ހަނގުރާމައިގެ ލީޑަރޝިޕަށް ރަޝިއާއިން ބޮޑެތި ބަދަލުތަކެއް ގެނެސްފި

ހަނގުރާމައިގެ ލީޑަރޝިޕަށް ރަޝިއާއިން ބޮޑެތި ބަދަލުތަކެއް ގެނެސްފި

Author
ހުސެއިން
09 އޭޕްރިލް 2022 12:28
0

ޔޫކުރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި އިސްކޮށްތިބި ކޮމާންޑަރުން ރަޝިއާއިން ބަދަލު ކޮށްފައި ވާކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެފިއެވެ.

ހުޅަނގުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ޔޫކުރެއިންގައި ރަޝިއާއިން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ކޮމާންޑު މިހާރު ހަވާލު ކޮށްފައިވަނީ، އެގައުމުން ސީރިއާގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ޖެނެރަލްއަކާ ކަމުގައެވެ.

ނަންހާމަ ނުކުރުމަށް އެދެމުން ބައެއް މީޑިއާތަކަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ސީރިއާގެ އޮޕަރޭޝަންތައް މިހާރު ކޮމާންޑު ކުރަމުން ދަނީ، ރަޝިއާގެ ސަދަން މިލިޓަރީ ޑިސްޓްރިކްޓްގެ ކޮމާންޑަރު ޖެނެރަލް އެލެގްޒެންޑަރ ޑޮނިކޯވްއެވެ.

"މި ކޮމާންޑަރަކީ ރަޝިއާއިން ސީރިއާގައި ކުރިޔަށް ގެންގޮސްފައިވާ އޮޕަރޭޝަންތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ހުރި ކޮމާންޑަރެއް. އެހެންކަމުން، މުޅި ކޮމާންޑް އެންޑް ކޮންޓްރޯލްއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާތަން ފެނިގެންދާނެ،" މައުލުމާތު އެގިހުރި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި، ރަޝިއާގެ ލީޑަރޝިޕަށް ގެނައި މި ބަދަލުގެ ބޭނުމަކީ، ތަފާތު ޔުނިޓަތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން އިތުރު ކުރުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމުގައެވެ. ރަޝިއާގެ ޔުނިޓްތައް ކުރިން މަސައްކަތް ކޮށްފައިވަނީ، މުޅިން ވަކިވަކިން ކޮމާންޑް ކޮށްގެން ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

މިހާރު 44 ދުވަސް ފާއިތިވެގެން ގޮސްފައިވާ ހަނގުރާމާގައި، ޔޫކުރެއިންގައި ރަޝިއާއަށް މާބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައެއް ނުވެއެވެ. އަދި ޔޫކުރެއިން ބޮޑު އެއްވެސް ސިޓީއެއް ބާރުގެދަށަށް ނުގެނެވި، ރަޝިއާއިން މިހާރު އަމާޒު ހިފާފައިވަނީ، އެގައުމުގެ އިރުމަތީ ސަރަހައްދުތައް ކަމުގައިވާ ޑޮމްބަސް ރީޖަންއަށެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަޝިއާއިން މިހާރު މަސައްކަތް ކުރަމުންދަނީ، އަންނަ މޭމަހުގެ 9 ވަނަ ދުވަހުގެ ކުރިން މި ހަނގުރާމާއިން ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ހޯދިއްޖެކަން ދެއްކޭވަރުގެ ކުރިއެރުމެއް ހޯދުމަށެވެ. މޭމަހުގެ 9ވަނަ ދުވަހަކީ ދެވަނަ ބޮޑުހަގުރާމާގައި އެގައުމަށް ކާމިޔާބު ލިބުނު ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ.ޙަނ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.