މި ސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ސިޔާސީ ބޭނުމަށާއި، އަމިއްލަ ފައިދާއަށް ދީން ބޭނުންކުރައްވާކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ސަޢީދު ރައްދު ދެއްވާފައިމިވަނީ، މަސކިތުގައި ސިޔާސީ ޕާޓީގެ ނަމުގައި ދީނީ ދަރުސް ނުބޭއްވޭނެކަމަށް ޕީޕީއެމްއަށް އެންގުމަށްފަހު އަދާލަތު ޕާޓީގެ ލޯގޯގައި މިސްކިތުގައި ދަރުހެއް ބޭއްވުމުންނެވެ. މިސަރުކާރުގެ ހޯމް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރަކީ އަދާލަތު ޕާޓިގެ ސްލޮޓުގައި ވަޑައިގެންތިއްބެވި ދެ ވަޒީރުންނެވެ.
ސިޔާސީ ޕާޓީ ތަކަށް ދަރުސް ދެވޭނީ މިސްކިތްތައް ނޫން ތަންތަނުގައި އެކަނި ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވުމަށްފަހު، އިއްޔެ މަސްޖިދު ޝަހީދު ޢަލީގައި ޕާޓީ އަކުން ލޯގޯ ޖަހައިންގެން ދަރުސް ދީފައިވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
މިކަމާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ، ސިޔާސީ ކޮންމެ މޫސުމެއްގައި، އެމޫސުމަކާއި ވޯޓުފޮއްޓަށާއި އަމިއްލަބޭނުމަށް އެންމެފަހިވާ ގޮތަކަށް ދީން ބޭނުންކުރައްވާ ހޯމްމިނިސްޓަރު ހަދީޘް ދަރުސް ނަންގަވައި ނުދީ މިރަމަޟާންމަހު ހަމަޖެހިލައިގެން މީހުން ރޯދަހިފިޔަދެއްވުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމާއި ދީނީ މައުލޫމާތު ދިނުން އަބަދުވެސް ކުރިއަށް ގެންދެއެވެ. ޚާއްޞަކޮށް ރަމަޟާން މަހު މިސްކިތްތަކުގައި ދީނީ ދަރުސް ދިނުން ކުރިއަށް ދެއެވެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ ފިކުރެއް މިހާތަަނަށް ފާޅުކޮށްފައިވާތަން ފެނިފައި ނުވެއެވެ.