ކުޅިވަރު ކުރިއެރުވުމުގައި ތަފާތެއް ނުކުރާނަން: ރައީސް

ކުޅިވަރު ކުރިއެރުވުމުގައި ތަފާތެއް ނުކުރާނަން: ރައީސް

Author
މުޙައްމަދު ޖިމީ
10 އޭޕްރިލް 2022 11:53
0

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމުގައި ވަކި ކުޅިވަރެއް ތަފާތުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންނާ ދާއިމީ ރޭސިންގ ޓްރެކެއްގެ ބޭނުންތެރިކަންފަދަ މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަޙައްދެއް ބޭނުންވާކަން އެ ސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަކިކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ރޭސިންގ އެސޯސިއޭޝަނުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.