ކޯވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށް އަޅާފައި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ހައްޖުވުމުގެ ފުރުސަތު ދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި އޮންނަތާ 2 އަހަރަށްފަހު، މިފަހަރު 1 މިލިއަން މުސްލިމުންނަށް ހައްޖުވުމުގެ ފުރުސަތު ދޭނެކަން ސައުދީ އަރަބިއާއިން ހާމަ ކޮށްފިއެވެ.
ސައުދީ އަރަބިއާގެ ހައްޖު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއާއިންނާއި ދުނިޔޭގެ އެހެން ގައުމުތަކުން ޖުމްލަ 1 މިލިއަން މުސްލިމުންނަށް، ހައްޖު ވުމަށް އެގައުމަށް ސައުދީދަތުރު ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަމުގައެވެ.
ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ދީނީ އެއްވުން ކަމުގައިވާ ހައްޖުގެ އަޅުމަށް، ކޯވިޑްގެ އާލަމީ ވަބާގެ ކުރިން، 2019ވަނަ އަހަރު 2.5 މިލިއަން މުސްލިމުން ހައްޖުވުމަށް ސައުދީ އަރަބިއާއަށް ދަތުރު ކޮށްފައި ވެއެވެ.
އެހެންނަމަވެސް، 2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެއަށް އާންމު ވެގެންދިޔަ ކޯވިޑްގެ ކާރިސާއަށްފަހު، 2020ވަނަ އަހަރު ސައުދީ އަރަބިއާއިން ހައްޖު ވުމުގެ ފުރުސަދު ދީފައިވަނީ އެންމެ 1،000 މީހުންނަށެވެ. އަދި ޖެހިގެން އައިއަހަރު، ސައުދީ އަރަބިއާއިން ވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ 60،000 މީހުންނަށް މިއަދަދު އިތުރު ކޮށްފައެވެ.
ހޮނިހިރު ދުވަހު ސައުދީ އަރަބިއާއިން ބުނެފައިވަނީ މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބިގެން ދާނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ، އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަނި ކަމުގައެވެ. އަދި ހައްޖުވުމަށް ސައުދީ އަރަބިއާއަށް ދަތުރުކުރާ އެންމެންވެސް، ދަތުރަށް ފެށުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެއެވެ.