މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ހިޔާ ޔޫނިއަންއާއި ބައްދަލުކުރައްވާ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަށް އަޑު އައްސަވައިފިއެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެބޭފުޅުން ހިއްސާ ކުރެއްވީ ރަމަޟާން މަހާއި ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުމެވެ. ފިނިޝިންގ ނުނިންމާ ރައްޔިތުންނާއި އެތަން ހަވާލު ކުރުމުން އެތަނުގައި ދިރިއުޅޭ މީހުންގެ އަތުން ބޮޑަތި ޚަރަދުތަކެއް ކުރިނަމަވެސް މިކަމަށް ސަރުކާރުން އެއްވެސް ލުޔެއް ދީފައިނުވާ ކަންވެސް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.
ހިޔާ ފްލެޓް ސަރަޙައްދުގައި ސަރުކާރުން މަގުތައް ހަދާފައި ވަނީ ރައްޔިތުންނަށް އެތައް ގޮތަކަށް އުނދަގޫ ވާ ގޮތަށްކަން ވެސް ހިޔާ ޔޫނިއަންގެ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މަގު ހަދާ އެތަން ބޭނުން ކުރަން ފަށާފައި ވާއިރު އެމަގު ތަކުގައި ސްޓްރީޓް ލައިޓު ނެތް ކަމަށާއި ފައި މަގުގައި އުޅޭ ރައްޔިތުން ހިނގުމަށް މަގުގެ އެއް ފަރާތުގައި ޕޭވްމެންޓެއްވެސް ނެތްކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި މަގުތަކުގައި އެއްވެސް ރޯޑް މާކިންގއެއް ނެތުމުގެ ސަބަބުން މަގުތަކުގައި ޕާކު ކުރުމުގައި އެއްވެސް އުސޫލެއް ނެތްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
މި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ފަރާތުން ބައިވެރިވީ ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް އާއި އެ ޔޫނިއަންގެ ފައިނޭންސް އޮފިސަރ އަބްދުއް ސައްތާރުއެވެ. ބައްދަލު ވުމާއި ގުޅިގެން ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް ވިދާޅުވީ ޔޫނިއަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް މާލެ ސިޓީގެ މޭޔަރުގެ ފަރާތުން އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމަށެވެ.
ހިޔާ ޔޫނިއަންގެ ފަރާތުން އިތުރަށް ފާހަގަކުރެއްވީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުނި ނެގުން ހުއްޓާލަން ނިންމާފައި ވާކަމާއި އެކަމުގެ ސަބަބުން މަގުތަކުގައި ކުނިތަށް ގިނަވެ ނަޖިސްވަމުންދާކަމުގެ ކަންބޮޑުވުމެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލެ ސިޓީގެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަ ކުރުމަށާއި، ފިނިޝިންގ ނިންމަން ކުރިން ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށާއި، ހިޔާ ފްލެޓްގެ ކުލި ނަގަންފަށާ މުއްދަތު އިތުރު ކޮށްދިނުމަށްވެސް މޭޔަރު ވަނީ ރަސްމީކޮށް ސަރުކާރުގައި ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ