުރީ އެންމެ އުހުގައެވެ. ނަމަވެސް ލޯބީގައި ކެޓްރީނާ އަކީ ވަރަށް ނާކާމިޔާބު މީހެކެވެ.

ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާނާއި ކެޓްރީނާއާ މެދުގައި ލޯބީގެ ގުޅުމެއް އުފެދިގެން އައީ 2003 ވަނަ އަހަރުއެވެ. މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނެފައިވަނީ އެދެމީހުން ބައްދަލުވީ ވަރަށް ފިލްމީކޮށް ކަމަށެވެ. މިވާހަކަ އިތުރަށް ތަފްސީލުކޮށްދެމުން ކެޓްރީނާ ބުނީ ސަލްމާނާ ފުރަތަމަ ބައްދަލުވީ ސަލްމާން މެން ގޭގައި އޮތް ޕާޓީއަކަށް ދިޔަ ދުވަހެއްގައި ކަމަށެވެ. ކެޓްރީނާ އާއި، ސަލްމާންގެ ކޮއްކޮ އަލްވީރާ އަކީ ވަރަށް ގާތް ދެ ރަހުމަތެރިންނެވެ. އެދެމީހުން އެންމެ ފުރަތަމަ ބައްދަލުވި ގޮތް ކެޓްރީނާ ވަނީ ތިލަކޮށްފައިއެވެ.

"އަހަރެންނަށް ސަލްމާން ފެނުނީ އޭނާ ފެންވަރައިގެން ފާހަނާއިން ނުކުތްގަޑީގައި. ތުވާލި އޮޅާލައިގެން ސަލްމާން ހުރީ، ޓޮޕްލެސް ކޮށް" އެ އިންޓަވިއުގައި ކެޓްރީނާ ވަރަށް ލަދުން އިނދެ ކިޔައިދިނެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެދެމެދުގައި އަބަދުވެސް ދިއައީ މައްސަލަ ޖެހެމުންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ކެޓްރީނާ، ސަލްމާނާ ރައްޓެހިވީ ވަކި މަގުސަދެއްގައެވެ. އެއީ އޭނާގެ ފިލްމީ ކެރިއަރު ރަނގަޅު ކުރުމެވެ. އެ މަގްސަދު ހާސިލު ކުރިކަމަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރާ މީހުން ބުނެއެވެ.

އިންޓަވިއުއެއްގައި ކެޓްރީނާ ބުނެފައިވަނީ ސަލްމާނަކީ އޯވަ ޕޮސެސިވް ލޯބިވެރިއެއް ކަމުގައެވެ. ސަލްމާންގެ މިޒާޖުގެ ސަބަބުން ކެޓްރިނާ އުފާނުވާކަމަށްވެސް އޭނާ ބުނެފައި ވެއެވެ. މިގެ އިތުރުން ވެސް ކެޓްރިނާ ބުނެފައިވަނީ ސަލްމާން ބޭނުންވަނީ އޭނާ ކޮއްޓެއްގައި ބައިންދަން ކަމަށެވެ. އާއިލާ އާއި ރައްޓެހިންނާއި ވެސް އެއްވެސް ގުޅުމެއް ބާއްވަން ސަލްމާން އެއްބަސްނުވާ ކަމަށާއި ފިލްމު ތަކުގެ ކޯ ސްޓާރުންނާއި އަޅުވާ ކިޔާކަމަށްވެސް ކެޓްރީނާ ބުނެފައި ވެއެވެ. ކެޓްރީނާގެ ކޮންޓުރޯލް ސަލްމާންގެ އަތުގައި އޮންނަށް ކެޓްރީނާ ބޭނުން ނުވާކަމަށާއި، އެގުޅުން އެހިސާބަށް އައި އިރު ކެޓްރީނާ ހުރީ ފެޑަޕްވެފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އެ ދެމެދުގައި އޮތް ގުޅުން ކެޓްރީނާ ކަނޑާލީ ފޮނުވާލި އެސްއެމްއެސް އަކުންނެވެ.

ސަލްމާންގެ ކުރީގެ ލޯބިވެރިއާ އައިޝްވާރިޔާ ރާއީވެސް ވަނީ މި ބީދައިން ސަލްމާން ޚާން ކަންތައްކުރާކަމުގެ ތުހުމަތުކޮށްފައެވެ. ސަލްމާން އަތް އިސްކުރާ ކަމަށާއި އެދެމެދުގައި އަބަދު މައްސަލަޖެހޭ ކަމަށް އައިޝްވާރިޔާވެސް ވަނީ ބުނެފައެވެ.

ސަލްމާން އާއި އޮތް ގުޅުން ކެނޑި ކެޓްގެ ދިރިއުޅުމަށް އިތުރު ފަރާތެއް

2010 ވަނަ އަހަރު ހަބަރުތަކުގެ ފަލަސުރުހީން ޖާގަ ހޯދީ ރަންބީރު ކަޕޫރާއި ދީޕިކާ ޕަޑުކޯންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ޚަބަރެވެ. މި ދެތަރިންނަކީ އެކަކު އަނެއްކަކު ދެކެ އިންތިހާ އަށް ލޯބިން އުޅުން ދެތަރިންނެވެ. އެކިއެކި އިންޓަވިއު ތަކުގައި ވަރަށް ހާމަކަށް ބޮޑު ގޮތެއްގައި ދެތަރިން ވެސް ދިއައީ މި ލޯބި ހާމަކުރަމުންނެވެ. އަހަރެއްގެ ތެރޭގައި މި ގުޅުމުގައި ރެނދުލާ އެންމެ ފަހުން ދެމީހުން ވަކިވީއެވެ. ނަމަވެސް މި ދެމެދުގައި އޮތް ގުޅުން ނިމުމަށް އައީ އެ ދެމެދަށް ތިންވަނަ މީހެއް އައުމުގެ ސަބަބުނެނެވެ.

2009 ވަނަ އަހަރު ކެޓްރީނާ އަދި ރަންބީރު އެކުގައި ކުޅުނު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ގެ ސެޓްގައި ފިލްމުގެ އިތުރުން އެހެން ޑްރާމާއެއް ވެސް ކުޅެވެމުން ދިޔައެވެ. އެއީ ކެޓްރީނާ އާއި ރަންބީރުގެ ދިރިއުޅުމަށް އައި ގާތްކަމެވެ. އޭރު ރަންބީރު ދިޔައީ ދީޕިކާ އާއެކު ލޯބީގެ ގުޅުމެއް ބާއްވަމުންނެވެ. އަދި ހަމަ އެހެންމެ ކެޓްރީނާ ދިޔައީ ސަލްމާނާ ޑޭޓް ކުރަމުންނެވެ.

ކެޓްރީނާ އާއި ރަންބީރު އެދެމީހުންގެ ލޯބީގެ ދުނިޔޭގައި އުޅެމުންދިޔައީ ދުނިޔޭގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީގެންނެވެ. އެކަކު އަނެއްކަކު ދެކެ މި ދެމީހުން ތިބީ އިންތިހާ އަށް ލޯބިވެފައިއެވެ. ނަމަވެސް ގުޅުމާއި ގުޅޭގޮތުން ކުރާ އެއްވެސް ސުވާލަކަށް މި ދެތަރިންކުރެ އެކަކުވެސް ޖަވާބު ދީފައިއެއް ނުވެއެވެ. ބަދަލުގައި ރިޕޯޓަރުންގެ ސުވާލުތަކާމެދު ހިތްހަމަ ނުޖެހި ވަރަށް ރޫޑް ޖަވަބު ދިނުމާއި އިގްނޯކޮށްލަނީއެވެ. ނަމަވެސް މި ދެތަރިން އެކަކު އަނެއްކަކާ ބައްދަލު ކުރުމާއި އެކެއްގެ އެޕާޓްމެންޓުން އަނެކެއްގެ އެޕާޓްމެންޓަށް ދިއުމާއި އެކުގައި ވަގުތު ހޭދަކުރުމުގެ ކިތަންމެ މަންޒަރެއް ކެމެރާ ތަކުގެ ލެންސަށް ވަނީ އަރާފައެވެ.

އޭގެތެރެއިންވެސް ކެޓްރީނާ އަދި ރަންބީރު އެކުގައި ޗުއްޓީއެއް ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު އެދެމެދުގައި އޮތް ގުޅުން ވަނީ ފަޅާއަރާފައެވެ. ބިކިނީގައި ކެޓްރީނާ ފޮޓޯތަކުން ފެނިގެން ދިއައިރު ރަންބީރު ހުރީ ސޯޓްބުރިއެއް އެކަނި ލައިގެންނެވެ. ދެންވެސް މި ގުޅުމާއި ގުޅޭގޮތުން ރަންބީރާއި ސުވާލުކުރުމުން އޭނަ ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް މި ފޮޓޯތަށް ލީކުވުމާއި އެކު ސަލްމާން ވަނީ އެދެމީހުންގެ މެދުގައި އޮތް ގުޅުމަށް އިހުތިރާމް ކުރާކަމަށާއި އަދިހަމަ އެހެންމެ ކެޓްރީނާ އާއި ދެމެދުގައި ރައްޓެހި ރަހުމަތެތިކަން އޮންނާނެކަމަށް ބުނެ މީޑީއާއަށް އިންޓަވިއުއެއް ދީފައެވެ.

ކެޓްރީނާ އާއި ރަންބީރުގެ ގުޅުމަށް ރަންބީރުގެ މައިންބަފައިންވެސް ވަރަށް އެދޭކަން ވަނީ ހާމަކޮށްފައެވެ. އެ ދުވަސްވަރު ދިން އިންޓަވިއުއެއްގައި ރިޝީވަނީ އެކަން ހާމަކޮށްފައި ވެސް މެއެވެ. އަދި އެދެމީހުންގެ ކައިވެނީގެ ވަހަކަތަކެއްވެސް ދިޔައީ އިވެމުންނެވެ. ހަމަ އެހެންމެ ކެޓްރީނާވަނީ ރަންބީރުގެ އާއިލީ އެއްވުން ތަކުންވެސް ފެނިގެން ގޮސްފައިއެވެ.

ކެޓްރީނާ އާއި ރަންބިރުގެ ދިރިއުޅުމަށް ދެވަނަ ފަހަރަށް ރަންބީރުގެ ކުރީގެ ލޯބިވެރިއާ އައުން ވެގެން ދިއައީ ކެޓްރީނާ އާއި ރަންބީރުގެ ގުޅުމުގައި ރެނދުލާން ފެށި ސަބަބު ކަމުގައެވެ. ނަމަވެސް ކުޅުނު ހުރިހާ ފިލްމެއް ފުލޮޕްވެ އެންމެ ފަހުން ރަންބީރަށް ޖެހުނީ ދީޕިކާ އާއި އެކު “ތަމާޝާ” ކުޅޭށެވެ. މި ފިލްމުގެ ޕުރޮމޯޝަންގައި މި ދެތަރިން ފެނިގެން ދިޔައީ ވަރަށް ގާތްކޮށެވެ. ނަމަވެސް އޭރު ދީޕިކާ ދިއައީ ރަންވީރު ސިންގއާ ޑޭޓް ކުރަމުންނެވެ.

2016 ވަނަ އަހަރު ގެ ކުރީކޮޅު ޚަބަރުތަކުގެ ފަލަސުރުހީން ޖާގަ ހޯދީ ރަންބީރާއި ކެޓްރީނާގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ހަބަރެވެ. އޭރު މި ދެތަރިން ވަނީ އަމިއްލަ ގެއެއް ބިނާކުރަން ފަށާފައެވެ. ދެމީހުން ވެގެން އެޕާޓްމެންޓެއް ހޯދައި އެތަނަށް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. މި ގުޅުން ނިމުނު ސަބަބަކަށް ވީ ކެޓްރީނާގެ ކުރީގެ ލޯބިވެރިއާ ސަލްމާނެވެ.

ރަންބީރާ އޮތް ގުޅުން ނިމުމަކަށް ގެނައުމަށްފަހު އާދުވަހަކަށް އިރު އެރުމާއި އެކު ހެނދުނު ހެނދުނާ ކެޓްރީނާ ދިއައީ ސަލްމާން އާއި ބައްދަލު ކުރުމަށެވެ. އެއަށް ފަހު އެދެމީހުން ވަނީ ބިގްބޮސްގެ ފިނާލޭއިން ވަރަށް ގާތްކޮށް ފެނިގެން ގޮސްފައެވެ. ނަމަވެސް ސަލްމާނާ އެހާ ހެނދުނާ ބައްދަލު ކުރަން ދިޔުމާ ގުޅޭގޮތުން ކުރެވޭ ސުވާލަށް ދެތަރިންކުރެ އެކަކުވެސް މިހާތަނަށް ޖަވާބެއް ދީފައިއެއް ނުވެއެވެ.

ރަންބީރާއި ކެޓްރީނާ އެކަކު އަނެއްކަކަށް ދިއައީ ނަފުރަތު ކުރަމުންނެވެ. ހަމަ އެހެންމެ އެކަކު އަނެކެއް ފެންނަ ހިސާބަށް ދާންވެސް ދެތަރިން ވަނީ ދެކޮޅު ހަދާފައެވެ. މި ދެތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުން މާޒީވެ ދެމީހުންވެސް މިހާރު މިވަނީ މުޅިން އާ ބައިވެރިންނާ އެކު އާ ހަޔަތެއް ފަށާފައެވެެ.
އެގޮތުން ކެޓްރީނާ ވަނީ އެކްޓަރު ވިކީ ކޯޝަލްއާ 9 ޑިސެމްބަރު 2021 ގައި ކައިވެނި ކޯށްފައެވެ. އަދި ހަމަ އެހެންމެ ރަންބީރު ކަޕޫރު ވެސް ވަނީ އެކުގައި 5 އަހަރުވީ ލޯބިވެރިޔާ އާލިއާ ބަޓާ މިމަހު ކައިވެނިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.