"މަތިން ތިރިޔަށް ތަރައްޤީ" ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ތޮއްޖެހުން އެންމެ ބޮޑު ގަލޮޅު ދަނޑު ތަޅާލައި އަލުން ޤައުމީ ފުޓުބޯޅަ ދަނޑު އެތަނުގައި އިމަރާތް ކުރުމަށް ނިންމައި ކުރެހުންތައް އާންމު ކުރުމާއި ގުޅިގެން ގިނަބަޔަކު އެކަމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ގަލޮޅު ދަނޑު ތަރައްޤީކުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް މިވަނީ އައު ގަލޮޅު ދަނޑުގެ 3D ކުރެހުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
މޭޔަރު މުއިއްޒު ވިދަޅުވީ "މަތިން ތިރިޔަށް ތަރައްޤީ" ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް ކަމަށެވެ. ރައްޔިތުން ކައިރީ އަހައި ނުލައި، ކަމާއި ގުޅުންހުރި އިދަރާތަކުގެ އެއްވެސް މަޝްވަރާއެއްނެތި ކުރެވޭ ކަންކަމަކީ އޭގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް އެކުލެވޭ ކަމެއްކަމަށް ތުހުތަމަކު ކުރުމުގެ ޖާގަ ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭ ރައްޔިތުން ކައިރީ، ވަކިން ޚާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އައްސަވާލެއްވިންތޯ؟ މާލެ ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވިންތޯ؟ 'މަތިން ތިރިޔަށް ތަރައްޤީ' ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް!
– މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން، ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާ ވަނީ ގަލޮޅު ދަނޑު ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ.
އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ގާތްގަނޑަކަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭ.އެފް.ސީ ޗެލެންޖް ކަޕަށެވެ. އެފަހަރު ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާއާއި ވީއައިޕީއަށް ޚާއްސަކޮށް އިމާރާތެއް ހެދިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ސަރަހައްދީ ފެންވަރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ބައެއް މަރާމާތުތައް ދަނޑުގައި ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ